މެޑިކަލް ދާއިރާގެ މީހުން ސޯޝަލް މީޑިއާ އަށް ރައްކާތެރިވާން ޖެހޭ

ޑރ. ޢަބްދުﷲ ޢުބައިދު މިއީ އިންޓަނެޓާއި މޯބައިލް ފޯނުގެ ޒަމާނެވެ. ފޭސްބުކާއި ޓްވިޓަ އަދި ބްލޮގްތަކާއި ފޯރަމްތަކުގެ ޒަމާނެވެ. މިފަދަ ތަކެތީގެ ޒަރީއާ އިން ދުނިޔެ މިވަނީ ކުޑަކުޑަ ތަނަކަށް ބަދަލުވެފަ އެވެ. އެކަކު އަނެކަކާ ބައްދަލުވެ ވާހަކަދައްކައި ސަމާސާ ކުރުމަށްޓަކައި ކޮންމެހެން އެއް ތަނެއްގައި ތިބުމެއް މިހާރު މުހިއްމެއް ނޫނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ތަފާތު މީހުންނަށް، އެ މީހަކު ހުރި ތަނެއްގައި ހުރެގެން އެއް ބަޔަކު އަނެއް ބަޔަކާ ދައްކަން ބޭނުން ވާހަކައެއް ދައްކައި ބަލަން ބޭނުންވާ މަންޒަރެއް ބެލުމުގެ ވަސީލަތްތައް މިހާރު ވަނީ ފަހިވެފަ އެވެ. ފަހަކަށް އައިސް އިންޓަނެޓްގެ ޒަރީއާ އިން ވާހަކަދައްކައި އެކި ކަންކަމަށް ޚިޔާލު ފާޅުކޮށް ފާޑުކިޔައި ހެދުމަށްޓަކައި ތަފާތު ސޮފްޓްވެއާތައް ނެރެފައިވެ އެވެ. އޭގެ ތެރޭގައި ފޭސްބުކާއި ޓްވިޓަ އަދި ތަފާތު ބްލޮގްތަކާއި ފޯރަމްތަކާއި މި ނޫން ވެސް ތަފާތު ވަސީލަތްތައް ހިމެނެ އެވެ. މިއީ ކަނޑައެޅޭ ވަކި ބައެއްގެ ތެރޭގައި އެކި ކަންކަމާ މެދު ވާހަކަދައްކައި ޚިޔާލު ބަދަލުކޮށް އަދި ބައެއް ފަހަރު ފާޑުކިޔުން ފަދަ ކަންތައްކުރެވޭ ސޯޝަލް މީޑިއާތަކެވެ. އެކަކު ފާޅުކުރާ ޚިޔާލާއި ފިކުރަށް އަނެކުންގެ ޚިޔާލު ލިއުމުން ނުވަތަ އަޑުން ނުވަތަ ފޮޓޯ އިން ނުވަތަ ވީޑިއޯގެ ޒަރީއާ އިން ވެސް ފާޅުކުރެވޭ ވަސީލަތްތަކެވެ. މިއީ ވަރަށް ރަނގަޅު އަދި ވަރަށް ގިނަ ފައިދާތައް އެކުލެވޭ ރަނގަޅު މުވާސަލާތީ ވަސީލަތްތަކެކެވެ. ޑޮކްޓަރުންނާއި ނަރުހުން އަދި އެފަދަ ރޮނގުތަކުން ތައުލީމު ހާސިލުކުރާ ދަރިވަރުންގެ މެދުގައި މިފަދަ އިޖްތިމާއީ މުވާސަލާތީ ވަސީލަތްތައް ބޭނުންކުރުން ވަނީ ވަރަށް ގިނަވެފަ އެވެ. އަދި އެއީ އެފަދަ ޕްރޮފެޝަނެއްގައި މަސައްކަތްކުރާ ބަޔަކަށް ވަރަށް މުހިއްމު ކަމެއް ވެސްމެ އެވެ. އަދި މި ކަމުގައި ގިނަ ފަހަރަށް އެއްވެސް މައްސަލައެއް ކުރިމަތިނުވެ އެވެ. ނަމަވެސް މީޑިއާ ބޭނުންކުރާ ގޮތްތަކާ ބެހޭ ގޮތުން ކޮށްފައިވާ ދިރާސާއަކުން ހާމަވާ ގޮތުގައި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުން މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކުރުމުގައި މަސައްކަތުގެ އަޚުލާގާ ފުށުއަރާ ކަންތައްތައްކުރެ އެވެ. އޭގެ ސަބަބުން ގާނޫނީ މައްސަލަތަކާ ކުރިމަތިލާން ޖެހިފައި ވެސް އެބަ ހުއްޓެވެ. ސިއްހީ މަސައްކަތްތެރިން ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ރައްކާތެރިވާން ޖެހޭ ކަމަށް އިޝާރަތްކުރަމުން އިނގިރޭސި ވިލާތުގެ މެޑިކަލް އެސޯސިއޭޝަނުން ވަނީ ދާދި ފަހުން ބަޔާނެއް ނެރެފަ އެވެ. އޭގައި ސިއްހީ ދާއިރާގައި މަސައްކަތަކުރާ މީހުން ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ބަލަން ޖެހޭ އުސޫލްތަކެއް ބަޔާންކޮށްފައިވެ އެވެ. އިނގިރޭސި ވިލާތުގެ މެޑިކަލް އެސޯސިއޭޝަނުން ދެކޭ ގޮތުގައި އިންޓަނެޓް ބްލޮގްތަކުގަ އާއި ވެބް ފޯރަމްތަކުގައި ޑޮކްޓަރުންނާއި ނަރުހުން އަދި މެޑިކަލް ދާއިރާ އިން މަތީ ތައުލީމު ހާސިލުކުރާ ކުދިން ބައިވެރިވެ އެ ތަންތާގައި ކުރަމުންދާ ބަހުސްތަކުގައި ޚިޔާލު ފާޅުކުރާ އިރު ރައްކާތެރިވާން ޖެހެ އެވެ. ވަކި ކަހަލަ ކްލިނިކަލް ހާލަތްތަކަށް އިޝާރާތްކުރާ އިރު ފަރުވާ ލިބިގަންނަމުންދާ ބަލިމީހުންގެ ފާޅުކުރަން ނުޖެހޭ މައުލޫމާތުތައް އެންމެނަށް ހާމަވުމަކީ ވަރަށް ގިނަ ފަހަރަށް ކުރެވިދާނެ ކަމެކެވެ. ސަބަބަކީ އެއީ ބައެއް ފަހަރު އޭގައި އެކުލެވޭ ތަކެތި އެންމެންނަށް ކިޔޭ ގޮތަށް ހުޅުވާލެވިދާނެ ފަދަ އެއްޗިއްސަށް ވުމެވެ. އަދި މެޑިކަލް ދާއިރާގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުން އަދި އެހެނިހެން މުވައްޒަފުންނަކީ އެމީހުން ފަރުވާކުރާ ބަލިމީހުންގެ މައުލޫމާތު ރައްކާތެރިކުރުމުގެ ގާނޫނީ އަދި އަޚުލާގީ ޒިންމާ އުފުލަން ޖެހޭ ބަޔަކަށް ވާތީ ވެސްމެ އެވެ. އަދި ބަލިމީހާގެ އެއްބަސްވުމެއް ނެތި އޭނަ އާއި އޭނަގެ ހާލަތު ދަނެގަނެވިދާނެ ފަދަ އެއްވެސް މައުލޫމާތެއް ހާމަކުރުމަކީ މެޑިކަލް ކައުންސިލްގެ ގަވާއިދުތަކާ ޚިލާފު ކަމެކެވެ. އަދި އެއީ ގާނޫނީ އަނދަވަޅަކަށް ވެއްޓިދާނެ ކަމެކެވެ. ޑޮކްޓަރުންނާއި މެޑިކަލް ދާއިރާގައި މަސައްކަތްކުރާ މީހުން ފޭސްބުކް އަދި ޓްވިޓަ ފަދަ މީޑިއާތަކުގައި ބައިވެރިވުމަކީ ވެސް ރައްކާތެރިކަމާ އެކު ކުރަން ޖެހޭ ކަމެއްކަމަށް މެޑިކަލް ދާއިރާތަކުން ދެކެ އެވެ. އަދި އެ މީޑިއާތަކުގައި ޕްރައިވަސީ ނުވަތަ ރައްކާތެރިކަމުގެ އެކި ލެވެލް އެކުލެވެ އެވެ. މިސާލަކަށް ދަންނަވާ ނަމަ ޑީފޯލްޓް ސެޓިންގައި 'ޕަބްލިކް" ގައި ފާހަގަލެވިފައި އޮވެއްޖެ ނަމަ އެމީހެއްގެ މައުލޫމާތު އެންމެންނަށް ފެންނަން އޮންނާނެ އެވެ. މިފަދަ ހާލަތްތަކުގައި ޑޮކްޓަރުންގެ މައުލޫމާތުތަކުގެ ތެރޭގައި ހިމެނޭ ވަރަށް ކުޑަކުޑަ ތަފްޞީލުތައް ބަލިމީހުންނަށް ވެސް އަދި އެހެން މީހުންނަށް ވެސް ހޯދައިގަނެވިދާނެ އެވެ. މިހެންވެއްޖެ ނަމަ ވަކި ޑޮކްޓަރަކަށް ދައްކަން ބޭނުންވާ ބަލިމީހުން ނުވަތަ ވަކި ޑޮކްޓަރަކު ފަރުވާކޮށްފައިވާ ބަލިމީހުންގެ ފަރާތުން އެމީހަކަށް ރަހުމަތްތެރިކަމުގެ ގުޅުން ހުށަހެޅުމާއި ތަފާތު ވައްތަރުގެ ހަދިޔާ އާއި އަދި މިނޫން ވެސް ބަލިމީހަކާއި ޑޮކްޓަރަކާ ދެމެދުގައި އޮންނަން ޖެހޭ ޕްރޮފެޝަނަލް ގުޅުމުގެ އިމުން ބޭރުވާ ފަދަ ވަރަށް ގިނަ މައްސަލަތައް ކުރިމަތިވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. އަދި އެއީ ގާނޫނީ އަދި މަސައްކަތުގެ އަޚުލާގީ މިންގަނޑުން ބޭރު ކަންކަމެވެ. އެމެރިކާގައި ސިއްހީ މަސައްކަތްތެރިން ސޯޝަލް މީޑިއާ ބޭނުންކުރާ ގޮތާ ބެހޭ ގޮތުން ކޮށްފައިވާ ދިރާސާއަކުން ހާމަވާ ގޮތުގައި ޑޮކްޓަރުން، މީޑިއާތަކުގައި ލިޔެފައިވާ ލިއުންތަކާއި ކޮށްފައިވާ ކޮމެންޓަތަކުގައި ވަކި ބާވަތެއްގެ ބޭސް ނުވަތަ އެހެނިހެން ފަރުވާގެ ބާވަތްތައް އިޝްތިހާރުކުރުމާއި ޕްރޮމޯޓްކުރެވޭ ފަދަ ލިޔުންތައް ލިޔެފައިވެ އެވެ. އަދި ބައެއް ފަހަރު އެ ޑޮކްޓަރަކު މަސައްކަތްކުރާ ހޮސްޕިޓަލު ނުވަތަ އެ ނޫން ވެސް ތަނަކުން ދޭ ފަރުވާއަކީ އެންމެ ރަނގަޅު ފަރުވާކަމުގައި ވެސް ބުނެފައި ހުރެ އެވެ. މިއީ ފަހަރެއްގައި އެ މީހުންނަށް ނޭނގި ކުރެވިފައިވާ ކަމަކަށް ވެސް ވެދާނެ އެވެ. ނަމަވެސް އެފަދަ މާނައެއް ދޭހަވާ ގޮތުން އާއްމު މީހުންނަށް ފެންނަން ހުންނާނެ ގޮތަށް ވަކި މީހެއްގެ ނަމުގައި އެއްޗެއް ލިޔުމަކީ ވަކި ވައްތަރެއްގެ ފަރުވާގެ އިޝްތިހާރަކަށް ނޫނީ ނުވާނެ އެވެ. އެފަދަ ކަމެއް ގާނޫނީ އިމުގެ ތެރެއިން ނޫން ގޮތަކަށް ކުރުމަކީ މެޑިކަލް ކައުންސިލްތަކުގެ ގަވާއިދާ މުޅިން ޚިލާފު ކަމެކެވެ. ޑޮކްޓަރުންނާއި ނަރުހުން އިންޓަނެޓް ބޭނުންކުރުމުގައި ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން 2010 ވަނަ އަހަރު އޮސްޓްރޭލިއަން މެޑިކަލް އެސޯސިއޭޝަނުންނާއި އަދި ނިއުޒީލަންޑް މެޑިކަލް އެސޯސިއޭޝަނުން ވަނީ ގަވާއިދުތަކެއް އާއްމުކޮށްފަ އެވެ. މި ގަވާއިދުތައް ހަދަންޖެހުނު ސަބަބު ބަޔާންކުރަމުން އެ އެސޯސިއޭޝަންތަކުން ހާމަކޮށްފައިވަނީ ސިއްހީ މަސައްކަތްތެރިން ސޯޝަލް މީޑިއާ ބޭނުންކުރުން ގިނަވުމާއެކު އޭގެ ތެރެއިން ބައެއް މީހުންގެ އަމަލުތައް ހުންނަ ގޮތުން މެޑިކަލް ޕްރޮފެޝަނަށް އޮންނަންޖެހޭ އިތުބާރާއި ޔަގީންކަން ގެއްލޭ ގޮތް ދިމާވަމުން ދާތީ ކަމުގަ އެވެ. ވުމާއެކު ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނަކީ އިންޓަނެޓުގައި ވެސް އެ މީހުންގެ މަސައްކަތުގެ ނާޒުކްކަމާއި އޭގައި އެކުލެވޭ ރިސްކުތައް ހަނދާން ނައްތާލައިގެންވާނެ ބައެއް ނޫނެވެ. ތިރީގައި މިވާ ނުކުތާތަކަކީ މި މައްސަލައާ ގުޅޭ ގޮތުން ބްރިޓިޝް މެޑިކަލް އެސޯސިއޭޝަނުން ޑޮކްޓަރުންގެ ސަމާލުކަމަށް ގެނެސްފައިވާ ވަރަށް މުހިއްމު ނުކުތާތަކެކެވެ. - ސޯޝަލް މީޑީއާއަކީ އާއްމު ދިރިއުޅުމާއި އަދި ފަރުދީ ހައްގުތަކާއި މަސައްކަތުގެ ދާއިރާ ވަކިކުރެވިފައިވާ އިންތައް ފަސޭހަ އިން ހަނދާން ނެތިދާ ފަދަ ވަސީލަތެކެވެ. ނަމަވެސް މިއިންތައް ހަނދާން ބަހައްޓަންވާނެ އެވެ. - ޑޮކްޓަރުންނާއި މެޑިކަލް ދާއިރާ އިން ތައުލީމު ހާސިލުކުރާ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ރައްކާތެރިވުމާއި އަދި އެފަދަ މީޑިއާތަކުގައި ބަދަލުކުރެވޭ މައުލޫމާތުތަކަކީ އާއްމުކޮށް ފެންނަން ހުރެދާނެ ފަދަ ތަކެތި ކަމަށް ބަލައި އެފަދަ ތަކެތި ރައްކާތެރިކަމާއެކު ބޭނުންކުރުން. - އިންޓަނެޓާއި އެފަދަ އެހެން މީޑިއާތައް ބޭނުންކުރުމުގައި ވެސް ޑޮކްޓަރުންގެ މަސައްކަތުގެ އަޚުލާގާއި މެޑިކަލް އެތިކްސް އަދި ގާނޫނީ އިންތައް ފަހަނަޅައިނުދިއުމާއި ކޮންމެ ފަދަ ހާލަތެއްގައި ވެސް ބަލިމީހުންގެ މަސްލަހަތަށް ރައްކާތެރިވުން. - އިންޓަނެޓްގައި ކުރާ ކޮމެންޓްތަކުގައި ތިމާގެ އަމިއްލަ ނަފްސާ އެކުގައި މަސައްކަތްކުރާ މީހުންނާއި އަދި ބަލިމީހުންނާ ބެހޭ ގޮތުން އެކަށީގެންނުވާ ކޮމެންޓްތައް ނުކުރުން. - އިންޓަނެޓް ބޭނުންކުރުމުގައި ވަކި ފަރުވާއަކަށް ނުވަތަ ބޭހަކަށް ނުވަތަ ވަކި ތަނެއް ޕްރަމޯޓްކޮށް އިޝްތިހާރަކަށް ވާފަދަ ކޮމެންޓް ނުކުރުން. - ކުރީގައި ފަރުވާކޮށްފައިވާ ބަލިމީހުންނާއި އަދި މިހާރު ފަރުވާކުރަމުންދާ ބަލިމީހުންގެ ފަރާތުން ފޭސްބުކަށް އަންނަ ރަހުމަތްތެރި ކަމުގެ ދައުވަތު ގަބޫލުނުކުރުން. - އިންޓަނެޓުގައި މީހަކާ މެދު ކުރާ ކޮމެންޓްތަކާއި ލިޔެވޭ ލިޔުންތަކަކީ އެހެން މީހުންގެ އަބުރާބެހުންކަމަށް ބަލައި އެ ފަދަ ދައުވާއެއް ކޯޓެއްގައި އުފުލުމަކީ އެކަށީގެންވާ ކަމެއްކަމަށް ދެކެންވާނެ އެވެ. - ޑޮކްޓަރުންނާއި އަދި މެޑިކަލް ދާއިރާ އިން ތައުލީމު ހާސިލުކުރާ ކުދިން އިންޓަނެޓްގައި ކުރާ ކަންތައްތަކުގެ ސަބަބުން އެ މީހުންގެ މުސްތަގްބަލަށް ނޭދެވޭ އަސަރުތައް ފޯރާފާނެކަމަށް ދެކެންވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ