ޕީޕީއެމްގެ ރައީސްކަމުން ރައީސް މައުމޫން ދުރުކޮށް އެ މަގާމު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ހަވާލުކުރުމަށް ޕީޕީއެމްގެ މައްޗަންގޯޅި ދެކުނު ދާއިރާއިން ގޮވާލާފައިވާ މައްސަލަ ބަލަމުންދަނިކޮށް އެގޮވާލުން ޕީޕީއެމްގެ ގަލޮޅު އުތުރު ދާއިރާގެ ގޮފިން ތަކްރާރްކޮށް ބަޔާނެއް ނެރެފިއެވެ.
ޕީޕީއެމް ގަލޮޅު އުތުރު ދާއިރާ ގޮފީގެ ފަރާތުން އިހްސާން ހުސައިން ސޮއިކުރައްވާ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ސިޔާސީ ޕާޓީއެއްގެ އެންމެ އިސް މަގާމުގައި ހުންނަވާ ބޭފުޅަކީ ވަރަށް ގިނަ ޒިންމާތަކެއް އުފުލަންޖެހޭ އަދި ވަރަށް ބުރަކޮށް ގިނަ ވަަގުތު މަސައްކަތް ކުރަންޖެހޭ ބޭފުޅެއް ކަމަށެވެ.
އެހެންކަމުން 65 އަހަރުން ދޮށީ ބޭފުޅަކު އެފަދަ ޒިންމާއެއް ނަގައި ބުރަ މަސައްކަތްތަކެއް އެންމެ އެކަށީގެންވާ ގޮތުގައި ކުރެވޭނެ ކަމަށް ނުދެކޭ ކަމަށް ބަޔާނުގައިވެއެވެ. މި ބަޔާނުގައި ބުނެފައިވަނީ ސިޔާސީ ޕާޓީތަކުގެ އެންމެ އިސް މަގާމު ފުރުއްވާ ބޭފުޅެއްގެ އެންމެ މަތީ އުމުރަކީ 65 ކަމުގައި ހަމަޖެއްސުމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ މި ވަގުތަށް ވަރަށް މުހިންމު އިސްލާހެއް ކަމަށެވެ.
މީގެއިތުރުން މި ބަޔާނުގައި ބުނެފައިވަނީ ރިޔާސީ ނިޒާމެއްގައި ޕާޓީގެ ޓިކެޓުގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅެއްގެ ސިޔާސަތުތައް އެންމެ ފުޅާ ދާއިރާއެއްގައި ޕާޓީގެ ތެރޭގައި ހިންގުމުގެ ފުރުސަތު ޕާޓީގެ ތެރެއިން އެ އިރެއްގައި ހުންނެވި ރައީސަކަށް އެންމެ ފުރިހަަމަ ގޮތުގައި ލިބެންޖެހޭނެ ކަމަށެވެ.
އެހެންކަމުން އެ ގޮފީގެ މެމްބަރުންް ތައީދުކުރަނީ 2018 ގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން ދެވަނަ ދައުރެއް އަދާކުރުމުގެ ފުރުސަތު ދިނުމަށް ކަމުގައިވެސް ބަޔާނުގައި ބުނެފައިވެއެވެ.
ވެރިކަން ކުރާ ޕީޕީއެމްގެ ރައީސްކަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ހަވާލުކުރުމަށް އިތުރު ގޮތްޕަކުން ގޮވާލާފައިވާއިރު ކުރިން އެކަމަށް ގޮވާލި މައްޗަށްގޮޅީ ދެކުނު ދާއިރާގެ ބަޔާނުގައި ސޮއިކޮށްފައިވާ ފަރާތުގެ މައްސަލަ މިހާރު ދަނީ ބަލަމުންނެވެ.
މީގެ އިތުރުން ރައީސް މައުމޫނަށް ދެރަގޮތެއް މެދުވެރިވާ އެއްވެސް ކަމެއް ނުކުރުމަށް ގޮވާލާ މިހާތަނަށް ތޭރަ ގޮތްޕަކުން ވަނީ ބަޔާން ނެރެފައެވެ.
މިކަމާއި ގުޅިގެން ރައީސް މައުމޫނާއި ރައީސް ޔާމީން އެއްޗެއް ވިދާޅުނުވިނަމަވެސް އެޕާޓީގެ ޕީޖީ ގުރޫޕްގެ ބައެއް މެންބަރުން ގެންދަވަނީ ޕީޖީ ގުރޫޕަށް އިތުބާރު ނުކޮށް ރައީސް މައުމޫންގެ ދިފާއުގައިކަމަށް ބުނެ ގޮފިތަކުން ބަޔާން ނެރެމުންގެންދާތީ އެކަން ކުށްވެރިކުރާކަމަށް ވިދާޅުވެފައެވެ.
ޕީޕީއެމްގެ ތެރޭގައި ބޮޑެތި ޚިޔާލް ތަފާތުވުންތަކެއް އުފެދިފައިވާކަމަށް އަޑު ފެތުރިފައިވާއިރު، ރައީސް ޔާމީންގެ ކެންޕޭނަށް ލީޑަރުން ތައްޔާރުކުރުމަށް ޕީޕީއެމްގެ ގޮފިތައް ބޭނުންކޮށްގެން ބާއްވަމުން ގެންދަވާ މަހާސިންތާގައި ބައިވެރިވުމަށް ރައީސް މައުމޫން ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ.
ޕީޕީއެމްގެ ރައީސްކަމުން މައުމޫން ދުރުކުރުމަށް ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ