މީރާ ނައިރްގެ އާ ފިލްމުގެ ޓީމާ ޖައިދީޕް ވެސް ގުޅިއްޖެ
މަޝްހޫރު ޑައިރެކްޓަރު މީރާ ނައިރް ދާދިފަހުން އިއުލާނުކުރި އޭނާގެ އާ ފިލްމު "އަމްރީ"ގެ ކާސްޓަށް ބަތަލާ ޕްރިޔަންކާ ޗޯޕްރާ ސޮއިކުރިކަން އިއުލާނު ކުރިތާ މާގިނަ ދުވަސްތަކެއް ނުވެ އެކްޓަރު ޖައިދީޕް އަހްލާވަތު ވެސް އެ ފިލްމުގެ ކާސްޓާ ގުޅިފައިވާކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. ފިލްމު "އަމްރީ" ބިނާވެފައި ވަނީ އިންޑިއާގެ ޒަމާނީ ފަންނުވެރިކަމުގެ ބާނީ، އަމްރިތާ ޝޭރްގިލްގެ ހަޔާތާއި އޭނާގެ މަސައްކަތްތަކުގެ މައްޗަށެވެ. އަމްރިތާގެ ހިތްވަރުގަދަ އަދި ތަފާތު ފަންނުވެރިކަމުގެ ސަބަބުން އޭނާ ދިރިހުރި ދުވަސްވަރު އެ ދާއިރާގައި ބޮޑު ގުޑުމެއް އުފެދުނު އިރު، މިއަދު އޭނާއަކީ މުޅި ދުނިޔޭގެ ފަންނުވެރިކަމުގެ ދާއިރާގައި ނުހަނު ގަދަރުވެރި އަދި އަގުބޮޑު ނަމެކެވެ. "ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި އަހަރެން އުފެއްދި ކޮންމެ ފިލްމަކީ ވެސް އަމްރިތާ ޝޭރްގިލްގެ ކުރެހުންތަކުން އިންސްޕިރޭޝަން ލިބިގެން އުފެއްދި ފިލްމެއް. ކަންކަމަށް ބަލަންވީ ގޮތް އަހަރެން ދަސްކުރީ އޭނާގެ ފަރާތުން" މި ފިލްމާ ގުޅޭގޮތުން މީރާ ނައިރް ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. ފިލްމު "އަމްރީ"ގެ ޑައިރެކްޓަރު މީރާ ނައިރު އަދި އަމްރިތާ ޝޭރްގިލްގެ ރޯލް ކުޅޭ ބަތަލާ އަންޖަލީ ސިވަރަމަން--ފޮޓޯ/އިންޑިއަންއެކްސްޕްރެސް މި ފިލްމުގައި އަމްރިތާ ޝޭރްގިލްގެ ރޯލުން ފެންނާނީ އަންޖަލީ ސިވަރަމަންއެވެ. މީގެ އިތުރުން އޭނާގެ މަންމަ މާރީ-އެންޓޮއިނެޓް ގޮޓެސްމަންގެ ރޯލުން އެމިލީ ވަޓްސަން، ބައްޕަ އުމްރާއޯ ސިންގް ޝޭރްގިލްގެ ރޯލުން ޖައިދީޕް އަހްލާވަތު، ވިކްޓާ އީގަންގެ ރޯލުން ކްރިސްޓިއަން ސަކްވާރީ، އިންދިރާ ޝޭރްގިލްގެ ރޯލުން އަންޖަނާ ވަސަން، ކާލް ހަންޑަލަވަލާގެ ރޯލުން ޖިމް ސަރްބް އަދި މެޑަމް އަޒޫރީގެ ރޯލުން ޕްރިޔަންކާ ޗޯޕްޅާ ފެންނާނެއެވެ. ވިހިވަނަ ގަރުނުގެ ކުރީކޮޅު ހަންގޭރީ، ފްރާންސް އަދި އިންޑިއާގައި ހިނގާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ފެންނާނީ، އަމްރިތާގެ ފަންނުވެރި ހިޔާލުތަކާއި ތަސައްވުރު ބައްޓަންކުރުމުގައި ޔޫރަޕާއި އިންޑިއާގެ މާހައުލުން ކުރި އަސަރުތަކެވެ. މިހާރު މި ފިލްމުގެ އުފެއްދުމުގެ މަސައްކަތް އިންޑިއާ އާއި ހަންގޭރީގައި ކުރިއަށްދާއިރު ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ބަތަލާ ޕްރިޔަންކާ ޗޯޕްރާ ވެސް މަސައްކަތްކުރާނެއެވެ. ބޮޑު މަގުބޫލުކަމެއް ހޯދި "އަ ސޫޓަބްލް ބޯއި" ޑައިރެކްޓްކޮށް ގެނެސްދިން މީރާ ނައިރްގެ އާ ފިލްމު "އަމްރީ" ބެލުންތެރިންނަށް ގެނެސްދެވޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ މެދުތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ