އަބްދުﷲ ރިޔާޒަކީ އަނިޔާކުރުމުގެ ސަގާފަތަކުން ތަޖުރިބާ ލިބިފައިވާ ބޭފުޅެއް: ރައީސް ނަޝީދު

މޯލްޑިވްސް ޕޮލިސް ސާރވިސްގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒުއަކީ އަނިޔާވެރި ސަގާފަތަކުން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއްކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ކުރައްވާ ވައުދުގެ ދަތުރަށް އަރާވަޑައިގެން ދޯނީގައި ހުންނަވާ އެތަނަށް އެއްވެތިބި ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖޭގެ ފުލުހުން އަނެއްކާވެސް އަނިޔާވެރި ވަމުންދާކަމަށާއި ފުލުހުންގެ ވެރިއަކަށް ހުންނެވި އަބްދުﷲ ރިޔާޒުއާއިއެކު ފުލުހުންގެ މުއައްސަސާ ހިންގަން ތިއްބެވި ގިނަ ބޭފުޅުންނަކީވެސް އާއްމުންނަށް ޖިސްމާނީ އަނިޔާތައް ދީފައިވާ ބޭފުޅުންކަމަށެވެ.
"އެބޭފުޅުން އިސްވެ ތިއްބަވައިގެން ހިންގަވާ އޮޕަރޭޝަންތަކުގައި އަބަދުވެސް އިސްކުރާނީ އަނިޔާކުރުން، މިއީ ރާއްޖޭގެ ރައްޔިތުން އެއްވެސް ހާލަތެއްގައި އެދޭގޮތެއްނޫން، ފުރަގަހަށް ބިޑި އަޅުވާފައި އަނގަޔަށް ދޮންވެލި އަޅާ އިއުތިރާފް ބަޔާނުގެ މައްޗަށް ޕްރޮސެކިއުޓް ކުރުމާއި ތަހުގީގުކުރުން އަދި ޝަރީއަތް ކުރުމަކީ އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުން އެދޭކަމެއްނޫން،" ފަޅުރަށެއް ކަމަށްވާ ހދ ހޮނޑައިދޫގައި މިދިއަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނުގައި އެރޭ އެރަށުގައި ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްގަފޫރު އާއި ރައީސް ނަޝީދުގެ ސްޕެސަލް އެންވޯއީ އިބްރާހިމް ހުސައިން ޒަކީ އާއި ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ރާބުއިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މައްސަލައަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދުވިދާޅުވިއެވެ.
ފުލުހުންގެ މުއައްސަސާގައި އިސްކޮށްތިއްބެވި ގިނަ ބޭފުޅުންނަކީ ތަހުގީގު އިލްމާއި ފޮރެންސިކް ކަންކަންވެސް އެނގިވަޑައިނުގަންނަވާ ބޭފުޅުންކަމަށާއި ފުލުހުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި ރައްޔިތުންނަށް އަނިޔާ ކުރަމުންއެދަނީ "ބަޣާވާތްކޮށްގެން" ގެނައި ސަރުކާރު ދިފާއުކުރުމަށްކަމަށްވެސް ފުލުހުންގެ މުއައްސަސާއަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.
މަސްތުވާތަކެތި އާއްމުވަމުންދާދިއުމަށް އަލިއަޅުވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ ހައްތަހާވެސް މިހާރު އަޑުއިވެނީ ފަޅުރަށަކުން ނުވަތަ ގެއަކުން މީހަކު، ދެމީހަކު ނުވަތަ ކުޑަކުއްޖަކު ޕެކެޓެއް ނުވަތަ ދެޕެކެޓާއިއެކު ހައްޔަރުކުރާ ވާހަކަ ކަމަށެވެ. ކަސްޓަމުން އެތެރެވާތަނުން ހިފަހައްޓަން ބޭނުންވާ ކަމަށާއި އެވިޔަފާރިއަށް ހުރަހެއް ގެންނަން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ކިލޯއިން ކިލޯއިން ކަސްޓަމުންވެސް އެތެރެވާތަނުން ހިފަހައްޓަން އެވިޔަފާރިއަށް ހުރަހެއް ގެންނަށްޖެހޭ،" އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކްރައިމް ކޮމާންޑުގެ އިސްމަގާމެއްގައިހުރި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޖިނާހުގެ ބޭނުން އެމުއައްސަސާއަކުން ނުހިފާކަމަށަވެ. އަދި "އެބޭފުޅާއަކީ އަޅުގަނޑުގެ ސަރުކާރުގައި މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް އެންމެ ބާރަށް މަސައްކަތްކޮށްދެއްވި އެކަކު،" އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ އުތުރަށް އެމްޑީޕީން އިއްޔެ ފެށިގެން ކުރަމުންދާ ދަތުރުގައި ބޮޑު ފަސްދޯނީގައި ގިނައަދަދަކަށް މީހުން ފުރާފައިވެއެވެ. މިދަތުރުގައި އެމީހުން ދާގޮތަށް ހަމަޖެހިފައިއޮތީ ހއ، ހދ، ގެ މީހުން އުޅޭހުރިހާ ރަށަކަށާއި ށ އަތޮޅުގެ މީހުން އުޅޭ ބައެއް ރަށްރަށަށާއި އަދި ރ އުނގޫފާރަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މިދަތުރުގައިވެސް ރާއްޖޭގެ އާބާދީގެ 25 ޕަސެންޓް މީހުންނާ ބައްދަލުވެ ރައްޖޭގެ ތަރައްގީއަށް ކުރެވެންހުރި ކަންތައްތަކާއި މަޝްވަރާ ކުރައްވާނެކަމަށެވެ. މީގެކުރިން އެމްޑީޕީން ވަނީ ރާއްޖޭގެ ދެކުނަށް ވައުދުގެ ދަތުރެއް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ