ދުވާފަރާއި ވިލުފުށީގެ ކޮންމެ ގެއަކަށް އަންނަ އަހަރުގެ ބަޖެޓްގައި ފައިސާ ހިމެނުމަށް ސުނާމީ ކޮމިޓީން އެދެފި

ސުނާމީ އަށް ފަހު އަލުން އާބާދުކުރި ދުވާފަރާއި ވިލުފުށީގެ ކޮންމެ ގެއަކަށް އަންނަ އަހަރުގެ ބަޖެޓުގައި އެ ފައިސާ ހިމަނައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސުނާމީ ކޮމިޓީން އެދެފި އެވެ. ސުނާމީ ކޮމިޓީގެ މުގައްރިރު، ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު މި މަހުގެ 1 ގައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ ދުވާފަރާއި ވިލުފުށީގެ ކޮންމެ ގެއަކަށް 25،000ރ. އާއި 50،000ރ. ދެމެދުގެ އަދަދެއްގެ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިދިނުމަށެވެ. މި އަހަރުގެ ބަޖެޓުގައި ވެސް މި ފައިސާ ހިމެނުމަށް ސުނާމީ ކޮމިޓީން ހުށަހެޅި ކަމަށް އެ ސިޓީގައިވެ އެވެ. ދުވާފަރާއި ވިލުފުއްޓަށް ފައިސާ ދިނުމަށް ހުށަހެޅުއްވީ އެ ދެ ރަށުގެ ރައްޔިތުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެދި މަޖިލީހަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން، ޕެޓިޝަން ކޮމިޓީގެ ސަބް ކޮމިޓީން ފައިސާ ދިނުމަށް ފެންނަ ކަމަށް ނިންމާފައިވާތީ އާއި އެ ކޮމިޓީން ނިންމި ގޮތަށް އެ ފައިސާ މި އަހަރުގެ ބަޖެޓުގައި ހިމަނާފައިނެތުމުން ކަމަށް ސުނާމީ ކޮމިޓީގެ ސިޓީގައިވެ އެވެ. މާލީ އެހީ ދިނުމުގެ އިތުރުން ސުނާމީގައި ހާލުގައި ޖެހުނު މ. ކޮޅުފުއްޓާއި ތ. މަޑިފުއްޓާއި ގއ. ވިލިގިލި، ދާންދޫ، މާމެންދޫ އަދި ފ. ނިލަންދޫގައި ބިނާކޮށްފައިވާ ވަގުތީ ހިޔާތަކުގައި ދިރިއުޅޭ މީހުންނަށް ދާއިމީ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް އަންނަ އަހަރުގެ 14 ބިލިއަން ރުފިޔާގެ ބަޖެޓުގައި ފައިސާ ހިމެނުމަށް ވެސް އެ ސިޓީގައި އެދިފައިވެ އެވެ. ސުނާމީ ކޮމިޓީގެ ސިޓީ މިހާރު ވަނީ އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީ އަށް ފޮނުވައިފަ އެވެ. ބަޖެޓް ކޮމިޓީގެ ނައިބު މުގައްރިރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވިދާޅުވީ މެމްބަރުން ބޭނުންވާ ހުރިހާ ކަމެއް އެ ކޮމިޓީ އަށް ގެނައުން މުހިންމު ކަމަށާއި އެކަންކަމަށް އެ ކޮމިޓީން ރިޔާއަތްކުރާނެ ކަމަށެވެ. ދުވާފަރަކީ ސުނާމީ އަށް ފަހު، ކަނދޮޅުދޫ ރައްޔިތުންނަށް އާބާދުކޮށްދިން ރަށެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ