ޕެރިސް (މެއި 18) - ފްރެންޗް ލީގުގައި ރޭ ޕެރިސް އެފްސީ އަތުން ޕީއެސްޖީ 2-1 އިން ބަލިވި މެޗުގައި، ޕީއެސްޖީގެ ތަރި އޮސްމާން ޑެމްބެލޭ އަށް ލިބުނު އަނިޔާއަކާ ހެދި ބަދަލުކުރަން ޖެހިއްޖެ އެވެ.
ސާދަ ވަނަ ފަހަރަށް ފްރެންޗް ލީގުގެ ޗެމްޕިއަންކަން މި ސީޒަނުގައި ހޯދި ޕީއެސްޖީން، ރޭ ކުޅުނު މެޗުގެ 27 ވަނަ މިނިޓްގައި ޑެމްބެލޭ ވަނީ ބަދަލުކުރަން ޖެހިފަ އެވެ. ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ހެދި ޑެމްބެލޭ ބަދަލުކޮށް، އޭނާގެ ބަދަލުގައި ކުޅެން އެރީ ގޮންޒާލޯ ރާމޯސް އެވެ. ޑެމްބެލޭ، ވަގުުތުން މެޑިކަލް ޓީމާ ބައްދަލުކުރަން. ދަނޑުން ފޭބި ގޮތަށް ދިޔައީ، ޗޭންޖިން ރޫމަށެވެ.
މި މަހު 30 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި، މުބާރާތުގެ ތަށި ދިފާއުކުރަން ޕީއެސްޖީން އާސެނަލާ ދެކޮޅަށް ނުކުންނައިރު، މި މެޗުގައި ޑެމްބެލޭގެ މުހިންމުކަން ބޮޑުވާނެ އެވެ. އެންމެ ފަހުން ބެލޮންޑިއޯ އެވޯޑް ހޯދި ޑެމްބެލޭ އަކީ ފްރެންޗް ލީގުގެ މި ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. ޑެމްބެލޭގެ ފުަރަތަމަ މެޑިކަލް ޓެސްޓްތައް ދައްކާގޮތުން ސީރިއަސް މައްސަލައެއް ނެތް ނަަަމަވެސް ކުރިއަށް އޮތް ދެތިން ދުވަސް އޮބްޒަވޭޝަނުގައި ބަހައްޓާނެ އެވެ.
ޕެރިސް ޑާބީގައި ރޭ ލީޑުނެގީ ޕީއެސްޖީންނެވެ. އެ ގޮތުން، ޕީއެސްޖީގެ ލަނޑު ޖެހީ މެޗުގެ 50 ވަނަ މިނިޓްގައި ފަބިއަން ރުއީޒް ދިން ބޯޅައަކުން ބްރެޑްލީ ބާކޮލާ އެވެ. އެކަމަކު، އެއް ގޯލުގެ ލީޑަކުން ޕީއެސްޖީ އަށް މި މެޗުގައި ފަރުޖައްސައިނުލެވުނެވެ. ޕެރިހުން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައި މެޗުން މޮޅުވެފަ އެވެ. މި ދެ ލަނޑު ވެސް ޖެހީ އަލްމާމީ ގޯރީ އެވެ.
ބަދަލަކަށް ކުޅެން އެރި ގޯރީ، ވަނީ 76 ވަނަ މިނިޓްގައި ޖެހި ލަނޑުން ޕެރިހަށް އެއްވަރުކޮށްދީފަ އެވެ. އެ ޓީމު މޮޅުވި ލަނޑު، ގޯރީ ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގެ. ހަތަރު ވަނަ މިނިޓްގަ އެވެ.
ރޭގެ މެޗަށް ފަހު، ޕީއެސްޖީގެ ކޯޗު، ލުއިސް އެންރީކޭ ބުނީ، މެޗުން ބަލިވުމުގެ މައިގަނޑު ސަބަަބަކީ ވަރުބަލިކަމުގެ އިހުސާސް ސިކުނޑީގައި ބަހައްޓައިގެން ކުރަން ނުޖެހޭ ކަންތައްތަކެއް ކުރުން ކަމަށެެވެ.
"މިއީ ސީރިއަސް ކަމެއް ނޫން. ބައެއް ހާލަތްތަކުގައި ވަރުބަލިވުން އިތުރުވާނެ ކަންކަން ހުންނާނެ. ދެން،. މި މެޗަކީ ވެސް ކަންތައްތަކެއް ދަސްވި މެޗެއް،" އެންރީކޭ ބުންޏެވެ.
ޕީއެސްޖީން އެ ކްލަބްގެ ތާރީހުގައި ހޯދި 59 ތަށީގެ ތެރެއިން، 41 ޓްރޮފީ ލިބިފައިވަނީ، 2011 ވަނަ އަހަރު ގަތަރުގެެ ސްޕޯޓްސް އިންވެސްޓްމަންޓްސް (ކިއުއެސްއައި) އިން އެ ކްލަބް ގަތް ފަހުންނެވެ. އޭގެ ފަހުން، ފްރެންޗް ލީގުގައި ކުޅުނު 15 ސީޒަނުގެ ތެރެއިން ތިން ފަހަރު ފިޔަވައި ހުރިހާ ފަހަރެއްގައި ލީގު ޗެމްޕިއަންކަން ހޯދީ ޕީއެސްޖީންނެވެ.
ޕެރިސް އެފްސީ އަތުން ޕީއެސްޖީ ބަލިވި މެޗުގައި ޑެމްބެލޭ އަށް އަނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ