ރައްޔިތުން މަޖިލީހުގެ މެންބަރު ކަމުގައި ހުންނަވަނިކޮށް އަވަހާރަކޮށްލި ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމްގެ މަރާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) އަބްދުﷲ ރިޔާޒް ދައްކަވާ ވާހަކަފުޅު އަނެއްކާވެސް ބަދަލު ވެއްޖެއެވެ.
މިރޭ "ވީޓީވީ" ގައި ރިޔާޒް ވިދާޅުވީ "މަރްހޫމް ޑރ. އަފްރާޝީމް އަލީގެ މަރާއި ގުޅިގެން އަޅުގަނޑަށް ލިބިފައިވާ ހުރިހާ މައުލޫމާތެއް އެކަމަށް އެޕްރޮޕްރިއޭޓު ޕްލެޓްފޯމެއްގައި ހާމަ ކުރަން މިހިރީ ތައްޔާރަށް. އެކަންކަން ސޯޝަލް މީޑިޔާގައި ހާމަކުރުމަކީ އެންމެ ޒިންމާދާރު ގޮތެއް ކަމަށް ނުދެކެން" ކަމަށެވެ.
އަނެއްކާވެސް އަފްރާޝީމްގެ މަރުގެ މައުލޫމާތު ހާމަ ކުރާނެ ކަމަށް ރިޔާޒް ވިދާޅުވި އިރު މީގެ ކުރިން ވެސް ރިޔާޒް އެހެން ވިދާޅުވެ، އެމައުލޫމާތު ހާމަ ކުރައްވާފައި ވެސް ވެއެވެ.
2016 ޖޫން 24 ވަނަ ދުވަހު ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އަފްރާޝީމް އަވަހާރަކޮށްލުމުގައި ރައީސް ޔާމީން އެއްވެސް ގުޅުމެއް ވާ ކަމުގެ އެއްވެސް މައުލޫމާތެއް ތަހުގީގަށް ނުލިބޭ އަޅުގަނޑު ހުރިއިރު،"
އެދުވަހު ރިޔާޒް ކުރި އިތުރު ޓްވީޓެއްގައި ވިދާޅުވީ "މައްސަލައިގެ ތަހުގީގި ހިންގީ ތަހުގީގު ޓީމަކުން. ތުހުމަތަށް ހައްޔަރު ކުރެވުނު މީހުން ތަހުގީގު ޓީމަށް ފެނިގެން ކޯޓް އަމުރުން،" ކަމަށެވެ.
އެދުވަހު ރިޔާޒް އިތުރަށް ވިދާޅުވީ ހުމާމް ދިފާއު ކޮށްދެވޭ ވަރުގެ އެއްވެސް ހެއްކެއް ލިބިފައެއް ނެތެވެ. އޭނާގެ އިއުތިރާފްގެ އިތުރުން އޭނާ ލައިގެން ހުރި ހެދުމުން އަފްރާޝީމްގެ ޑީއެންއޭ ފެނުުނުކަން ރިޔާޒް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ޕޯސްޓްމޯޓަމް ހަދަން ޖެހެނީ މަރުގެ ސަބަބު ދެނެގަތުމަށް ކަމަށެވެ.
"ފޮރެންސިކްސް ޓީމް ބޭނުންވާ ހުރިހާ ތަހުލީލެއް ކުރި،" ރިޔާޒް 2016 ވަނަ އަހަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތަހުގީގު ހިންގީ އެމެރިކާގެ އެފްބީއައިގެ އެހީތެރިކަމާ ވެސް އެކު ކަމަށެވެ.
"ހުމާމް ކުށަށް އިއުތިރާފުވެފައި ވަނީ ހަމައެކަނި ފުލުހުންނަކަށް ނޫން. ފަނޑިޔާރުގެ ކުރިމަތީގައި އަދި އަފްރާޝީމްގެ އާއިލާ މީހުންގެ ފަރާތުން މައާފަށް ވެސް އެދުނު،" ރިޔާޒް ހަަމަ އެދުވަހު ވިދާޅުވި އެވެ.
2016 ވަނަ އަހަރު ޖޫން މަހުގެ 24 ވަނަ ދުވަހު ރިޔާޒް އަފްރާޝީމްގެ މަރާއި ގުޅިގެން ޓްވީޓްތައް ކުރީ ހުމާމް މަރަން ކްރިމިނަލް ކޯޓުން ކުރި ޙުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓުމުންނެވެ. އެދުވަހު ރިޔާޒް ވިދާޅުވީ އެދުވަހު އަފްރާޝީމްގެ މަރާއި ގުޅިގެން އޭނާ ޓްވީޓް ކުރެއްވީ އަފްރާޝީމްގެ މަރާއި ގުޅޭ މައުލޫމާތު އެކަށީގެންވާ ވަގުތެއްގައި ހާމަކުރާނެ ކަމަށް ކުރިން ވިދާޅުވެފައި ވާތީ އެއީ އެކަށީގެންވާ ވަގުތު ކަމަށް ގަބޫލު ކުރެވިގެންނެވެ.
އަފްރާޝީމްގެ މަރާއި ގުޅިގެން ދޭތެރެ ދޭތެރެއިން ރިޔާޒް ދައްކަވާ ވާހަކަފުޅަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އަފްރާޝީމްގެ މަރު ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ނުކުރަން އެތައް ބަޔަކު ދަނީ ރިޔާޒަށް ގޮވާލަމުންނެވެ.
އަފްރާޝީމްގެ މަރާއި ގުޅިގެން އަބްދުﷲ ރިޔާޒްގެ ވާހަކަ އަނެއްކާވެސް ބަދަލުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ