ހާފިޒް އަހުމަދު ސްކޫލުގައި "މާމަ ކާފަ ހަވީރު" ބާއްވައިފި

(ފުވައްމުލައް ސިޓީ) މިއަދު ހަވީރު ފުވައްމުލަކުގެ ހާފިޒު އަހުމަދު ސްކޫލުގައި "މާމަ ކާފަ ހަވީރު" ގެ ނަމުގައި އެ ސުކޫލުގެ ގުރޭޑް އެކެއްގެ ދަރިވަރުންނަށް ހާއްސަ ކޮށްގެން ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތަކީ އެކުދިންގެ ފިލާވަޅާއި ގުޅިގެން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ.
"ވަގުތު" އަށް މައުލޫމާތު ދެމުން ހާފިޒް އަހުމަދު ސްކޫލު ގުރޭޑް އެކެއްގެ ލީޑިން ޓީޗަރު އައިޝަތު އަޒްލިފާ ވިދާޅުވީ، މި ހަރަކާތަކީ ގުރޭޑް އެކެއްގެ އާއިލާ އާއިބެހޭ ތީމު ނިންމާލުމަށްފަހު ކުދިންނަށް އާއިލާގެ ތެރެއިން "މަންމަ އާއި ބައްޕަ" އަށްވުރެ ދުރުފަރާތްތަކާއި ބައްދަލުކޮށް ވަގުތު ހޭދަކުރުމަށް ބޭއްވި ހަރަކާތެއް ކަމަށެވެ.
"ހާއްސަކޮށް މާމަ، ކާފަ ދެފަރާތުގެ ހަތަރު ބޭފުޅުންނާއެކު ވަގުތު ހޭދަކޮށްލުމަށް، މީގެ ތެރޭގައި ކާފަ، މާމަ ދުނިޔޭގައި ނެތް ކުދިންވެސްތިބޭނެ. މިއާއެކު އަޅުގަނޑުމެން ހުޅުވާލިން ބޮޑުބޭބެމެން ބޮޑުދައިތަމެންނަށް ފުރުސަތު" އަޒްލިފާ ވިދާޅުވިއެވެ.
ފިލާވަޅުތަކުގައި ގުޅުވައިގެން މީގެ ކުރިންވެސް ވަނީ ހަރަކާތްތަކެއް ހިންގާފައެވެ. އެގޮތުން މިދިޔަ އަހަރުވެސް ވަނީ "މާމަ ކާފަ ހަވީރު" ގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. އަދި މިހަރަކާތް ތަކަށް ބެލެނިވެރިންނާއި ކުދިންގެ އާއިލާ ތަކުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބޭ ކަމަށް އަޒްލިފާ ވިދާޅުވިއެވެ.
" މީގެ އިތުރުން މިއަހަރުވެސް އެކި ގުރޭޑް ތަކުން އާއިލާ އާއި ބެހޭ ތީމް ނިންމާލުމަށްފަހު އާއިލާތަކާއެކު ވަގުތު ހޭދަކޮށްލުމަށް އެކިތަންތާނގައި އެކިއެކި ބޭއްވިފައި ވަނީ" އަޒްލިފާ ވިދާޅުވިއެވެ.
މިއަދުގެ ހަރަކާތުގައި 81 ކުދިން ބައިވެރިވެފައިވާއިރު ކޮންމެ ކުއްޖެއްގެ މާމަ އާއި ކާފައަށް ވަނީ ހަދިޔާއެއް ހަވާލުކޮށްފައެވެ. އަދި މި ހަރަކާތް ނިންމާލުމަށްފަހު އާއިލާ ތަކަށް ސައެއްވެސް ވަނީ ބާއްވާފައެވެ.
ދިވެހި، ސޯޝަލް ސްޓަޑީޒް އަދި ލެންގުއޭޖްގެ މާއްދާތަކަށް ހާއްސަކޮށްގެން މިސުކޫލުގައި މިފަދަ އިތުރު ހަރަކާތްތައްވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް އަޒްލިފާ ވިދާޅުވިއެވެ.
މީގެއިތުރުން އަޒްލިފާ ވިދާޅުވީ، އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާދަމާވެސް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި ބުރާސްފަތި ދުވަހު "ކިޑްނީ ޑޭ" ފާހަގަ ކުރުމަށްވެސް ރާވާފައިވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ