ދޮޅު އަހަރުގެ ޖިނާއީ ހުކުމެއް އައިސްފައިވާ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބްދުލްހަމީދުގެ މައްސަލަ މާދަމާ ބޭއްވުމަށް ހައި ކޯޓުގައި ޝެޑިއުލްކޮށްފި އެވެ.
އެ މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ހައި ކޯޓުގެ ބެންޗުން ބުނެފައި ވަނީ ދިރާސާ ކުރެއްވުމުގެ ތެރޭގައި އިތުރު ކަމެއް ސާފު ކުރަން ޖެހިވަޑައިނުގެންފި ނަމަ ދެން މައްސަލަ ބާއްވާނީ ހުކުމް ކުރެއްވުމަށް ކަމަށެވެ.
ހަމީދަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން އޭނާގެ ގޮނޑި ގެއްލިފައިވާ ކަމާ މެދު އެކި ފަރާތްތަކުގެ ހިޔާލު ވަނީ ތަފާތުވެފަ އެވެ. އެގޮތުން ހަމީދުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހިޔާލު ވެސް ތަފާތެވެ. އަދި އޭނާ ޖަލްސާތަކަށް ވަޑައިގަންނަވާތީ ހިޔާލު ތަފާތުވެ ކޮންމެ ފަހަރަކު ޖަލްސާތައް ޖެހެނީ ހުއްޓާލާށެވެ. މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ހަވީރަށް ދެއްވި އިންޓަވިއުއެއްގައި މިއަދު ވިދާޅުވެފައި ވަނީ ހަމީދުގެ މައްސަލައިގައި ދެން ބަލާނީ ސުޕްރީމް ކޯޓުން ބުނާ އެއްޗަކަށް ކަމަށެވެ.
ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ އެއް އަހަރާއި ހަ މަސް ދުވަހަށް އަރުވާލުމަށެވެ. އެއީ މުނިސިޕަލްޓީން ގަތް ކޮޅުވެއްޓިއެއް ސަރުކާރަށް ލިބުމުގެ ހައެއްކަ މަސް ކުރިން އެ އުޅަނދު ލިބުނު ކަމަށް ހަމީދު ސޮއި ކުރެއްވި ކަމަށް ބުނެ އެވެ. އެގްރިމެންޓުގައިވާ ގޮތުން އުޅަނދުގެ އަގުގެ 50 ޕަސެންޓް ދައްކަންޖެހެނީ އެގްރިމެންޓުގައި ސޮއި ކުރުމުންނެވެ. ބާކީ ފައިސާ ދައްކަންޖެހެނީ އުޅަނދު ސަރުކާރަށް ލިބުމުންނެވެ. އެހެންކަމުން އުޅަނދު ލިބުނު ކަމަށް ސޮއި ކުރުމުން އުޅަނދު ވިއްކި ސިންގަޕޫރުގެ އައިލެންޑް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑަށް ނާޖާއިޒު ގޮތުގައި ފައިދާތަކެއް ވެފައިވާ ކަމަށް ކޯޓުން ބުނެފައިވެ އެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގެ ތިން ވަނަ ނަންބަރުގައި ބުނެފައި ވަނީ، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ ނަމަ، އެ މީހަކު މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ. އަދި 74 ވަނަ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަގާމުން ވަކިކުރަންޖެހިއްޖެތޯ ބެލުމުގައި ނުވަތަ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ކަމާމެދު ސުވާލު އުފެދިއްޖެ ނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ.
ހަމީދުގެ ގޮނޑި ހުސްވެފައިވާ ކަމަށް ކަނޑައަޅައިދިނުމަށް ސ. ހިތަދޫ، ލާމިގޭ، މޫސާ އަންވަރު ވަނީ ދެ ފަހަރަށް އެ މައްސަލަ ސުޕްރީމް ކޯޓަށް ވައްދައިފަ އެވެ. ނަމަވެސް އެ ދެ ފަހަރު ވެސް ސުޕްރީމް ކޯޓުން ވަނީ މައްސަލަ ބޭރުކޮށްފަ އެވެ.
ހަމީދުގެ މައްސަލައިގައި ހައި ކޯޓުން މާދަމާ ހުކުމް ކޮށްފާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ