ދައުލަތަށް ހިޔާނާތްތެރިވެފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިއާސީ ކޮމިޝަނަށް ހާޒިރުވެވަޑައިނުގެންނެވި މައްސަލައިގެ ތަހުގީގަށް، ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށް އެންގުމުން ފުލުސް އޮފީހަށް ވަޑައިގަތީ، އެ ކަމަށް ދެކޮޅު ހައްދަވައިފި ނަމަ، ފުލުހުން ހިންގާ އަމަލެއްގެ ސަބަބުން އާންމުންގެ ބަޔަކަށް ލިބިދާނެ ގެއްލުމަކަށް ބައްލަވާފައި ކަމަށް، ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުންނާއި ސިފައިންގެ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާ އެކު ރައީސް މައުމޫން، ރޭ ފުލުސް އޮފީހަށް ވަޑައިގަތުމުން ކުރެއްވި ތަހުގީގާ ބެހޭ ގޮތުން ހަވީރަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ ފުލުހުން އެ މަނިކުފާނު ފުލުސް އޮފީހަށް ހާޒިރުކުރީ ނޫން ކަމަށާއި އަމިއްލަ އަށް ފުލުސް އޮފީހަށް ވަޑައިގަތީ ކަމަށެވެ. އަދި ރިއާސީ ކޮމިޝަނަށާއި ފުލުސް އޮފީހަށް ހާޒިރުކުރުމުގެ ގާނޫނީ އެއްވެސް ބާރެއް އެ މުއައްސަސާތަކަށް ލިބިގެންނުވާ ކަމަށާއި އެހެންވީމާ ފުލުހުން އެންގިއަސް ދާން ނުޖެހޭނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށް ފުލުހުން އެންގި އެންގުމަކީ ގާނޫނީ އިމުން ބޭރުން ކުރި އަމުރެއް ކަމަށާއި އެފަދަ އަމުރަކަށް ނުކިޔަމަންތެރިވުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ފަދައިން އެ މަނިކުފާނަށް ވެސް ލިބިގެންވާ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑު ގަސްދުކޮށްގެން ހުރީ ނުދާން. އެކަމު މި ކަން މިހެން އުޅޭކަން އެނގުނީމާ، ]އަލިވާގޭ ދޮށަށް މީހުން އެއްވީމާ[ އަޅުގަނޑަށް ސަޕޯޓްކުރައްވާ ވަރަށް ގިނަ ދިވެހި ރައްޔިތުން މި ތަނަށް އައީ. ދެން ފުލުހުން މި އަންގަނީ އަޅުގަނޑު ދާންވިއްޔޭ. ތިމަންނަމެންނަށް އޯޑަރު އޮތީ ކޮންމެ ގޮތެއް ހަދާފަ ނަމަވެސް މައުމޫން މިރޭ ގެންނާށޭ. ދެން އަޅުގަނޑު ބުނިން ނުގެންދެވޭނެޔޭ،" މައުމޫން ވިދާޅުވި އެވެ.
ނަމަވެސް މައުމޫން ވިދާޅުވި ގޮތުގައި އެ ނިންމުން ބަދަލުކުރެއްވީ، އެހެން ހައްދަވައިފި ނަމަ، ފުލުހުން އެ މަނިކުފާނު ގަދަކަމުން ގެންދަން ކުރާ މަސައްކަތެއްގައި އާންމު ރައްޔިތުންނަށް ގެއްލުމެއް ލިބިދާނެކަމަށް ބައްލަވާފައި އެފަދަ ކަމެއް ހިނގަން ބޭނުންފުޅު ނުވާތީ އެވެ.
"ފުލުހުން އައިސް ގަދަކަމުން ވަދެ، ކަރުނަގޭސް އުކައި އަނެއްކަމެއް ކޮށް ތަޅާފޮޅައި ހެދީމާ، ގެއްލުންވާނީ ދިވެހި ރައްޔިތުންގެ ބަޔަކަށް. އަޅުގަނޑު ބޭނުންނުވީ އެކަން އެހެން ވާން. ދެން އަޅުގަނޑު ބުނީ އެންމެ ރަނގަޅޭ އަޅުގަނޑު ދާނަމޭ އަޅުގަނޑު އަމިއްލަ އަށް. އަމިއްލަ އިހުތިޔާރުގައޭ މި ދަނީ. އެއްގޮތަކަށް ވެސް އެންގި އެންގުމަކަށް ނޫނޭ މި ދަނީކީ. އެ ގޮތަށް ބުނީމާ ދެން އެމީހުން ކާރު ފޮނުވައިދީ ސަލާމަތީ ފިޔަވަޅުތައް އެމީހުން އެޅި. އޭގެ ވެސް ގަޑިއެއްހާ އިރު ފަހުން ނުކުމެވުނީ. އެއީ މިތާ މީހުން ގިނަވެފައި އެ މީހުން ކޮންޓްރޯލު ނުވެގެން."
މައުމޫން ވިދާޅުވީ އެ މަނިކުފާނު ފުލުސް އޮފީހަށް ވަޑައިގަތުމަށް ނިކުމެވަޑައިގަތުމުގެ ކުރިން ފުލުހުން އަލިވާގޭ ތެރެއަށް ކަރުނަގޭސް ޖެހި ކަމަށެވެ. އަދި އެ ވަގުތު އަލިވާގޭ ތެރޭގައި ތިބި އެތައް ބަޔަކަށް ގެއްލުން ލިބުނު ކަމަށް ވެސް ވިދާޅުވި އެވެ.
"ބޭރުން ފުލުހުން މިތާ އެތެރެ އަށް ކަރުނަގޭސް ކެނިސްޓަރެއް (ދަޅެއް) އެއްލީ. މި ގޭ ތެރެއަށް ޖެހުނީމާ މިތާ ހުރި މީހަކު ނަގާފަ އަނބުރާ ބޭރަށް އެއްލައިލީ. މިތާ ތިބި ލައްކަ މީހުންނަށް ގެއްލުން ލިބުނު. އެތައް ބަޔަކު ހޮސްޕިޓަލަށް ވެސް ގެންދަން ޖެހުނު. މީހުންނަށް އެ ކަހަލަ ހަމަލައެއް ފުލުހުން ދީގެންނުވާނެ. ވަރަށް ބޮޑު ކުށެއް އެ ކުރީ. އެއީ ހަމަ ޕޮލިސް ބުރޫޓަލިޓީ. އެއީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން. އަޅުގަނޑު އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް އެބަ ހުށަހަޅަން."
މައުމޫން ވިދާޅުވީ ފުލުސް އޮފީހަށް ވަޑައިގަތުމުން ފުލުހުން އެ މަނިކުފާނާ ކުރެއްވީ އެންމެ ސުވާލެއް ކަމަށެވެ.
"އެއީ ރިއާސީ ކޮމިޝަނުން އެ ތަނަށް ހާޒިރުވުމަށް އަޅުގަނޑަށް ފޮނުވި ޗިޓު ބަލައިނުގަތީ ކީއްވެތޯ، ކީއްވެތޯ ރިއާސީ ކޮމިޝަނަށް ނުދިޔައީ. އެ ސުވާލު އެކަނި. އަޅުގަނޑު އޭގެ ޖަވާބުގައި ބުނީ އަޅުގަނޑު އެ ތަނަށް ނުދިޔައީ ގާނޫނީ އިމުން ބޭރުން ކުރެއްވި އަމުރަކަށް ވާތީ، އެ އަމުރަށް ތަބާވާން ނުޖެހޭތީ ރިއާސީ ކޮމިޝަނަށް މީހެއްގެ ނުރުހުމުގައި އެ ތަނަށް ހާޒިރުވުމަކަށް ނޭންގޭނެޔޭ. ގާނޫނު އަސާސީން ވެސް އެއްވެސް ގާނޫނަކުން އެކަހަލަ ބާރެއް ރިއާސީ ކޮމިޝަނަކަށް ނުދެއްވައޭ. އެހެންވީމާ، އެ ބޭފުޅުން އެކުރެއްވި އަމުރަކީ، ގާނޫނާ ހިލާފު އަމުރަކަށް ވާތީ، އެ އަމުރަށް އަޅުގަނޑު ކިޔަމަންވާން ނުޖެހޭތީ ނުދިޔައިއްޔޭ. ދެން އެ ލިޔުއްވާފައި އަޅުގަނޑު އޭގައި ސޮއިކޮށްލީ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ފުލުހުންގެ މުއައްސަސާ އިން އެ މަނިކުފާނާ މެދު އަމަލުކުރީ ރަނގަޅަށް ނޫން ކަމަށާއި، ކޯޓުގެ ވަގުތީ އަމުރަކަށް އެދިފައިވަނިކޮށް ފުލުސް އޮފީހަށް ހާޒިރުކުރުން މަޑުކޮށްދިނުމަށް އެދި ފުލުސް އޮފީހަށް އިއްޔެ ސިޓީއެއް ވެސް ފޮނުއްވި ކަމަށެވެ. ނަމަވެސް އެ ކަމަށް ބެލުމެއް ނެތި ކޮންމެ ގޮތަކުން ވިއަސް ރޭގައި ފުލުސް އޮފީހަށް ގެންދަން ބޭނުންވީ ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި މިއަދު އެ މައްސަލަ ކޯޓުގައި ތާވަލުކޮށްފައި އޮއްވާ، ރޭގެ ވަގުތެއްގައި ފުލުސް އޮފީހަށް ގެންދަން އުޅުނީ ކޮންމެވެސް ފަރާތަކުން އޯޑަރު އައިސްގެން ކަމަށް ވެސް ވިދާޅުވި އެވެ.
"ރޭގައި އެކަން އެ ކުރެއްވީ ކޮންމެވެސް ފަރާތަކުން އޯޑަރު އައިސްގެ ހަމަ މި ފުރުސަތުގެ ބޭނުންކުރަން. ކޯޓު އަމުރު ނެރުމުގެ ކުރިން ފުރުސަތުގެ ބޭނުންކޮށްލީ އަޅުގަނޑުގެ ގަދަރު ވައްޓާލުމަށްޓަކައި. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން މިކަން މި ކުރީ ހަމަ ސީދާ ރައީސް ނަޝީދުގެ އެންގެވުމަކަށް. ފުލުހުން ބޭނުންވެގެނެއް ނޫން. ސީދާ ރައީސް ނަޝީދުގެ އެންގެވުމަކަށް ގާނޫނާ ހިލާފު އަމަލުތަކެއް ފުލުހުން ހިންގީ. އެހެންވީމާ މި ކަމުގެ ފުރިހަމަ މަސްއޫލިއްޔަތު އުފުއްލަވަން ޖެހޭނީ ރައީސް ނަޝީދު. ގާނޫނު އަސާސީއާ ހިލާފަށް އަދި ގާނޫނުތަކާ ހިލާފަށް އޭނާ އެ މީހުން ލައްވާ ކަމެއް ކުރުވީ. އަދި މި ތަނަށް އެ ބޮން ]ކަރުނަގޭސް[ އެއްލުމުގެ ޒިންމާ ވެސް އުފުއްލަވަން ޖެހޭނީ ރައީސް ނަޝީދު."
މައުމޫން ވިދާޅުވީ ރޭގެ ކަންތަކުގެ ތެރޭގައި އަލިވާގޭ ތެރެއިން ފުލުހަކަށް އަނިޔާވީތީ ހިތާމަކުރައްވާ ކަމަށާއި އެކަން ހިނގައި ދިޔައީ އެ ގޭ ތެރެއަށް ފުލުހުން ކަރުނަގޭސް ބޮމެއް އެއްލުމުން، ގޭތެރޭގައި ހަލަބޮލިކަން އުފެދިގެން ދިޔަ ވަގުތު ފުލުހުންގެ ބަޔަކު އެ ގޭތެރެއަށް ވަނުމުން އުފެދުނު ކުރިމަތިލުންތަކެއްގެ ތެރޭގައި ކަމަށެވެ.
މައުމޫން ވިދާޅުވީ ރައީސް ނަޝީދު މިހާރު ކަންތައްކުރައްވަމުން ގެންދަވަނީ ވެރިކަން ބަދަލުވި ދުވަސްވަރު ރައީސް ވިދާޅުވި ގޮތާ ދިމާ އިދިކޮޅަށް ކަމަށެވެ. މައުމޫން ވިދާޅުވި ގޮތުގައި ރައީސުލް ޖުމްހޫރިއްޔާއަކަށް ހުންނަ މީހަކީ އެއްވެސް މީހެއްގެ ފިއްތުމަށް ކަންތައް ކުރަން ޖެހޭނެ މީހެއް ނޫނެވެ. އަދި އަމިއްލަ ބާރުގައި ކަންތައް ނުކުރެވޭ މީހަކު ނަމަ އެ މަގާމަށް ކުފޫ ހަމަނުވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އަދި މައުމޫނާ ދެކޮޅަށް ހިންގާ ކަންތައް ކުރިއަށް އެ ގެންދަނީ ހަމައެކަނި އެމްޑީޕީގެ ސަޕޯޓަރުންގެ ހިތްހަމަޖައްސައިދޭން ކަމަށް ގަބޫލުނުކުރެއްވޭ ކަމަށާއި "މިހިނގާ ކަންތައް މި ހިނގަނީ އޭނާ ]ރައީސް ނަޝީދު[ ބޭނުންވެގެން" ކަމުގައި ވެސް މައުމޫން ވިދާޅުވި އެވެ.
"ދެން އޭނަ ވެސް އެހެން މީހުންގެ ބޮލުގައި އަޅުވަނީ ކަންނޭނގެ. ތިމަންނަމެން ޕާޓީގެ ހާޑްލައިނަރުންނާ އަނެއް ބަޔަކު، ޕްރެޝަރުކުރާތީ ތިމަންނަ އަށް މި ނޫން ގޮތެއް ނެތިއްޔޭ. އެހެން އެ ވިދާޅުވަނީ ހަމަ ބަހަނާއެއް. އެއީކީ މީހުން ގަބޫލުކުރާނެ ކަމެއް ނޫން. އެހެން ނޫނިއްޔާ ރައީސްކަން ދޫކޮށްލާ. އޭނަގެ ބާރު އޭނާގެ ޕާޓީގެ މައްޗަށް ނުހިންގެވެންޏާ ނުވަތަ އޭނާގެ ސަރުކާރުގެ މައްޗަށް ނުހިންގެވެންޏާ އެ ވަރު މީހަކު ރައީސް ކަމުގައި ހުރެގެން ނުވާނެ."
މައުމޫން ވިދާޅުވި ގޮތުގައި ރިއާސީ ކޮމިޝަނުން މިހާރު ކުރަމުންދާ މަސައްކަތަކީ އެ މަނިކުފާނާއި އެ މަނިކުފާނުގެ އާއިލާއާ ދެކޮޅަށް ކުރަމުންދާ ޒާތީ ކަންތައްތަކެއް ކަމަށެވެ.
"ކޮމިޝަންގެ މެންބަރުންނަށް ބަލާއިރު އަޅުގަނޑު ގަބޫލުކުރާ ކޮމިޝަނަކަށް ނުވޭ. އެ ކަހަލަ ކޮމިޝަންގެ ބޭނުމަކީ ތަހުގީގުކުރުން. ތަހުގީގުކުރަން ޖެހޭނީ އިންސާފުވެރިކަމާ އެކީގައި. އެކަމު މިހާރު އެ ތަނުގައި ތިއްބެވި ބޭފުޅުންނަށް ބަލާއިރު، އިންސާފުވެރިކަމާ އެކީ ހަމަ ގައިމު ވެސް އަޅުގަނޑާ ބެހޭ ގޮތުން ނުވަތަ އަޅުގަނޑުގެ އާއިލާއާ ބެހޭ ގޮތުން ކަމެއް ނުކުރައްވާނެކަން ޔަގީން. އޭގެ ތެރެއިން އެއް ބޭފުޅަކީ ހުސައިން ރަޝީދު އަހްމަދު. އޭނާއަކީ، އަޅުގަނޑަކީ މުސްލިމެއް ނޫން ކަމަށް ދައުވާކުރައްވައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވި ބޭފުޅާ. އޭނަ ކޮން ކަހަލަ އިންސާފުވެރި ތަހުގީގެއްތޯ އަޅުގަނޑާ މެދު ހިންގަވާނީ؟ ދެން އަނެއް ބޭފުޅަކީ ހަސީން. ހަސީނަކީ ވެސް މެދުނުކެނޑި އަޅުގަނޑާ ދެކޮޅަށް ނޫސް މަޖައްލާތަކުގައި އެކި އެއްޗެހި ލިޔުއްވައި އަޅުގަނޑުގެ ބޮލުގައި ދޮގު އިލްޒާމްތައް އަޅުވައި އަޅުގަނޑު ބަދުނާމުކޮށް އަދި އަލިވާގޭ ދޮށަށް މީހުން އެއްވާން ތަކުރާރުކޮށް ލިޔެ ހަދާފައި އޮތް މީހެއް. އޭނާ އެތާނގައި އިނދެގެން ކީކޭތޯ ކިޔާނީ؟ އަނެއް ކަމަކީ އަޅުގަނޑާ އަޅުގަނޑުގެ އާއިލާއާ ޒާތީ ގޮތުން ދިމާކުރާ ކުރުމެއްކަން އެނގޭ. އެއީ މި ގެންދަނީ އަޅުގަނޑު ނޫނީ ޔާމީން އެހެން ނޫނީ އަބްދުﷲ ހަމީދު. އަޅުގަނޑުމެން ތިން ބެއިންނަށް މި ހުރިހާ ކަމެއް މި އަންނަނީ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އެ ތިން ބޭފުޅުން ނޫނަސް ކުރީގެ ސަރުކާރުގެ މިނިސްޓަރުންނާއި އެހެން ވެރިން ވެސް އެބަ ތިއްބެވި ކަމަށާއި މި ކަމަކީ ސީދާ ޒާތީ ގޮތުން ކުރަމުންދާ ކަމެއް ކަމަށެވެ.
މައުމޫން ވިދާޅުވި ގޮތުގައި މިހާރުގެ ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ރާއްޖޭގެ ޑިމޮކްރެސީ ވަނީ އެތައް ފިޔަވަޅެއް ފަހަތަށް އަޅައިފަ އެވެ. ވެރިކަމުން ވަކިވެވަޑައިގެންނެވި އިރު އޮތީ މިހާރަށް ވުރެ ވަރަށް ފުރިހަމަ ޑިމޮކްރެސީއެއް ކަމަށާއި ސަރުކާރުގެ މީޑިއާ ވެސް އޮތީ މިނިވަންކޮށް ކަމަށާއި ހުރިހާ ޕާޓީތަކަށް ވެސް ހަމަހަމަ ފުރުސަތު ދެމުންދާ ކަމަށެވެ. ނަމަވެސް މިހާރު ސަރުކާރުގެ ޓީވީން ދައްކަނީ މުޅިން ވެސް ސަރުކާރުގެ ކަންތައް ކަމަށް ވިދާޅުވި އެވެ.
"ފުލުހުން އެކަން ވެސް އެ ގެންދިޔައީ ގާނޫނާ އަދި އާންމު އުސޫލުތަކާ ހިލާފަށް. އެއްވެސް މީހަކު ވަގުތުން ގެންދާކަށް ފުލުހުންގެ އޮފީހުން މަސައްކަތެއް ނުކުރޭ. ޗިޓެއް އަންނާނީ މިވެނި ވަގުތަކު އަންނާށޭ ކިޔާފައި. އެހެންނެއް ނޫން މި މީހުން އައީ ވަގުތުން ގެންދަން ބޭނުންވެގެން. ހަޔެއް ޖަހާއިރު ގެންދަން. ހަޔެއް ޖަހާއިރު ނުދިޔައިމަ 30 މިނެޓް ދީފީމޭ. ތިރީސް މިނެޓް ތެރޭގައި ނައިއްޔާ މިހެންނޭ. މިއީ ފުލުސް އޮފީހުން އަމަލުކުރި ގޮތެއް ނޫން މިހާތަނަށް. އެކަމަކު އަޅުގަނޑާ ދޭތެރޭ އެ ގޮތަށް އަމަލުކޮށްފި. އެކަން އަޅުގަނޑު ބެލިއިރު، ހަމަ ސީދާ އަންނި ނަޝީދުގެ އެންގެވުމަކަށް ކުރި ކަމެއް މިއީ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ފުލުސް އޮފީހަށް ވަޑައިގަތުމަށް އެންގި ޗިޓާ އެ މަނިކުފާނުގެ ވަކީލު ހަވާލުވީ، ބަދަލުގައި ވަކީލަކު ދިޔަސް އެންމެ ރަނގަޅު ކަމަށް ފުލުހުން އެއްބަސްވުމުން ކަމަށެވެ.
"އެހެން ނަމަވެސް އަޅުގަނޑަށް ފަހުން އެނގުނު ގޮތުގައި ހަމަ ސީދާ ރައީސް ނަޝީދު އަންގަވައިގެން އެ އޯޑަރު ބަދަލުކުރެއްވީ. ބަދަލުކޮށްފައި އެ މީހުން މިހާރު ހަދަނީ ދޮގު. މިހާރު އެ އައި ފުލުސް މީހާ ވެސް ބުނަނީ ތިމަންނަ އެހެން ނުބުނަމޭ. ހަމަ ކުއްލިއަކަށް ބަދަލުކޮށްލީ ދާން ޖެހޭނީ އަޅުގަނޑޭ ކިޔާފައި. ސީދާ ޒާތީ ގޮތުން އަޅުގަނޑާ އިދިކޮޅަށް ސަރުކާރުން ކުރި ކަމެއް،" މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ފުލުސް އޮފީހަށް ހާޒިރުކުރުން: "އަޅުގަނޑު ފުލުސް އޮފީހަށް ދިޔައީ އާންމުންނަށް ލިބިދާނެ ގެއްލުމަކަށް ބަލާފައި"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ