ޤައުމީ މަސްލަހަތު އިސްކުރަން ރައީސް މައުމޫން ގޮވާލައްވައިފި

ސިޔާސީ ޕާޓީގެ މަސްލަތަހަށް ވުުރެ ގައުމީ މަސްލަހަތު އިސްކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފި އެވެ.
ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ 4 ލީޑަރުން ގުޅިގެން ކޯލިޝަނެއް އުފެއްދީ އިންސާފުވެރި ހެޔޮ ވެރިކަމެއް ގާއިމްކޮށް ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދިނުމަށް ކަމަށެވެ. އެހެންކަމުން ހަތަރު ލީޑަރުންވެސް ޕާޓީގެ މަސްލަހަތަށް ވުރެ ގައުމީ މަސްލަހަތު އިސް ކުރެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށްވެސް ރައީސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
ރައީސް މައުމޫން ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ކޯލިޝަން ރޫޅުނަ ނުދީ ދެމެހެއްޓުމަކީ ހަތަރު ލީޑަރުންގެވެސް ގައުމީ ވާޖިބެއް ކަމަށެވެ. އަދި މިކަމުގައި 4 ލީޑަރުންގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުރުވެސް ވަރަށް ބޮޑު ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
ކޯލިޝަނާ ގުޅޭގޮތުން ރައީސް މައުމޫން މިގޮތަށް ވާހަކަފުޅު ދައްކަވާފައި މިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ގުޅިގެން ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކުގެ މެދުގައި ހަމަނުޖެހުން އުފެދި ކޯޅުން ފެށިފައިވާ ވަގުތެއްގައެވެ. ގުޅިފައިވާ ޕާޓީ ތަކުން މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް އެއްބަސްވުމެއް އޮތް ކަމަށް ބައެއް ޕާޓީތަކުން ބުނަމުންދާއިރު ބައެއް އެހެން ޕާޓީތަކުން ދަނީ އެއްބަސްވުމެއް ނެތް ކަމަށް ބުނަމުންނެވެ.
އެހެންނަމަވެސް ފެށުނީއްސުރެއް ރައީސް މައުމޫން ގެންދަވަނީ ކޯލިޝަނުން އެއްބަސްވުމެއް ވެފައިވާ ކަމަށާއި އެ އެއްބަސްވުން ދަމަހައްޓަވާނެ ކަމަށް ވިދާޅުވެ އެގޮތުގައި ދެމިހުންނެވުމަށް އެދިވަޑައިގަންނަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ