ފުޓްބޯޅައިގެ ހަރަކާތްތަކުން ރާއީ އާއި ބިންމާ އަބްދުﷲ ސަސްޕެންޑް ކޮށްފި

ވެލެންސިއާގެ ޗެއާމަންގެ މަގާމުގައި ހުންނެވި އިބްރާހީމް ރާއީ ރަޝީދު އާއި އެކުލަބުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމްގައި ހުރި އަބްދުﷲ ވާހިދު (ބިންމާ އަބްދުﷲ) ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށް، ޖޫރިމަނާ ކޮށްފި އެވެ.
ކުލަބް ވެލެންސިއާގެ ޗެއާމަނާއި ޖެނެރަލް ސެކްރެޓަރީ ސަސްޕެންޑްކޮށް ޖޫރިމަނާ ކޮށްފައި މިވަނީ، މިދިޔަ ފެބްރުއަރީ މަހު ކުލަބު ވެލެންސިއާ އިން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް) ބަދުނާމް ވާގޮތައް ފީފާއަށް ފޮނުވި ސިޓީއަށް މާފަށް އެދެން އެ ކުލަބަށް ދިން މުއްދަތު ހަމަވިއިރު އެކަން ކޮށްފައިނުވާތީވެ އެ މައްސަލަ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީ އިން ބެލުމަށް ފަހު ކަމަށެވެ.
މިކަމާގުޅިގެން އެފްއޭއެމްއިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ވެލެންސިއާގެ ޗެއާމަންގެ މަގާމުގައި ހުންނެވި އިބްރާހީމް ރާއީ ރަޝީދު ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭނެ ގޮތަށް 8 މަސް ދުވަހަށް ސަސްޕެންޑްކޮށް 20،000 ހާސް ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ނިންމާފައިވާ ކަމަށާއި އަދި އެ ކުލަބުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުރި އަބްދުﷲ ވަހީދު (ބިންމާ އަބްދުﷲ) 6 މަސް ދުވަހަށް ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑްކޮށް 10.000 ހާސް ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ރާއީ އާއި ބިންމާ އަބްދުﷲގެ އިތުރުން، އިތުރު ފަސް ފަރާތަކަށް ވެސް އެފްއޭއެމް އިން ވަނީ އަދަބު ދީފައެވެ.
އެފްއޭއެމްގެ ބަޔާނުގައި ބުނެފައި ވަނީ، އެފްއޭއެމް އިން އަދަބު ދިން ފަސް ފަރާތަކީ ކުލަބު ރިވަސައިޑްގެ ހަސަން ވަހީދު އާއި އެލްޓީ ސްޕޯޓްސްގެ އަބްދުﷲ ރާގީ ރަޝީދު އާއި ކުލަބު ގާމަގުގެ އަހުމަދު ޝަރީފް އާއި ސީލެންޑް ސްޕޯޓްސް ކުލަބުގެ އިބްރާހީމް އަޒްމަތު އާއި ކުލަބު ގާމަގުގެ ނޫހް އަލީ އެވެ. އެފަރާތް ތަކަށް އަދަބު ދީފައި ވަނީ ވެލެންސިއާއަށް އެއްބާރުދން ކަމަށް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ