ރައީސް މައުމޫން ޕީޕީއެމްގެ މެންބަރުކަމުން ވަކިކުރަން ޕާޓީގެ ކައުންސިލުން ފާސްކޮށްފި

ޕީޕީއެމްގެ ރައީސް ރައީސް މައުމޫން ޕީޕީއެމްގެ މެންބަރުކަމުން ވަކިކުރަން އެ ޕާޓީގެ ކައުންސިލުން ފާސްކޮށްފިއެވެ. އެކަން ފާސްކޮށްފައިވަނީ މިއަދު މެންދުރުފަހު ދަރުބާރުގޭގައި ބޭއްވި ކައުންސިލުގެ ކުއްލި ބައްދަލުވުމުގައި ބައިވެރިވި 26 މެންބަރުންގެ އިއްތިފާޤުންނެވެ.
ޕާޓީގެ މުޝްތަޝާރު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ރިޔާސަތު ބެލެހެއްޓި މި ބައްދަލުވުމުގައި ބައިވެރިވި 26 ކައުންސިލް މެންބަރުންވެސް ވަނީ ރައީސް މައުމޫން ޕާޓީގެ މެންބަރުކަމުން ވަކިކުރުމަށް ތާއީދުކޮށް ވޯޓުދީފައެވެ.
ޤަރާރު ހުށަހެޅުއްވި އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާޙް ވިދާޅުވީ މިފަދަ ޤަރާރެއް ހުށަހެޅުއްވީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އަދި ޤައުމުގެ ވެރިކަން ކުރާ ޕާޓީގެ ރައީސްކަމުގެ މަޤާމުގައި ހުންނަވައިގެން ސަރުކާރަށް ޖެއްސުން ކުރަމުން ގެންދާ އިދިކޮޅު ފަރާތްތަކާއި ރައީސް މައުމޫން ގުޅިވަޑައިގެން ޕީޕީއެމަށް ގެއްލުން ދެއްވަމުން ގެންދަވާތީ ކަމަށެވެ.
ފަލާޙް ވިދާޅުވީ ޤަރާރު ހުށަހެޅުއްވީ އޭނާ ނަމަވެސް ޤަރާރު ހުށަހެޅުއްވީ ގިނަ އަދަދެއްގެ މެންބަރުން އެކަމަށް ތާއީދުކުރެއްވުމުން ކަމަށެވެ.
ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ކައުންސިލުގެ ކޮންމެ މެންބަރަކަށް ވެސް އެބޭފުޅަކު ބޭނުންފުޅުވާ ކަމެއް ކައުންސިލަށް ހުށަހެޅިދާނެ ކަމަށެވެ. ހުށަހެޅުމުން އެކަމަކަށް ކައުންސިލަށް ފެންނަ ގޮތެއް ނިންމާނެ ކމަށެވެ.
ޕީޕީއެމްގެ ތަރުޖަމާނު ޢަލީ ޢާރިފް ވިދާޅުވީ މެންބަރަކު ވަކިކުރުމުގެ ކަންކަން ޢާންމު ގޮތެއްގައި ހުށަހަޅާނީ އަދި އެކަން ނިންމާނީ ޕާޓީގެ ސުލޫކީ ކޮމިޓީން ކަމަށެވެ. ނަމަވެސް ރައީސް މައުމޫނުގެ މައްސަލަ ޕާޓީގެ ކައުންސިލަށް ހުށަހަޅައިގެން ނިންމީ އަދިވެސް ރައީސް މައުމޫނަށް ކުރާ އިޙްތިރާމްގެ ސަބަބުން ކަމަށެވެ.
ދެން މިމައްސަލަ ދާނީ ސުލޫކީ ކޮމިޓީއަށް ކަމަށާއި ޕާޓީގެ މެންބަރުކަމުން ރައީސް މައުމޫނު ވަކިކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ ސުލޫކީ ކޮމިޓީން ކަމަށާއި ސުލޫކީ ކޮމިޓީން އެކަންކަން ނިންމުމުން ޕާޓީގެ ރައީސް ކަމާއި ޕީޕީއެމްގެ ތެރެއިން ރައީސް މައުމޫނަށް ލިބިވަޑައިގަންނަވާ ހުރިހާ ކަންކަން އެމަނިކުފާނަށް ގެއްލިވަޑައިގަންނަވާނެ ކަމަށްވެސް ޢަލީ ޢާރިފް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ