ސައިންސުވެރިން ހާމަކުރާ ގޮތުގައި އިންސާނީ ތާރީހުގައި ފުރަތަމަ ފަހަރަށް އިންސާނުން ދުނިޔޭގެ މޫސުމަށް ބަދަލުތަކެއް ގެނުވައިފި އެވެ.
ސައިންސުވެރިން މިކަން ހާމަކޮށްފައިވަނީ ދުނިޔޭގެ މޫސުމާ ގުޅޭގޮތުން ސެޓަލައިޓްތަކުން ފާއިތުވި ސާޅީސް އަހަރުތެރޭ އެއްކޮށްފައިވާ މައުލޫމާތުތައް ދިރާސާކުރުމަށްފަހު އެވެ.
މިދިރާސާކުރި ސައިންސްވެރިން ބުނާ ގޮތުގައި މިހާރު ފެންނަން ހުރި މޫސުމީ ބަދަލުތައް ގުދުރަތީގޮތުން އައުމަކީ އެއް މިލިއަން ފަހަރުން ފަސް ފަހަރު ހިނގުންހާ ނާދިރުކަމެކެވެ. އެހެންކަމުން މިބަދަލުތަކަކީ ސީދާ އިންސާނުންގެ ސަބަބުން އައިސްފައިވާ ބަދަލުތަކެއްކަން ސައިންސުވެރިންނަށް ޔަގީންކުރެވެ އެވެ.
މޫސުމީ ބަދަލުތައް ދިރާސާކުރާ ސައިންސުވެރިން މިދިރާސާކުރުމަށްޓަކައި ވަނީ އެތައް އަހަރެއްގެ ފިނިހޫނުމިންތަކުގެ ރެކޯޑުތަކާއި ކަނޑުގެ ލޮނުގަނޑުގައި އެކުލެވޭ ކެމިކަލްތަކަށް އައިސްފައިވާ ބަދަލުތަކާއި އާކްޓިކް ސަރަހައްދަށް އައިސްފައިވާ ބޮޑެތި ބަދަލުތަކާއި އެހެނިހެން ވެސް މައުލޫމާތުތައް ދިރާސާކޮށްފަ އެވެ.
މިދިރާސާއިން ހޯދުނުކަމަކީ ދުނިޔޭގެ އުތުރާއި ދެކުނު ބިތުގެ ޓެމްޕްރޭޓް ޒޯން (އާއްމުގޮތެއްގައި އަހަރެއްގެ ތެރޭގައި ހަތަރު މޫސުން އަންނަ ސަރަހައްދުތައް)ތަކުގައި މޫސުންތަކުގެ ދިގުމިނާއި ކުރުމިން އާދަޔާހިލާފަށް ބަދަލުވެފައިވާ ކަމެވެ.
ދުނިޔެ ހޫނުވުމަކީ މުޅި ދުނިޔެއަށް އޭގެ އަސަރު ކުރާކަމެއް ނަމަވެސް މިދިރާސާއިން ދައްކާ ގޮތުގައި ދުނިޔޭގައި ހަތަރު މޫސުން އަންނަ ސަރަހައްދުތަކުގައި ހޫނު މޫސުމުގައި، ޓްރޮޕޮސްފިއާ (ޖައްވުގެ ފަށަލަތަކުގެ ތެރެއިން ދުނިޔެއާ އެންމެ ކައިރި ފަށަލަ) ހޫނުވާ މިންވަރު އެފަށަލަ ފިނިމޫސުމުގައި ފިނިވާ މިންވަރަށްވުރެ އިތުރެވެ. މިއީ ގްރީން ހައުސް ގޭސްތަކުގެ ސަބަބުން އިރުގެ ހޫނު އެފަށަލައިގައި ހިފެހެއްޓުމުގެ ނަތީޖާއެއް ކަމަށް ސައިންސުވެރިން ލަފާކުރެ އެވެ.
މިދިރާސާގެ ބޭނުމަށް ސެޓަލައިޓްތަކުން ނަގާފައިވާ މައުލޫމާތުތަކާއި މޫސުމީ ފިނިހޫނުމިނަށް އަންނަ ބަދަލުތައް ބެލުމަށް ތައްޔާރުކޮށްފައިވާ ކޮމްޕިއުޓާ މޮޑެލްތަކުން ވެސް އަހަރުން އަހަރަށް ފިނިހޫނުމިނަށް އައިސްފައިވާ ބަދަލުތައް ދައްކުވައިދީފައިވެ އެވެ. މިދިރާސާކުރުމުގައި އިސްކޮށް ހުރި ސައިންސުވެރިޔާ، އެމެރިކާގެ ލޯރެންސް ލިވާމޯ ނެޝަނަލް ލެބޯޓްރީގެ އެޓްމޮސްފަރިކް ސައިންޓިސްޓް، ބެން ސޭންޓާ މިދިރާސާއިން ހާމަވެފައިވާ ފިނިހޫނުމިނަށް އަންނަ ބަދަލުތައް ސިފަކޮށްފައިވަނީ ގޮނޑުދޮށަށް ބީއްސާލާ ރާޅުތަކެއްގެ ސިފައިގަ އެވެ.
އެގޮތުން ސެޓަލައިޓްތަކުން ނަގާފައިވާ 38 އަހަރުގެ މައުލޫމާތުތަކުގެ ތެރެއިން ސައިންސުވެރިން ވަނީ ކޮންމެ މަހެއްގެ ވެސް އެންމެ ފިނި ދުވަހާއި އެންމެ ހޫނު ދުވަހުގެ ފިނިހޫނުމިން ވަކިން ނަގާފަ އެވެ.
ދިރާސާކުރެވުނު އަހަރުތަކުގެ ތެރެއިން އެންމެ ކުރީގެ އަހަރުތަކުގައި ރާޅު ބާނިތައް (އެންމެ ފިނި ދުވަހާއި އެންމެ ހޫނު ދުވަހާ ދެމެދު ހުރި ތަފާތު) ކުޑަކަން ސައިންސުވެރިންނަށް ފާހަގަވި އެވެ. ނަމަވެސް ދިރާސާކުރެވުނު ދުވަސްވަރުގެ އެންމެ ފަހުގެ އަހަރުތަކުގައި "ރާޅު ބާނިތައް" އާދަޔާހިލާފަށް ވަނީ ބޮޑެތިވެފަ އެވެ.
"މޫސުންތައް ދައުރުވާ ގޮތަށް ބޮޑެތި ބަދަލުތަކެއް އަންނަކަން ވަނީ ފާހަގަކުރެވިފައި. މިއީ އާއްމު ދިރިއުޅުމުގައި ވެސް ފާހަގަކުރެވޭނެ ކަމެއް. މިސާލަކަށް ގަސްގަހުގައި އާދަޔާހިލާފަށް އަވަހަށް މާއެޅުން ކަހަލަ ކަންކަން. އެކަމަކު މިހާތަނަށް އައި އިރު ރަސްމީގޮތުން ތަފާސްހިސާބު ބޭނުންކޮށްގެން މިފަދަ ބަދަލުތަކާއި ގުދުރަތީގޮތުން އަންނަ ބަދަލުތަކާއި އޮތީ ވަކިނުކުރެވިފައި" އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީގެ ކްލައިމެޓް ރިސާޗް ޕްރޮގްރާމްގެ އެސޯސިއޭޓް ޕްރޮފެސާ ފްރެއިޑްރިކް އޮޓޯ ވިދާޅުވި އެވެ.
އެހެންނަމަވެސް މިދިރާސާގައި ބޭނުންކުރެވުނު ހައެއްކަ ސެޓަލައިޓުގެ އެހީގައި މިވަނީ ގުދުރަތީ ގޮތުން އަންނަ ތަފާތާއި އިންސާނުންގެ ސަބަބުން އަންނަ ތަފާތު ވަކިކުރެވިފަ އެވެ. އެގޮތުން މިހާރު ދުނިޔެ ހޫނުވެފައިވާ މިންވަރަކީ ގުދުރަތީ ގޮތުން ހޫނުވާނެ މިންވަރަށް ވުރެ އިތުރު މިންވަރެއްކަން މިދިރާސާއިން ވެސް ހާމަވެފައިވެ އެވެ.
"ސައިންސް" ކިޔައި އިލްމީ ޖާނަލެއްގައި ނިމިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އާއްމުކުރެވުނު މިދިރާސާގައިވަނީ މޫސުމަށް އަންނަ ބަދަލުތަކާއި އިންސާނުންނާ ހުރި ގުޅުން، ސައިންސުގެ އަލީގައި ދައްކުވައިދޭ ދިރާސާތަކާއި އެދިރާސާތައް ސިޔާސަތު ކަނޑައެޅުމުގައި މާނަކުރެވޭ ގޮތާ ހުރި ތަފާތު ފާހަގަކޮށް އެކަމަށް ވެސް ފާޑުކިޔާފަ އެވެ. ހާއްސަކޮށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި މިފަދަ ދިރާސާތައް ބޭނުންކުރެވޭ ގޮތަށް ވަނީ ފާޑުކިޔާފައިވެ އެވެ.
ފުރަތަމަ ފަހަރަށް އިންސާނުން މޫސުން ބަދަލުކުރީތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ