ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން މުހައްމަދު ޣައްސާން މައުމޫން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބަންޑާރަ ނައިބުގެ އޮފީހުން އިސްތިއުނާފް ކުރި ނަމަވެސް އެ މައްސަލަ ބަލައިނުގަނެ ހައި ކޯޓުން އިއްޔެ ބޭރުކޮށްލައިފި އެވެ.
ހައި ކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް ވިދާޅުވީ ބަންޑާރަ ނައިބުގެ އޮފީހުގެ މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމެވީ އެއީ ބަންދުގެ މައްސަލަތައް އިސްތިއުނާފް ކުރެވޭނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާތީ އާއި ކްރިމިނަލް ކޯޓުން އަމުރު ނެރުނުތާ 48 ގަޑިއިރު ފަހުން ކޯޓަށް މައްސަލަ ވެއްދުމުން ކަމަށެވެ.
ގަވާއިދު ބުނާ ގޮތުން ބަންދުގެ މައްސަލަތަކުގައި ނެރޭ އަމުރު 48 ގަޑިއިރުގެ ތެރޭގައި އިސްތިއުނާފް ކުރާ ނަމަ ހައި ކޯޓަށް ހުށަހަޅަންވާނެ އެވެ.
ޣައްސާން ހައްޔަރުކޮށްފައި ވަނީ އެންދެރިމާގޭ ކައިރި އަށް އެމްޑީޕީ މީހުން އެއްވުމުން ހަމަނުޖެހުން އުފެދުނު ވަގުތު އެންދެރިމާގޭ މަތިން ވައްޓާލި ކަމަށް ބުނާ ލަކުޑިބުރި އަކުން ޖެހި 17 އަހަރުގެ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބުމާ ގުޅިގެން އެކަމުގެ ތަހުގީގަށް ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް މިދިޔަ ހޯމަދުވަހު ޣައްސާން ފުލުސް އޮފީހަށް ހާޒިރުކޮށް ހައްޔަރުކުރުމާ ގުޅިގެން ޣައްސާންގެ ފަރާތުން ކޯޓަށް ދިއުމުން ކޯޓުން އަމުރު ނެރެފައި ވަނީ އޭނާ ހައްޔަރުކޮށްފައި ވަނީ ގާނޫނުއަސާސީގެ 46 ވަނަ މާއްދާ އަށް އަމަލުކުރުމުގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ހަމަތަކާ އެއްގޮތަށް ނޫން ކަމަށެވެ.
ޣައްސާނުގެ މައްސަލާގައި ކުރި އަމުރާ ގުޅިގެން ފުލުހުން ވަނީ ކުށުގެ ތުހުމަށް މީހުން ހައްޔަރުކުރުން ހުއްޓާލައި، ގާނޫނު އަސާސީގެ 46 ވަނަ މާއްދާ އަށް ރިއާޔަތްކޮށް ހައްޔަރުކުރި ބަޔަކު ދޫކޮށްލައިފަ އެވެ.
ޣައްސާންގެ މައްސަލަ ހައި ކޯޓުން ބަލައެއް ނުގަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ