މަތީ ދަރަޖަ ހޯދާ ފަރާތްތަކުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، އަންނަ ބުރާސްފަތި ދުވަހު ހާއްސަ އިނާމާބެހޭ ކޮމިޓީން ހުޅުއްވައިލައްވާނެ ކަމަށް ހުޅުވާލާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން ބުނީ މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސް އިނާމަށް މިއަހަރު އިތުރު ގިންތިއެއް ވަނީ ހިމަނުއްވާފައި ކަމަށެވެ.
މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހު ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ތިބި ހުނަރުވެރި ފަންނުވެރި މަސައްކަތްތެރި ޒުވާނުން، ގައުމުގެ ތަރައްގީއަށް ކޮށްފައިވާ އަދި ކުރަމުން އަންނަ އުފެއްދުންތެރި އީޖާދީ މަސައްކަތްތައް ފާހަގަކޮށް، ގައުމީ ފެންވަރެއްގައި އަގު ވަޒަންކުރުމަކީ، ވަރަށް މުހިއްމު ކަމެއްކަމަށްވާތީ، އެފަދަ ޒުވާނުންނަށް މިއަހަރު އިނާމަށް ފުރުސަތު ހުޅުއްވައިލައްވަން ގަސްދު ކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ.
އެގޮތުން ހާއްސަ އިނާމާބެހޭ ކޮމިޓީން އިތުރުކުރެއްވި ގިންތިއަކީ، ހުނަރުވެރި، ފަންނުވެރި މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމަށް ހިމަނުއްވާފައިވާ ގިންތިއެވެ. މި އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހައްސަ އިނާމުގެ ތެރޭގައި ހިމެނޭ އަނެއް ގިންތިއަކީ، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތިއެވެ.
މިއީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދައިފައިވާ ފަރާތްތަކާއި، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، 8 ނުވަތަ 9ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯދައިފައިވާ ފަރާތްތަކެވެ. މަތީ ތަޢުލީމުދޭ މަރުކަޒަކުން ކަނޑައަޅާ އެންމެމަތީ ދަރަޖައިގައި ކޯހުން ފާސްވެ، އެ މަރުކަޒުންދޭ އެންމެމަތީ ޝަރަފު ލިބޭ ފަރާތްތަކަށްވެސް އިނާމު ލިބޭގޮތަށް، މިދިޔަ އަހަރުން ފެށިގެން ވަނީ ހަމަޖައްސަވާފައެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ހާއްސަ އިނާމު މި އަހަރު ދެއްވާ ގިންތިތަކުގެ ތެރޭގައި ހިމެނޭ އަނެއް ގިންތިއަކީ، ބައިނަލްއަގްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތިއެވެ. އަދި ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ އިލްމީ ދިރާސާއެއްކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތިވެސް ވަނީ ހިމަނުއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ