‘މީހުން އުޅޭ ރަށްތަކުގައި ރާ ވިއްކުމަށް ރައްޔިތުން ނޭދޭނަމަ އެކަން ނުކުރާނެ’ކަމަށް ރައީސް ވިދާޅުވެއްޖެ!

މީހުން އުޅޭ ރަށްތަކުގައި ރާ ވިއްކުމަށް ރައްޔިތުން ނޭދޭނަމަ އެކަން ނުކުރާނެކަމަށް ރައީސް ވިދާޅުވެއްޖެއެވެ.ރައީސް މުހައްމަދު ނަޝީދު މިއަދު ދެއްވި ރޭޑިއޯ ޚިތާބުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ސަރުކާރުން އިސްލާހު ގެންނަން އުޅޭ ގަވައިދަށް އިސްލާހުގެންނަން ރައްޔިތުން ނޭދޭނަމަ އެކަން އެގޮތަށް ވެގެން ނުދާނެކަމަށެވެ. “ސަރުކާރުން މިގަވާއިދަށް ބަދަލެއް ގެންނަން އެދެނީ ހަމައެކަނި ހެޔޮނިޔަތުގައި، އިޖްތިމާއީ މައްސަލައެއް ހައްލުކުރުމަށް، ގަވާއިދަށް ރައްޔިތުން ނޭދެނީނަމަ ސަރުކާރެއް އެގަވާއިދަކަށް ބަދަލު ގެންނާކަށް ނޭދޭނެ، ބޭނުމެއް ނުވާނެ، މަސައްކަތެއްވެސް ނުކުރާނެ.” މިއަދުގެ ރޭޑިއޯ ޚިތާބުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.ރާއްޖޭގެ އާންމު ރަށްތަކުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދިނުމަށް ވަކި ގޮތެއް ރައީސްގެ ޚިތާބުގައި ކަނޑައެޅިގެން ވިދާޅު ނުވި ނަމަވެސް ‘ރައްޔިތުން ނޭދޭނަމަ’ ހުއްދަ ނުދޭނެކަމަށް އިޝާރާތްކުރެއްވިއެވެ. މިހެން ރައީސް ވިދާޅުވުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ މިއަދުގެ މުޒާހަރާއިން ‘ބަނގުރާ ވިއްކުމަށް ރައްޔިތުން ނޭދޭކަން’ ދެއްކުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރުތައް ވަމުންނެވެ.‘ބަނގުރާ ރާއްޖޭގެ އާންމު ރަށްތަކުގައި ވިއްކުމާއި ދެކޮޅަށް ބާއްވާ މުޒާހަރާ’ ފެށޭނީ އަސްރު ނަމާދަށްފަހު އާޓިފިޝިއަލް ބީޗުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ