މިސުރުގެ ރައީސްގެ އަރިއަހަށް ރައީސް މައުމޫން ޒިޔާރަތް ކުރައްވައިފި
ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް މައުމޫން ޢަބްދުލްގައްޔޫމް، މިސުރުގެ ރައީސް ޢަބްދުލްފައްތާޙް އައްސީސީގެ އަރިހަށް އިއްޔެ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ. އެ ބައްދަލުކުރެއްވުމުގައި، ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި ރައީސް އައްސީސީއާ ބައްދަލުކޮށްލެއްވުމުގެ ފުރުޞަތު ދެއްވިކަމަށް ޓަކައި ޝުކުރު އަދާކުރެއްވި އެވެ. އަދި މިސުރުގެ ސަރުކާރުން އެމަނިކުފާނަށް ދެއްވި މެހެމާންދާރީއަށްވެސް ޝުކުރު ދަންނަވާކަމުގައި ވިދާޅުވި އެވެ. ފަތުވާ ދިނުމާ ބެހޭ މިފަދަ މުހިންމު ބައިނަލްއަގްވާމީ ޖަލްސާއެއް ބޭއްވުމުން ދޭހަވަނީ މިސުރުގެ ރައީސްއާއި ސަރުކާރުން އިސްލާމީ ކަންތައްތަކަށް ދެއްވާ އަހަންމިއްޔަތު ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. މިސުރަކީ މުސްލިމުންގެ ވަޙްދަތު ރައްކާތެރި ކުރުމަށާއި އިސްލާމީ އުންމަތަށް ދިމާވާ ކޮންމެ ކަމެއްގައި އިސްލާމީ އުންމަތުގެ ދިފާޢުގައި ވަރަށް އިސް ދައުރެއް އަދާކުރަމުން އަންނަ ގައުމެއްކަމުގައި ވެސް ރައީސް މައުމޫން ވިދާޅުވި އެވެ. ވަރަށް ގިނަ އިސްލާމީ ގައުމުތަކުގެ މުފްތީންނާއި ޢިލްމުވެރިން މި ޖަލްސާގައި ބައިވެރިވެވަޑައިގެން އެބޭފުޅުން ދެއްވި ޚިޔާލުތަކުގެ އަލީގައި މި ޖަލްސާއިން ނިންމި ކަންތައްތަކުގެ ސަބަބުން، ފަތުވާ ދިނުމުގައި ދިމާވެގެންއުޅޭ މައްސަލަތަކަށް ވަރަށް ބޮޑު ޙައްލެއް އަންނާނެކަމަށް އުންމީދުކުރައްވާ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް މައުމޫންގެ ވާހަކަފުޅުގައި، މީގެ ދެދުވަހެއް ކުރިން، ރައީސް އައްސީސީގެ މަންމާފުޅު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވާފައިވާތީ އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގަޔާއި ދިވެހި ރައްޔިތުންގެ ނަމުގައި ރައީސް އައްސީސީއަށް ތަޢުޒިޔާ ދެންނެވި އެވެ. ރައީސް އައްސީސީގެ ވާހަކަފުޅުގައި ރައީސް މައުމޫނަށާއި ޖަލްސާގެ ބައިވެރިންނަށް މަރްޙަބާ ވިދާޅުވެ، އެބޭފުޅުންގެ މަސައްކަތްޕުޅުތަކަށް ކާމިޔާބަށް އެދިވަޑައިގަތެވެ. އެކި ޖަމާޢަތްތަކުގެ ނަންނަމުގައި މުސްލިމުން ބައިބައިވުމަކީ މުޅި އުންމަތަށް ލިބޭ ނިކަމެތި ކަމެއް ކަމުގައި ވެސް ވިދާޅުވި އެވެ. އަދި ރައީސް މައުމޫނާއި އެހެނިހެން ބޭބޭފުޅުން ދެއްކެވި ވާހަކަފުޅުތަކަށް ޝުކުރު އަދާކުރެއްވި އެވެ. މީގެ އިތުރުން، ރައީސް އައްސީސީގެ މަންމާފުޅު އަވަހާރަވުމުގެ ހިތާމައިގާ ހުރިހާ ބޭފުޅުން ފާޅުކުރެއްވި ތަޢްޒިޔާގެ ބަސްފުޅުތަކަށް ވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ