އައްޑޫ ކެންގަރޫ ކިޑްސް ޕްރީ ސްކޫލް ހިންގުން ހިތަދޫ ޕަބްލިކް ލައިބްރަރީ އަށް

އަންނަ އަހަރު އައްޑޫގައި ހުޅުވުމަށް ހަމަޖެހިފައިވާ ކެންގަރޫ ކިޑްސް ޕްރީ ސްކޫލް ހިތަދޫގެ ޕަބްލިކް ލައިބްރަރީގައި ހިންގާ ގޮތަށް ހަމަޖައްސައި، އެއްބަސްވުމުގައި އައިލެންޑާސް މޯލްޑިވްސް އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު ސޮއިކޮށްފި އެވެ.
ޕަބްލިކް ލައިބްރަރީ ވެސް ކެންގަރޫ ކިޑްސް ސްކޫލުން ހިންގައިދޭ ގޮތަށް ކުއްޔަށް ނުނަގައި، ޕަބްލިކް ލައިބްރަރީ ހިންގާ އިމާރާތުގައި ސްކޫލް ހިންގުމުގެ އެއްބަސްވުމުގައި ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ މޭޔަރު އަބްދުﷲ ސޯދިގެވެ.
ކެންގަރޫ ކިޑްސްގެ ފަރާތުން ސޮއިކުރެއްވީ ކެންގަރޫ ކިޑްސް ބްރޭންޑްގެ ސްކޫލްތައް ރާއްޖޭގައި ރެޕްރެޒެންޓް ކުރާ، އައިލެންޑާސް މޯލްޑިވްސްގެ ޗެއާމަން އަދި މެނެޖިން ޑިރެކްޓަރު އަބުދުއްރަޝީދު (އަބްސީ) އެވެ.
އޭނާ ވިދާޅުވީ ހިތަދޫގައި އަންނަ އަހަރު ހުޅުވާ ކެންގަރޫ ކިޑްސް ޕްރީ ސްކޫލް ހިންގާނީ "ކެންގަރޫ ކިޑްސް ހުސައިނިއްޔާ ޕްރީ ސްކޫލް" ގެ ނަމުގައި ކަމަށެވެ. އަދި ކައުންސިލުން ލައިބްރަރީ އިމާރާތް ސްކޫލް ހިންގުމަށް ދިނީ ސަބްސިޑީއަކާ އެކު ކަމަށްވާތީ ކެންގަރޫ ކިޑްސްގެ އެހެން ސްކޫލްތަކުން ނަގާ ފީ އަށް ވުރެ ހިތަދޫގައި ހުޅުވާ ސްކޫލުން ނަގާ ފީ ކުޑަ ވާނެ ކަމަށް އަބްސީ ވިދާޅުވި އެވެ.
އެގޮތުން ހިތަދޫގައި ހުޅުވާ ސްކޫލުން ފީއެއްގެ ގޮތުގައި ނަގާނީ މަހަކު 1،800ރ. އެވެ. ފީ ތެރޭގައި ފޮތްތަކާއި ޔުނިފޯމްގެ އިތުރުން އެހެން ވަސީލަތްތައް ވެސް ފޯރުކޮށް ދޭނީ ސްކޫލްގެ ފަރާތުންނެވެ.
މާލޭގައި ހިންގާ ކެންގަރޫ ކިޑްސް ޕްރީ ސްކޫލުން ފީގެ ގޮތުގައި ނަގަނީ 2،500ރ. އެވެ.
އަބްސީ ވިދާޅުވީ ލައިބްރަރީ ހިންގާ އިމާރާތަކީ ސްކޫލް ހިންގުމަށް ވަރަށް އެކަށޭނެ އިމާރާތެއް ކަމަށެވެ. އަދި ސްކޫލްގެ ކިޔެވުން އަންނަ އަހަރު ފަށާނީ އެތަނުގައި ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަމެއް ނިންމައި، ވަސީލަތްތައް ފުރިހަމަ ކުރުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އެ ސްކޫލަށް ބޭނުންވާ ޓީޗަރުން ހޯދުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ އިރު، އެތަނުގައި ކިޔަވައިދޭނީ ތަމްރީނު ލިބިފައިވާ ގާބިލް ޕްރީ ސްކޫލް ޓީޗަރުން ކަމަށް އަބްސީ ވިދާޅުވި އެވެ.
އަބްސީ ވިދާޅުވީ އެ ސްކޫލަށް ވަންނަން ބޭނުންވާ ކުދިންނަށް މިހާރު ވެސް އެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. ފަށާއިރު 160 ކުދިންނަށް ޖާގަ ދޭން ނިންމާފައިވާ އިރު، އެތަނަށް ވަންނަން ބޭނުންވާ ފަރާތްތަކަށް މިހާރު ވެސް އަންނަނީ ފޯމް ދޫކުރަމުންނެވެ. ފޯމް ދޫކުރަމުން އަންނަނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު ނުވައަކުން 12 އަށް އަދި ހަވީރު 00: 6- 00: 3 އަށެވެ.
ޕްރީ ސްކޫލްތަކަށް ހާއްސަ ބައިނަލްއަގްވާމީ ކަރިކިއުލަމަކަށް ކެންގަރޫ ކިޑްސް ޕްރީ ސްކޫލުން ކިޔަވައިދޭ އިރު އެތަނުން ކިޔަވައި ދޭނީ ހަތަރު ލެވެލަކަށެވެ. އަދި އެތަނުން ގުރުއާނާއި އިސްލާމް އަދި ދިވެއްސަށް ވެސް ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށް އަބްސީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހިތަދޫގައި ހުޅުވާ ސްކޫލް ވެގެން ދާނީ ހުރިހާ ގޮތަކުން ވެސް
ފެންވަރު ރަނގަޅު އާންމުން އިތުބާރު ކުރާ ފަދަ ސްކޫލަކަށެވެ.
އަބްސީ އަދި ވިދާޅުވީ އަންނަ އަހަރު ކެންގަރޫ ކިޑްސް ޕްރީ ސްކޫލް ހުޅުވުމަށް ފަހު، އެތަން ތަރައްގީކުރެވެމުން ދާނެ ކަމަށެވެ. އެގޮތުން ލިބޭ ތަރުހީބަށް ބަލާފައި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ ގްރޭޑްތަކަށް ވެސް ކުރިއަށް އޮތް ތަނުގައި ކިޔަވައި ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ