2012 ވަނަ އަހަރު ވަރަށް ގިނަ ކަންތައްތަކެއް ހާސިލް ކުރެވުނު: އަބްދުﷲ ރިޔާޒް

ވޭތުވެ ދިޔަ އަހަރަކީ މޯލްޑިވްސް ޕޮލިސް ސާވިސްއަށް ވަރަށް ގިނަ ކަންތައްތަކެއް ހާސިލް ކުރެވުނު އަހަރެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
އަބްދުﷲ ރިޔާޒް މިހެން ވިދާޅުވީ މިއަދު ޔުނިވާސިޓީ އޮފް ވެސްޓާން ސިޑްނީއާއި މޯލްޑިވްސް ޕޮލިސް ސާވިސްއާއި ދެމެދު ފުލުހުންނަށް ސެކިއުރިޓީ އެންޑް ލޯއެންފޯސްމެންޓް ދާއިރާއިން ކިޔަވައިދީ ތަމްރީން ދިނުމުގެ ގޮތުން އިންސްޓިޓިއުޓް އޮފް ސެކިއުރިޓީ އެންޑް ލޯއެންފޯސްމެންޓް ސްޓަޑީޒް (އައިލްސް)އިން ފުރަތަމަ ފަހަރަށް ފަށާ ޑިގްރީ ޕްރޮގްރާމްގެ އެމްއޯޔޫގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ރިޔާޒް ވިދާޅުވީ ސަރުކާރު ބަދަލުވެ މިހާރު އާސަރުކާރަށް މާދަމާ އެއްއަހަރު ފުރޭނެ ކަމަށެވެ. އަދި ފާއިތުވި އަހަރަކީ ފުލުހުންނަށް ވަރަށް ގިނަ ކަންތައްތަކެއް ހާސިލްވި އަހަރެއް ކަމަށެވެ. ބައިނަލްއަގުވާމީ ގޮތުންނާއި އާންމުންގެ ފަރާތުން ވަރަށް ޕޮޒިޓިވް ފީޑް ބެކެއް ލިބުނު އަހަރެއް ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ. އަދި ފާއިތުވެ ދިޔަ އަހަރަކީ އާންމުންގެ އިތުބާރު ފުލުހުންނަށް ވަރަށް ބޮޑުތަން އިތުރުވެގެންދިޔަ އަހަރެއް ކަމަށާއި ފުލުހުންގެ އިމޭޖް އާންމުންގެ ކުރިމަތީގައި ވަރަށް ރީތިވެގެން ދިޔަ އަހަރެއް ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން މިއަދު ސޮއި ކުރެވުނު އެމްއޯޔޫގެ ދަށުން ޔުނިވާސިޓީ އޮފް ވެސްޓާން ސިޑްނީގެ އެހީތެރިކަމާއި އެކީ ހިންގުމަށް ހަމަޖެހިފައިވާ ޑިގްރީ ޕްރޮގްރާމާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ މިއީ ފުލުހުން ޕްރޮފެޝަނަލްކޮށް ތަމްރީން ކުރުމަށް ކުރެވުނު ކަމެއް ކަމަށެވެ. އަދި މިއީ މިއަހަރުގެ ތެރޭގައި އައިލްސްއިން ހިންގުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށެވެ. މީގެ އިތުރުން ރިޔާޒް ވިދާޅުވީ އަލަށް ފަށާ ޑިގްރީ ޕްރޮގްރާމަކީ ސެކިއުރިޓީ އެންޑް ލޯއެންފޯސްމަންޓްގެ ދާއިރާގެ ފުރަތަމަ ޑިގްރީގެ ކޯހެއް ކަމަށާއި މިކޯސް އެކީގައި ގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ކަމަށާއި މިކޯހުގައި 50 ކުދިންގެ ދެކްލާހެއް ހިންގޭނެ ކަމަށެވެ.
މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން ކޯސް ފެށުމަށް ހަމަޖެހިފައިވަނީ މާޗް މަހުގެ 24 ވަނަ ދުވަހުއެވެ. މިކޯހުގައި ބައިވެރިވުމުގެ ފުރުސަތު ފުލުހުންގެ އިތުރުން އެދާއިރާއަށް ޝައުގުވެރިވާ އެހެން ފަރާތްތަކަށް ވެސް އޮންނާނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ކޯސް ހިންގުމަށްޓަކައި މިއަދު ސޮއި ކުރެވުނު އެމްއޯޔޫގެ ދަށުން ޔުނިވާސިޓީ އޮފް ވެސްޓާން ސިޑްނީއިން ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެކަމަށާއި އޭގެ ތެރޭގައި އެޔުނިވާސިޓީގެ ރިސާޗް ޕޭޕަރުތައް އައިލްސްއާއި ހިއްސާ ކުރުމާއި އެޔުނިވާސިޓީގެ އީލައިބްރަރީއަށް ވަދެވުމުގެ ފުރުސަތު މިޑިގްރީ ޕްރޮގްރާމުގައި ކިޔަވާ ދަރިވަރުންނަށް ލިބިގެން ދާނެެއެވެ.
އެމްއޯޔޫގައި އައިލްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒްއެވެ. އަދި ޔުނިވާސިޓީ އޮފް ވެސްޓާން ސިޑްނީގެ ފަރާތުން ސޮއި ކުރެއްވީ އެޔުނިވާސިޓީގެ ވެސްޓަން ސިޑްނީ ކޮލެޖުގެ ޑީން އަދި ސީއީއޯ ޑރ.ކެރީ ހަޑްސަންއެވެ. މިރަސްމިއްޔާތުގައި އެޔުނިވާސިޓީގެ ސޯޝަލް ސައިންސެސް އަދި ސައިކޮލޮޖީ ސްކޫލްގެ އިސް ލެކްޗަރާ ޑރ.މައިކަލް ކެނެޑީގެ އިތުރުން ފުލުހުންގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ