ރޯމް، އިޓަލީ (މެއި 18) - ފައިނަލުގައި ނޯވޭގެ ކެސްޕާ ރޫޑް އަތުން މޮޅުވެ، އިޓާލިއަން އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، އޭޓީޕީ މާސްޓާސް 1000 މުބާރާތްތަކުގެ ނުވަ ތަށި ހަމަކޮށް، "ކެރިއާ ގޯލްޑަން މާސްޓާސް" ފުރިހަމަަކުރި އެންމެ ހަގު ޓެނިސް ކުޅުންތެރިޔާގެ ޝަރަފް އިޓަލީގެ ޖަނިކް ސިނާ ހޯދައިފި އެވެ.
ރޫޑް އަތުން ފައިނަލުގައި 6-4، 6-4 އަތުން ސިނާ މޮޅުވެ، ޗެމްޕިއަންކަން ހޯދިއިރު، މިއީ، ޖެހިޖެހިގެން އޭނާ ހާސިލްކުރި ހަ ވަނަ މާސްޓާސް މުބާރާތުގެ ތަށްޓެވެ. އުުމުރުން 24 އަހަރުގެ ސިނާގެ ކުރިން، ކެރިއާ ގޯލްޑަން މާސްޓާސް ހާސިލްކުރި ހަމައެކަނި ކުޅުންތެރިއަކީ، އެންމެ ގިނަ ގްރޭންޑް ސްލޭމް ކާމިޔާބުކުރި ފިރިހެން ކުޅުންތެރިޔާގެ ރެކޯޑް އޮތް ސާބިއާގެ ނޮވަކް ޖޮކޮވިޗް އެވެ.
ދުނިޔޭގެ ރޭންކިންގެ އެއް ވަަނައިގައި އޮތް ސިނާ ވަނީ ފައިނަލުގައި ރޫޑް އަތުން މޮޅުވި މެޗުގައި ދެއްކުނު ކުޅުމާ މެދު ވަރަށް ހިތްހަަމަޖެހޭ ކަމަށެވެ. އަދި، މި ސީޒަނުގައި މިހާތަަނަށް އައިއިރު، އޭނާގެ ކުޅުމަށް އަންނަ ކުރިއެރުމާ މެދު ވެސް ވަަރަށް އުފާކުރާ ކަަމަށް ސިނާ ބުނެފައިވެ އެވެ.
"އަހަރެން ވަރަށް ވަރަށް އުފަލުން މި ހުރީ. މިދިޔަ ދެ މަހާއި ބައި މިދިޔައީ ވަރަށް އާދަޔާހިލާފުކޮށް،" މި ފަހަރުގެ ޓެނިސް ސީޒަނުގައި، އިންޑިއަން ވެލްސް، މިއާމީ، މޮންޓެ ކާލޯ އަދި މެޑްރިޑް މާސްޓާސް ވެސް ކާމިޔާބުކުރި ސިނާ ބުންޏެވެ.
ގޯލްޑަން މާސްޓާސް ފުރިހަމަ ކުރަން ސިނާ އަށް ނެގި މުއްދަތު ވަރަށް ކުރެވެ. އެ ގޮތުން، ސިނާ، އޭނާގެ ފުރަތަމަ މާސްޓާސް ތަށި ހޯދީ 2023 ވަނަ އަހަރުގެ ކެނޭޑިއަން އޯޕަންގަ އެވެ. އެހެންވުމާ އެކު، ޖޮކޮވިޗްގެ ރެކޯޑަށް ވުރެން ސިނާގެ ކާމިޔާބީ ހާއްސަ ވެ އެވެ. މާސްޓާސް ނުވަ މުބާރާތުގެ ތަށި، ޖޮކޮވިޗަށް ފުރަތަމަ ލިބުނުއިރު، އުމުރަކީ 31 އެވެ. އޭގެ ފަހުން، އެ ކާމިޔާބީ ތަކުރާރުކުރިއިރު، ޖޮކޮވިޗްގެ އުމުރަކީ 33 އަހަރެވެ. އެއީ، 2020 ވަނަ އަހަރު އެވެ.
ސިނާ، ދެން ތައްޔާރުވާނީ ކުރިއަށް އޮތް ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ފްރެންޗް އޯޕަން އަށެވެ. އެ މުބާރާތް ކާމިޔާބުކޮށް، ސިނާގެ ކެރިއަރުގައި ނުލިބި އޮތް ގްރޭންޑް ސްލޭމް ތަށި ހޯދޭނެ އެވެ. މިހާތަނަށް ކެރިއަރު ގްރޭންޑް ސްލޭމް ފުރިހަަމަކޮށްފައިވަނީ ނުވަ ކުޅުންތެރިއެކެވެ.
އިޓާލިއަން އޯޕަން ކާމިޔާބުކޮށް ސިނާ "ކެރިއާ ގޯލްޑަން މާސްޓާސް" ފުރިހަމަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ