އެންމެ މަސްލަހަތު ހުރި ގޮތަކީ ފެންނަ ނުފެންނަ ވޯޓަކަށް ދިއުން: މެމްބަރު އާމިރު

އެންމެންގެ މަސްލަހަތު ހުރި ގޮތަކީ، މިހާރު އަވަސް އިންތިހާބެއް ބޭއްވުމަށް ވުރެ ބޮޑަށް، ރިޔާސީ އިންތިހާބެއް ބާއްވަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމުގެ އާންމު ވޯޓަކަށް ދިއުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު މިއަދު ވިދާޅުވެއްޖެ އެވެ.
މިހާތަނަށް އެއްވެސް ސިޔާސީ ޕާޓީއަކަށް ސޮއި ނުކުރައްވާ އާމިރު ވިދާޅުވީ، ފެންނަ ނުފެންނަ ވޯޓެއްގެ ކަންތައްތައް ކުރިއަށް ގެންދަން ހަރަދުތަކެއް ދިޔަ ނަމަވެސް އެންމެ މަސްލަހަތު ހުރި ގޮތަކީ އެއީ ކަމަށެވެ.
"އެއީ ހައެއްކަ ޕާޓީގެ އިސް ބޭފުޅުން މޭޒެއްގެ ދޮށަށް އެއްވެ މަޝްވަރާކޮށްގެން ގޮތްތަކެއް ނިންމިޔަސް މި ބާވަތުގެ ބޮޑެތި މައްސަލަތަކުގައި އެކި ޕާޓީތަކަށް ތާއިދުކުރާ ރައްޔިތުންގެ ހިޔާލު ތަފާތު ކަމަށް ވާތީ. އަދި ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާގައި ވެސް ބުނަނީ ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުގެ ކިބައިން ކަމަށް އަދި އެ ބާރުތައް ދެމިއޮންނާނީ ވެސް ރައްޔިތުންގެ ކިބައިން ކަމަށް،" އާމިރު ވިދާޅުވި އެވެ. "މިހާރު ގައުމަށް ދިމާވެގެން އުޅޭ މައްސަލައިގައި ރައްޔިތުންގެ ޚިޔާލު ވަރަށް ތަފާތުކޮށް ފެންނާތީ އިންތިހާބެއް ބޭއްވުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލަން."
އޭނާ ވިދާޅުވީ، ގާނޫނު އަސާސީ ބުނާ ގޮތުން، ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައްޔިތުންގެ މަޖިލީހަށް ވެސް ކުރެވިދާނެ ކަމަށް ވާތީ، އެކަމާ އެންމެން ވެސް ފުންކޮށް ވިސްނަން ޖެހިފައިވާ ކަމަށެވެ.
"އަޅުގަނޑު ދެކެނީ ހުރިހާ ޕާޓީތަކަށް ވުރެ ވެސް ބޮޑުވާނީ ގައުމު ކަމަށް. ރައްޔިތުންގެ މެދުގައި މިހާ ހިޔާލު ތަފާތުވުން ބޮޑު ކަމެއްގައި، އެންމެ ސުލްހަވެރި ގޮތަކަށް ވާނީ، ރައްޔިތުންގެ ހިޔާލު ހޯދުން،" އާމިރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ