ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ އިންތިގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ނިންމައިފި
ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި)ގެ މައްޗަށް ދައުލަތުން ކުރި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ އިންތިގެ މައްޗަށް ނުކުރެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.އިންތިގެ މައްޗަށް ދައުލަތުން އެ ދައުވާކުރީ ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސުޕްރީމް ކޯޓާއި އެ ކޯޓުގެ ފަނޑިޔާރުންނަށް ނިސްބަތްކޮށް އިންތި ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.އެ ދައުވާ ނުކުރެވޭނެ ކަމަށް ކޯޓުން މިއަދު ނިންމީ އިންތިގެ ފަރާތުން ނެގި އިޖްރާއީ ނުކުތާއަކާ ގުޅިގެންނެވެ. އިންތިގެ ފަރާތުން ބުނެފައިވަނީ އެ ދައުވާކުރުމުގައި ހަވާލާދޭ ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމުގެ ގަވާއިދުގެ މުއްދަތު ރައްޔިތުންގެ މަޖިލީހުން އިތުރު ކޮށްދީފައިނުވާތީ އެ ގަވާއިދު މިހާރު އުވިފައިވާ ކަމަށެވެ. އެހެންކަމުން އުވިފައިވާ ގަވާއިދެއްގެ ދަށުން ދައުވާ ނުކުރެވޭނެ ކަމަށް އިންތިގެ ފަރާތުން ފާހަގަކޮށްފައިވެ އެވެ.އިންތިގެ ފަރާތުން އެ ނުކުތާ އެ ގޮތަށް ފާހަގަކުރި ނަމަވެސް އިންތިގެ މައްޗަށް އެ ދައުވާ ނުކުރެވޭނެ ކަމަށް ކޯޓުން ނިންމީ އެ ގަވާއިދަކީ އާންމުކޮށްފައިވާ އެއްޗަކަށް ނުވާތީ އެވެ. ކޯޓުގެ ނިންމުމުގައިވަނީ ވަކި ކަމެއް ކުރުމަކީ ނުވަތަ ނުކޮށް ދޫކޮށްލުމަކީ ކުށެއްކަމާއި އެ ކުށަށް އޮންނަ އަދަބު ބަޔާންކުރާ ގަވާއިދަކީ އާންމު ކުރަންޖެހޭނެ އެއްޗެއް ކަމަށް ގާނޫނު އަސާސީގައި ބުނާ ކަމަށެވެ.ނަމަވެސް އިންތިގެ މައްޗަށް ދައުވާކުރާ ގަވާއިދަކީ ގާނޫނު އަސާސީއާ އެއްގޮތަށް އާންމުކޮށް، ޝާއިއުކޮށްފައިވާ އެއްޗެއް ނޫން ކަމަށް ދައުލަތުން ވެސް އެއްބަސްވެފައިވާ ކަމަށް އެ ނިންމުމުގައިވެ އެވެ. އެހެންވެ އެ ގަވާއިދުގެ ދަށުން ދައުވާ ކުރުމަކީ ރައްޔިތުންގެ އަސާސީ ހައްގަށް އުނިކަން ލިބޭނެ ކަމެއް ކަމަށްވާތީ އެ ގަވާއިދުގެ ދަށުން އެ ދައުވާ ކުރެވޭނެ ތަނެއް ނެތް ކަމަށް ވެސް ގާޒީ އަހުމަދު ސަމީރު އަބްދުލްއަޒީޒު ނިންމެވި އެ ނިންމުމުގައިވެ އެވެ.އެގޮތަށް ނިންމި ނަމަވެސް ކޯޓުގެ ހުރުމަތް ކަނޑާ ފަރާތްތަކާ މެދު އެ ކޯޓަކަށް އިދާރީ ގޮތުން ފިޔަވަޅު އެޅޭނެ ކަމަށް ފެންނާތީ އެ މައްސަލައިގެ ލިޔުންތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމާ ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ."ނަމަވެސް ކޯޓުތަކާއި ފަނޑިޔާރުންގެ ހުރުމަތް ރައްކާތެރި ކުރުމަށްޓަކައި، އެ ހުރުމަތް ކެނޑި ކޯޓަކަށް އެ ފަރާތަކާ ދޭތެރޭ އިދާރީ ގޮތުން މި ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުމުގެ ފުރުސަތު އޮތް ކަމަށް ފެންނާތީ..." ލިޔުންތައް ފޮނުވަން ނިންމީ ކަމަށް ގާޒީ ސަމީރުގެ ނިންމެވުމުގައިވެ އެވެ.އިންތިގެ މައްޗަށް ދައުވާކުރުމުގައި ހަވާލާދިން ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމުގެ ގަވާއިދުގެ ގާނޫނީ ހައިސިއްޔަތާ މެދު އިންތިގެ ފަރާތުން ސުވާލު އުފެއްދި ނަމަވެސް އެ ނިންމުމުގައިވަނީ އެ ގަވާއިދުގެ ހައިސިއްޔަތާ މެދު ކްރިމިނަލް ކޯޓުގައި ބަހުސް ނުކުރެވޭނެ ކަމަށެވެ. ސަބަބަކީ އެ ގަވާއިދަކީ ސުޕްރީމް ކޯޓުގެ ސާކިއުލާއެއްގެ ދަށުން އަމަލު ކުރަމުން އަންނަ ގަވާއިދަކަށް ވާތީ ކަމަށް ގާޒީ ސަމީރުގެ އެ ނިންމެވުމުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ