ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރަކަށް ކުރިމަތިލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ހުޅުވާލައިފި އެވެ.
މިހާރު ފިނޭންސް މިނިސްޓަރުކަން ކުރައްވަމުން ގެންދަވާ ސީއެސްސީގެ ކުރީގެ މެމްބަރު އަބްދުﷲ ޖިހާދު މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ހުސްވެފައިވާ އެ މަގާމަށް މަޖިލީހުގެ އިދާރާ އިން އިއުލާންކުރީ މިދިޔަ ހޯމަ ދުވަހެވެ. އަދި ނަން ހުށަހެޅުމުގެ މުއްދަތު ހަމަވަނީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށެވެ.
ސީއެސްސީގެ މެމްބަރެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 30 އަހަރުން މަތީގެ މީހަކަށްވުމާއި އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުމާއި ޖިނާއީ ކުށެއްކުރިކަން، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިނެތުން ހިމެނެ އެވެ. މީގެ އިތުރުން ގާނޫނު އަސާސީގެ ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރާ މަގާމެއް ފުރަމުންދާ މީހެއް ކަމުގައި ނުވުމާއި އެހެން އެއްވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުމަކީ ވެސް ޝަރުތެކެވެ. އަދި ފުރަތަމަ ޑިގްރީ ފެންވަރަށް ތައުލީމު ހާސިލްކުރުމަށް ފަހު، ސަރުކާރު ނުވަތަ ސަރުކާރު ނޫން ފަރާތެއްގައި ހިންގުމުގެ ދާއިރާގައި މަދުވެގެން 10 އަހަރު ހިދުމަތްކޮށްފައި ހުންނަންޖެހެ އެވެ.
ސީއެސްސީގެ މެމްބަރު ކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަޖިލީހުގެ އިދާރާ އަށް ހުށަހެޅުމުން އެ މީހުންގެ ތެރެއިން މީހަކު ޝޯޓް ލިސްޓްކުރަނީ، ސިވިލް ސާވިސް ގާނޫނު ބުނާ ގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމެޓީންނެވެ. އަދި އެ ކޮމެޓީގެ ރިޕޯޓު މަޖިލީހަށް ފޮނުވުމުން މެމްބަރަކު އައްޔަންކުރަނީ މަޖިލީހުގައި ނަގާ ވޯޓުގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ