ފަތުރުވެރިކަން ކުރިއެރުވޭނީ ރައްޔިތުން އެކުގައި މަސައްކަތްކޮށްގެން – ރައީސް

ފަތުރުވެރިކަމުގެ ޞިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ، ދިވެހި އެންމެހާ ރައްޔިތުން އެކުގައި މަސައްކަތްކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައި ވަނީ މިއަދު ފާހަގަކުރާ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.
އެގޮތުން ރައީސް ޔާމީން ވިދާޅުވީ ހަލުވި ދުވެއްޔެއްގައި ފައްސިޔަށް ދިވެހި ފަތުރުވެރިކަން ދަތުރުކުރަމުން ކުރިއަށްދާއިރު، އެ ސިނާޢަތް ކުރިއެރުވޭނީ ރާއްޖޭގެ ޞުލްޙަމަސަލަސްކަން ޤާއިމްކޮށް، މި ޢަޒުމުގައި ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކޮށްދެއްވައިގެން ކަމަށެވެ.
އަދި ޓެކްނޮލޮޖީއަށް އައި ބަދަލާއެކީ ފަތުރުވެރިކަންވެސް ފުޅާވެ ކުރިއަރާފައިކަން ޤަބޫލުކުރަން ޖެހޭނެ ކަމަށާއި، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ބޮޑު ޙިއްޞާއެއް އަދާކުރާ ޞިނާޢަތަކީ ފަތުރުވެރިކަމުގެ ޞިނާޢަތް ކަމަށްވާއިރު، މި ޞިނާޢަތް ފުޅާކޮށް ތަރައްޤީ ކުރުމަށްޓަކައި މި ސަރުކާރުން މިވޭތުވެދިޔަ ފަސް އަހަރު ދުވަހު ކުރި މަސައްކަތްތަކުގެ ނަތީޖާއާ ދޭތެރޭ ވަރަށްބޮޑަށް ހިތްޕުޅުހަމަޖެހިވަޑައިގަންވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އެގޮތުން ވޭތުވެދިޔަ ފަސް އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 35 އައު ރިޒޯޓް، 7 ހޮޓެލް، އަދި 495 ގެސްޓްހައުސްގެ އިތުރުން 4 ޑޮމެސްޓިކް އެއަރޕޯޓް ހުޅުވިފައިވާ ކަމާއި، އަދި 6 ޑޮމެސްޓިކް އެއަރޕޯޓުގެ މަސައްކަތް މިހާރު ކުރެވެމުންދާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
އެހެންކަމުން، މިކަންކަމަކީ ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެއްކަމުގައި ވިދާޅުވެ މިކަމާއި އުފާފާޅުކުރައްވާ ކަމުގައިވެސް ރައީސް ޔާމީން ވިދާޅުވެފައި ވެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް ލިބޭ ކޮންމެ ކުރިއެރުމަކީ މި ޤައުމަށާއި ރައްޔިތުންނަށް ލިބޭ ކުރިއެރުމެއްކަން ފާހަގަކުރައްވަމުން ރާއްޖޭގެ ފަތުރުވެރިކަން އަތޮޅުތަކަށް ފުޅާވެ، ވަޒީފާތައް އިތުރުވަމުން ދިޔުމަކީ، ރަށްރަށުގެ ތަނަވަސްކަމަށާއި، ޢާއިލާތަކުގެ ތަނަވަސްކަމަށް، އެކަމުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެއްކަމާއި ފަތުރުވެރިކަން ކުރިއެރުވުމުގައި ހުރިހާ ފަރާތްތަކަކުން ގުޅިގެން މަސައްކަތް ކުރުމަކީ ޤައުމުގެ ކުރިއެރުމަށް ލިބޭ އިތުރު ބާރެއްކަމަށްވެސް ރައީސްގެ ޚިޠާބުގައި ވިދާޅުވެފައި ވެއެވެ.
ދުނިޔޭގެ ފަތުރުވެރިކަމާބެހޭ ޖަމުޢިއްޔާއިން މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ "ޓޫރިޒަމް އެންޑް ދި ޑިޖިޓަލް ޓްރާންސްފޮމޭޝަން"، މިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ