ޤާނޫނާއި ހިލާފަށް ރައީސްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައެއް ނުވާނެ – ތަރުޖަމާން
ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ވެސް ޤާނޫނާއި ހިލާފަށް ރައީސްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައި ނުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް ވިދާޅުވެއްޖެއެވެ.
މުއާޒް މިހެން ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓަކަށް ކެމްޕޭން ދުވަސް ވަރު 1.5 މިލިއަން އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް "އަލްޖަޒީރާ" އިން މިއަދު ރިޕޯޓް ކުރުމުންނެވެ.
މުއާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ރައީސްގެ ވަކި އެކައުންޓެއް ވަނީ ހަމަޖެއްސިފައި ކަމަށާއި އެއެކައުންޓަށް ޤަވައިދުން ފައިސާ ވެސް ޖަމާކުރައްވަމުން ގެންދެވި ކަމަށެވެ.
"ޤާނޫނާއި ހިލާފު އެއްވެސް ކަމެއް އެކަމުގައި ނޫޅޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަން." މުއާޒް ވިދާޅުވިއެވެ.
"މިނިވަން ނޫހުގެ" ކުރީގެ އެޑިޓަރު ޒަހީނާ ރަޝީދު މިއަދު "އަލްޖަޒީރާ" ގައި ލިޔުއްވާފައިވާ ރިޕޯޓެއްގައި ވަނީ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާތަކާއި ގުޅޭ ގޮތުން އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ސެޕްޓެމްބަރ 13 ވަނަ ދުވަހު އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.
އެސިޓީގައި އެފްއައިޔޫ އިން ބުނެފައި ވަނީ ރައީސް ޔާމީންގެ އެކައުންޓަށް ސެޕްޓެމްބަރ 05 ވަނަ ދުވަހު 648508 އެމެރިކާ ޑޮލަރު އަދި ސެޕްޓެމްބަރ 10 ވަނަ ދުވަހު 810635 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ.
"އެހުރިހާ ފައިސާއެއް ފަހުން ވަނީ ނަގުދު ފައިސާގެ ގޮތުގައި ނަގާފައެވެ." ސިޓީގައި ބުނެފައިވާ ކަމަށް އަލްޖަޒީރާގައި ވެއެވެ.
ޤާނޫނާއި ހިލާފަށް ރައީސްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައެއް ނުވާނެ – ތަރުޖަމާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ