ހުޅުމާލޭގައި ދެ ސްކޫލް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހުޅުމާލޭގައި ހަ ފަންގިފިލާ ހިމެނޭ ގޮތަށް ދެ ސްކޫލް އިމާރާތްކުރުމުގެ މަސައްކަތް ޑިޒައިންކޮށް ބިލްޑް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެޑިޔުކޭޝަންގެ އެދުމުގެ މަތިން، އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަުވަތު ރާއްޖެ އާއި ބޭރުގެ އެކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާކަމަށެވެ.
ބީލަމުގައި ބައިވެރި ވެވޭނީ ހައުސިންގް މިނިސްޓްރީގެ ނޭޝަނަލް ކޮންޓްރެކްޓާސް ރަޖިސްޓަރީގައި ރަޖިސްޓާ ވެފައިވާ ފަރާތްތަކުގެ ތެރެއިން GC01-1 ގްރޭޑަށް ޝަރުތު ހަމަވާ ފަރާތްތަކަށެވެ.
ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. ފައިސާ ބަލައިގަންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުން މާޗްމަހުގެ ފަސް ވަނަ ދުވަހަށް، ބަންދު ނޫންކޮންމެ ދުވަހެއްގެ 8:30 ން 13:00 އަށް ފިނޭންސް މިނިސްޓްރީންނެވެ.
މަޝްރޫއުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި ދެ ލައްކަ ރުފިޔާ ހުށަހަޅަން ޖެހޭއިރު ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ. ޕާފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ ފަސް އިންސައްތައެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ 15 އިންސައްތަ އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެ ކަމަށް އިއުލާނުގައިވެއެވެ.
ބީލަން ހުޅުވުން އޮންނާނީ މާޗްމަހުގެ ހަ ވަނަ ދުވަހުގެ 10:00 ގައެވެ.
ހުޅުމާލޭގައި މިހާރުވެސް ހަތަރު ސްކޫލް ހުރެއެވެ. އޭގެ ތެރޭގައި ޕްރީ ސްކޫލެއްވެސް ހިމެނެއެވެ.
އޭގެ އިތުރުން ހުޅުމާލެ ނެއިބަހުޑް އެކެއްގައި ޕްރައިމަރީ ސްކޫލަކާއި ސެކަންޑްރީ ސްކޫލެއް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި އަމިން ކޮންސްޓްރަކްޝަންއާ ވަނީ ހަވާލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ