ފެމިލީ ކޯޓުގެ ކުރީގެ އިސް ގާޒީ ހަސަން ސައީދުގެ ސަސްޕެންޝަން އުވާލައިފި

ވަކިމުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކޮށްފައި ހުންނެވި ފެމިލީ ކޯޓުގެ ކުރީގެ އިސް ގާޒީ ހަސަން ސައީދުގެ ސަސްޕެންޝަން އުވާލައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ އެ ކޮމިޝަނުން ސަސްޕެންޑްކޮށްފައި ހުންނެވި ހަސަން ސައީދުގެ މައްސަލަ ނުބެލުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. ކޮމިޝަނުގެ މި ނިންމުމާ ގުޅިގެން ހަސަން ސައީދު މިއަދު ވަޒީފާއަށް ނިކުންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް ހަސަން ސައީދުގެ މައްސަލަ ނުބެލުމަށް ޖޭއެސްސީން ނިންމި ވަކި ދުވަހެއް ޒަހީން ވިދާޅުވެފައެއް ނުވެ އެވެ.
ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހަސަން ސައީދު ހުންނަވަނިކޮށް ޖޭއެސްސީން އޭނާ ސަސްޕެންޑް ކުރީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
ވީނިއުސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖޭއެސްސީން ހަސަން ސައީދުގެ މައްސަލައެއް ބަލަން ފެށީ ފެމިލީ ކޯޓުގެ ބައްދަލުވުމެއްގައި މުވައްޒަފުންނަށް މުހާތަބުކޮށް ދެއްކި ވާހަކައެއްގައި ހައިކޯޓަށް އައްޔަން ކުރި ފަނޑިޔާރުންނަކީ އެންމެ ކޮރަޕްޓް މީހުން ކަމަށް ބުނެ އޭނާ ވާހަކަ ދައްކަވާފައިވާ ކަމުގެ ތުހުމަތުގަ އެވެ.
ހަސަން ސައީދު ސަސްޕެންޑް ކޮށް ޖޭއެސްސީން މައްސަލަ ބަލަން ފެށުމުން ހަސަން ސައީދު މީގެ ކުރިން ވަނީ އެ މައްސަލަ މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ސިވިލް ކޯޓަށް މައްސަލަ ވެސް ހުށަހަޅާފަ އެވެ. ނަމަވެސް އެ މައްސަލާގައި އެދިފައިވާ ފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށްވެސް އެ ދުވަސްވަރު ސިވިލް ކޯޓުން ނިންމާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ