ކަނޑުން ނަފާ ހޯދާ ދިވެހިންނަށް ހަމަ ސާބަސް!

ދިވެހިންގެ ލޭނާރުަކަމަށް ދެކެމުން އަންނަ މަސްވެރިކަމަކީ ހަނދާނަށް އަންނަ ފެށީންސުރެންވެސް ދިވެހިން އެންމެ ފޯރީގައި ކުރަމުން އަންނަ މަސައްކަތެވެ. އަދިވެސް އެފޯރިއަކަށް ބަދަލެއް ނާދެއެވެ. އަނބިދަރިންދޫކޮށް މާކަނޑަށް ނިކުމެ ބާނައިގެން އަންނަ މަސްކޮޅު ވިއްކައިގެން އެލިބޭ ނަފާއިން ދިރިއުޅޭ މީހުން ކިހާ ހިތްވަރުގަދަތޯއެވެ. މަސްވެރިކަމަކީ މީގެކުރިން އުމުރުން ދުވަސްމީހުން ކުރަމުން އައި މަސައްކަތެއް ނަމަވެސް މިހާރު 16 އަހަރުފެށިގެން މަސްވެރިކަމަށް ނިކުމެގެން އުޅޭ އެތައް ކުއްޖެއް އެބައުޅެއެވެ. މަސްވެރިކަމުގައި ދިވެހި ޒުވާނުން އުޅޭތަން ފެނުމުން އެކުދިންނަށް ތައުރީފްކުރާ މީހުންވެސް މަދެއް ނޫނެެވެ. އެކުންދިންނަށް ހަމަ ތައުރީފް ހައްގެވެ. ދިވެހިންގެ ޒަމާންވީ މަސައްކަތްތަކާއި، ހިތްވަރު އަންނަށް އޮތް ޖީލަށް ގެންގޮސްދޭނީ ހަމަ އެކުދިންނެވެ.
ކޮންމެ އަހަރެއްގެވެސް ޑިސެމްބަރ މަހުގެ 10 ވަނަ ދުވަސް ހާއްސަކުރަނީ މަސްވެރިން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމަށެވެ. މިދުވަސް ދިވެހިރާއްޖޭގައި ފާހަގަކުރަންފެށީ 1981 ވަނަ އަހަރުން ފެށިގެންނެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރާތާ 39 އަހަރުވެފައިވާއިރު، ޒަމާނާއެއްގޮތަށް މަސްވެރިކަމަށްވެސް ގިނަ ބަދަލުތަކެއް މިވަނީ އައިސްފައެވެ. ފަންރިޔަލުގައި، ކުދި ދޯންޏާއި، ބައްތެލީގައި ނިކުމެ ކުރި މަސްވެރިކަން ފައިބަރު ދޯނިތަކަށް ބަދަލުވެ ޒަމާނާ އެއްގޮތަށް ވަނީ ކުރިއަރާފައެވެ. އަދި ކުރިން ނުލިބޭ ޚިދުމަތްތައްވެސް މަސްވެރިންނަށް ލިބެއެވެ. ދެން އުފެދޭ އެންމެ ބޮޑު ސުވާލަކީ މަސްވެރިންނަށް އެމީހުންގެ ހައްގުތައް ރަނގަޅަށް ލިބޭތޯއެވެ.
ކަނޑުމަތީ އެތައް ދުވަހެއް އުޅުމަށްފަހު ބާނައިގެން އަންނަ މަސް ވިއްކުމުގައި ގިނަ ދަތިތަކެއް ކުރިމަތިވާ ވަހަކައަކީ މަސްވެރިން އަަބަދުވެސް ކުރަމުން އަންނަ ޝަކުވާއެކެވެ. އައިސް ނުލިބޭ ވާހަކަވެސް މެދުނުކެނޑި އަޑުއިވެއެވެ. މަސްވެރިންގެ ކަންބޮޑުވުންތައް އެނގޭނީ ހަމަ މަސްވެރިއަކަށް ވާހަކަ ދައްކާލުމުންނެެވެ.
މަސްވެރިންގެ ޝަކުވާތަކަށް ހައްލު ހޯދުމުގެ ގޮތުން އާ ސަރުކާރުގެ މެނިފެސްޓޯގައި ގިނަ ސިޔާސަތުތަކެއް ކަނޑައެޅިއެވެ. މިކަމުގެ ސަބަބުން ގިނަ މަސްވރިންތަކެގެ ޒަމާންވީ އުންމީދުތަކެއްގައި ކުލަޖެހެން އުޅޭކަމުގެ އިޝާރާތެއް އެމީހުނަށް ލިބިގެންދިޔައެެވެ.
މެނިފެސްޓޯގައި ހިމެނި ކަންކަމުގެ ތެރޭގައި ދިވެހި އިގްތިސާދުގެ ރޫފަހެޔޮކުރުމަށް މަސްވެރިކަމުގެ ސިނާއަތުން ނެރެވޭ ފައިދާ ބޮޑުކުރުމާއި، މަސްވެރިކަމަށް ދުނިޔޭގެ ބާޒާރުގައި ލިބޭ ބޮޑު އަގު ދިވެހި މަސްވެރީންނަށް ހޯދައިދިނުމުގެ އިތުރުން މަހަށް ފުރުވުމުގެ ބޭނުމުގައި ފަށަންދަމައި ބަނދެގެން ބާލާފައިވާ އެންމެކުޑަ ބޮއްކުރާއިން ފެށިގެން ބޮޑެތި ބިޔަ ކަންނެލި އޮޑިފަހަރުވެސް މަހަށް ނުކުމެ ބާނާ އެއްޗަކުން އިސްރާފުވުމެއްނެތި ހަމައަގު ލިއްބައިދިނުންވެސް ހިމަނާފައިވެއެވެ.
މަސްވެރިކަމުގެ ދާއިރާގައި އަންހެނުން އަދާކޮށްފައިވާ ބުރަ ބަލައިގަނެ، އަންހެނުންގެ ދައުރު ހަރުދަނާކުރުމަށް ފިޔަވަޅު އެޅުންވެސް މެނިފެސްތޯގައި ވަނީ ހިމަނާފައެވެ. ތެލާއި އައިސް އަދި އެހެނިހެން ތަކެތި ހޯދުމަށްޓަކައި މާދުރަށް ދުއްވާން ނުޖެހޭނެ އިންތިޒާމެއް ތައާރަފްކޮށް، ރާއްޖޭގެ މުޅި އިގްތިސާދީ ސަރަހައްދު ބޭނުން ކުރެވޭނޭ މަގު ދިވެހި މަސްވެރީންނަށް ފަހިކޮށްދިނުމަކީ ވެސް މެނިފެސްޓޯގައި ހިމަނާފައިވާ ކަމެކެވެ.
ސަރުކާރަށް އެއް އަހަރުވެފައިވާއިރު، އުފެދޭ ސުވާލަކީ މިކަންކަން ހާސިލްވީ ކިހާވަރަކަށްތޯއެެވެ. މިކަންއެންމެ ރަނގަޅަށް އެނގޭނެ ބަޔަކީ މަސްވެރިންކަމުން އެމީހުންގެ ބަހެއް ލިބޭތޯ ބަލާލީމެވެ. ވާކަހަ ދައްކާލި ހުރިހާ މަސްވެރިންވެސް ބުނީ ހީކުރި މިންވަރަށް އެއްވެސް ކަމެއް ހާސިލްވެފައި ނުވާކަމަށެެވެ.
ދ.މީދޫގައި މަސްވެރިކަންކުރާ ފަރާތަކާއި ސަރުކާރުގެ މެނިފެސްޓޯގައި ހުރި ކަންކަން ހާސިލްވީ ކިހާވަރަަށްތޯ އަހާލުމުން ޖަވާބެއްގެ ގޮތުގައި ބުނީ މަސްވެރިކަމުގައި ދިމާވާ ގޮންޖެހުންތަކަށް އަދިވެސް ބަދަލެއް ނާންނަ ކަމަށެވެ. މެނިފެސްޓޯގައި މަސްވެރިންނަށް ހާއްސަކޮށްގެން ގިނަ ކަަންތައްތަކެއް ހިމަނާފައި ވީނަމަަވެސް މިކަންކަން އަދި ހާސިލްވާތަން ނުފެންނަ ކަމަށެވެ.
މަސްވެރިންނަށް ދިމާވާ ގިނަ ގޮންޖެހުންތަކެއް އެބަހުރިކަން ފާހަގަކުރަމުން އޭނާ ބުނީ އައިސް ހޯދަންވެސް ވަރަށް އުނދަގޫ ކަމަށެވެ. އަދި މަސްވެރިންނަށް ހަމައަގު ނުލިބުމަކީ އެންމެ ބޮޑު ގޮންޖެހުން ކަމަށްވެސް ބުންޏެވެ. ދެހަފްތާ ވަންދެން ބާނާމަސް އެއްވެސް ކޮޅެއްގައި ނުޖެހޭ އަގެއްގައި ވިއްކަން ޖެހުމުން ހަމައަގު ލިބުމުގައި ދަތިވާކަން އޭނާ ފާހަގަކުރިއެވެ.
ރ އަތޮޅުގައި މަސްވެރިކަން ކުރާ ފަރާތަކާއި ވާހަކަ ދައްކާލުމުން ބުނީ މަސްވެރިންނާއި ދޭތެރޭ ކަންތައް ކުރަނީ ކުރަންޖެހޭ އަސްލު އުސޫލުން ނޫންކަމަށެވެ. މަސްވެރިންނަށް ރަގަޅު ގޮތް ހޯދައިދޭނެކަމަށްބުނެ ގިނަ ވައުދުތަކެއް ސަރުކާރުން ވެފައިވީނަމަވެސް މަސްވެރިކަން ކުރާ ފަރާތްކަށް އަދިވެސް ރަނގަޅު ބަދަލެއް ނުފެންނަކަމަށެވެ.
މިފަދަ އެތައް ކަންބޮޑުވުންތަކެއް މަސްވެރިންގެ އެބަހުއްޓެވެ. ސަރުކާރުންވެސް އެމީހުންގެ ކަނބޮޑުވުންތައް އަޑުއަހައެވެ. އެގޮތުން މަސްވެރިންގެ ޝަކުވާތައް އޮޅުންފިލުވުމަށް މަސްވެރިންގެ ފޯރަމެއްވެސް ވަނީ ބާއްވާފައެވެ. އެފޯރަމުގައި 15 އަތޮޅަކުން 155 މަސްވެރިއަކު އެ ފޯރަމްގައި ބައިވެރިވިއެވެ.
އަހަރަކު އެއްފަހަރު މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއެހުމުން އަދި ނުފުދޭނެކަމަށް މަސްވެރިން ބުނެއެވެ. އެމީހުންނަށް ކުރިމަތިވާ ގޮންޖެހުންތަކުން ސަލާމަތްވާނެ ދުވަހެއް ފެންނާނެކަމުގެ އުންމީދުގައި އެތައް މަސްވެރިންނެއް އެބަ ތިއްބެވެ. ކުރިންވެސް ބުނިފަދައިން ޒުވާނުންވެސް މަސްވެރިކަމަށް ޝައުގުވެރިވާ މިދުވަސްވަރުގައި މަސްވެރިކަމުގެ ސިނާއަތުގައި ދިމާވާ މިހުރިހާ ގޮންޖެހުންތައް ހުރުމުން ދެން މިކަން ކުރުމަށް ނިންމައިގެން ތިބި ކުދިންގެވެސް އުންމީދު ގެއްލޭނެ ނޫން ހެއްޔެވެ.
އެހެންނަމަވެސް ވެހޭހާ ވާރެއަކާއި ދޭހާ އަތްވެއްގައި، މިބުނި ގޮންޖެހުންތަކާ އެކުވެސް މަސައްކަތްކުރާ މަސްވެރިންނަށް ހަމަ އައްްސަރިބަހާއި ސާބަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ