އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް އަލްއުސްތާޒު މައުމޫން އަބުދުލް ގައްޔޫމް ކުރިމަތިލައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ލ. އަތޮޅު ވެރި ރަށް، ފޮނަދޫގައި ބޭއްވި ޑީއާރުޕީގެ 22 ވަނަ އާންމު ޖަލްސާގައި އެ ޕާޓީގެ ޒައީމުކަމުގައި ހުންނެވި ރައީސު މައުމޫން ވިދާޅުވީ ޑީއާރުޕީގެ އަސާސީ ގަވާއިދު އޮތް ގޮތުން ޑީއާރުޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަކުރައްވާނީ ޕާޓީގެ ޒައީމު ކަމަށެވެ.
މައުމޫން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ޑީއާރުޕީން ވާދަކުރައްވާނެ ބޭފުޅަކީ ކޮބައިތޯ ރާއްޖޭގެ ބައެއް ބޭފުޅުންނާއި ރާއްޖެއިން ބޭރުގެ ބައެއް ބޭފުޅުން ވެސް ސުވާލުކުރައްވާ ކަމަށެވެ.
"އެކަމުގެ ސުވާލު ރައްޔިތުން ވެސް އަދި ބޭރުގެ ބޭފުޅުން ވެސް ކުރޭ. އެކަމާ ވިސްނާލިއިރު އަޅުގަނޑަށް ފެނުނީ ތިޔަ ބޭފުޅުން އެކަން ނިންމަވާފައިވާކަން. އަސާސީ ގަވާއިދުގެ 76 ވަނަ މާއްދާގައި ބުނެފައި ވަނީ ޕާޓީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާދަކުރުމަކީ ޕާޓީގެ ޒައީމުގެ މަސްއޫލިއްޔަތެއް ކަމަށް،" 1978 ވަނަ އަހަރުން ފެށިގެން ރައީސްކަމުގައި ހުންނަވާ މައުމޫން ވިދާޅުވި އެވެ. އެ މަނިކުފާނު މިހާރު ފުރިހަމަ ކުރައްވަމުން ގެންދަވަނީ ރިޔާސީ ހަ ވަނަ ދައުރެވެ.
ފޮނަދޫގައި ބޭއްވި ޖަލްސާގައި މައުމޫން ވިދާޅުވީ ރާއްޖޭގައި ޕާޓީ ނިޒާމު އުފެއްދީ ރައްޔިތުންގެ މަސްލަހަތައްޓަކައި، ރައްޔިތުންގެ ޝުއޫރުތަކާއި ހިޔާލުތައް ހޯދައިގެން ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދޭ ތަނަކަށް ސަރުކާރު ހެދުމަށްޓަކައި ކަމަށެވެ.
"އަޅުގަނޑު މި މަގާމުގައި ހުއްޓަސް، އަދި އަޅުގަނޑު ނޫން އެހެން މީހަކު މި މަގާމުގައި ހުއްޓަސް ރައްޔިތުން ބޭނުންވާ ގޮތަށް، ރައްޔިތުން އެދޭ ކަންތައްތައް ކޮށްދޭ، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދޭ، ރައްޔިތުންނަށް އުފާ ފާގަތިކަމާއި ހަމަޖެހުން ގެނެސްދޭ ރައްޔިތުންނަށް ކުރިއެރުމާއި ތަރައްގީ ހޯދައިދޭ ސަރުކާރެއް ގާއިމުވާނީ ޕާޓީ ސިސްޓަމް އޮވެގެން ކަމަށް ގަބޫލްކުރެވޭތީ ޕާޓީ ސިސްޓަމް އުފެއްދީ،" ރައީސް މައުމޫން ލ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރިޔާސީ ނިޒާމަށް ތާއިދު ހޯއްދެވުމަށް ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވި އެވެ.
ޕާޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާދަކުރާ ބޭފުޅެއްގެ ނަން އެންމެ ފުރަތަމަ ހާމަކުރެއްވީ އައިޑީޕީންނެވެ. އައިޑީޕީގެ ކެންޑިޑޭޓެއްގެ ގޮތައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަކުރައްވާނީ އެ ޕާޓީގެ ރައީސް އުމަރު ނަސީރެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް މައުމޫން ކުރިމަތި ލައްވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ