ތިން އަހަރެއްހާ ދުވަހުގެ ބޮޑު މެދުކެނޑުމަކަށް ފަހު، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ހުޅުވާލައިގެން ކުރިއަށްގެންދިޔަ ފުރަތަމަ. މުބާރާތް، ބީއޭއެމް އެސޯސިއޭޝަން ޗެމްޕިއަންޝިޕް، ހުރިހާ ގޮތަކުން ވެސް ރިވައިވަލް ސްޕޯޓްސް އަށް ކާމިޔާބު ކަމަށް އެ ޓީމުގެ ކޯޗު، ނަޝްފާން މުހައްމަދު ބުނެފި އެވެ.
ރާއްޖާގައި އެންމެ ޕްރޮފެޝަނަލްކޮށް ހިންގާ ބެޑްމިންޓަން ކްލަބް، ރިވައިވަލް އިން ވަނީ އެސޯސިއޭޝަން ކަޕްގެ އުމުރުފުރާ ޑިވިޝަނުގައި، ޖުމްލަ އެކު، 20 މެޑަލް ހޯދައިފަ އެވެ. އޭގައި ހިމެނެނީ، ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން އެކަޑަމީން ހޯދި ފަސް ރަން މެޑަލް، ތިން ރިހި މެޑަލް އަދި ހަ ލޯ މެޑަލްގެ އިތުރުން، ރިވައިވަލް ސްޕޯޓްސް އޭދަފުށިން ހޯދި އެއް ރަން މެޑަލް، ތިން ރިހި މެޑަލް އަދި ދެ ލޯ މެޑަލް އެވެ.
އޯޕަން ކެޓަގަރީގެ އިވެންޓްތަކުން، ރިވައިވަލް ސްޕޯޓްސް އިން 11 މެޑަލް ހޯދި އެވެ. އެއީ، ހަތަރު ރަން މެޑަލް، ހަތަރު ރިހި މެޑަލް އަދި ތިން ލޯ މެޑަލް އެވެ.
"ޖުމްލަކޮށް ބަލާއިރު ވަރަށް ކާމިޔާބު މުބާރާތެއް މިއީ. ޓާގެޓް ކަނޑައެޅި ހުރިހާ އިވެންޓަކުން، އިރާދަކުރެއްވީތީ، މި ނަތީޖާ ލިބިގެން މިދިޔައީ، ގޯލްޑް މެޑަލް ލިބިގެން މިދިޔައީ. އަޅުގަނޑުމެން ހަމަ، ހުއްޓުމެއް ނެތި ޕްރެކްޓިސް ކުރަމުން މިއައީ، އެހާ ދުވަހެއް ކޮށްފައި ބެޑްމިންޓަން އެސޯސިއޭޝަނުން މުބާރާތެއް ކުޅެލުމުގެ ޗާންސް ލިބޭނެ ކަމަށް ބަލަބަލައި ތިއްބައި ލިބުނު ޗާންސްގެ ފުރިހަަމަ ބޭނުން މިފަހަރު އިރާދަކުރެއްވިއްޔާ ހިފިއްޖެ،" އެސޯސިއޭޝަންގެ ކަޕްގެ ނިންމުމުގެ ރަސްމިއްޔާތަަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ނަޝްފާން ބުންޏެވެ.
ރިވައިވަލް ސްޕޯޓްސް އެކެޑަމީ އާއި ރިވައިވަލް ސްޕޯޓްސް އޭދަފުށިން ހޯދި ކާމިޔާބީގެ ހާއްސަކަން ނަޝްފާން ފާހަގަކުރި އެވެ.
"ވަރަށް ރަނގަޅު ކަންނޭނގެ ނަތީޖާ، ފެނިގެން ހިނގައްޖެ ކަންނޭނގެ އިވެންޓްތަކުގެ ފައިނަލް ކުޅެ، ހަމަ ޗެމްޕިއަންކަން ވެސް ލިބިގެން މިދިޔައީ، ކުރިމަގު މިއޮތީ ވަރަށް އުޖާލާކޮށް މި ފެންނަނީ،" ނަޝްފާން ބުންޏެވެ.
ރިވައިވަލް ސްޕޯޓްސް އަކީ އަަހަރުން އަހަރަށް ޕްލޭން ހަދައިގެން ބައިނަލްއަގުވާމީ ލެވަލްގައި ރާއްޖެ ތަމްސީލްކޮށް، ގައުމަށް ރަން ވަނަ ހޯދައިދޭ ގިނަ އެތުލީޓުން ތިބި ކްލަބެކެވެ. އެ ގޮތުން، ނަޝްފާން ދެކޭ ގޮތުގައި ކުރިއަށް އޮތް ބައިނަލްއަގުވާމީ މުބާރާތްތަކަށް އެސޯސިއޭޝަން ކަޕުން ލިބުނު ކާމިޔާބީގެ ކޮންފިޑެންސް ބޭނުންކުރެވޭނެ އެވެ.
"އިރާދަކުރެއްވިއްޔާ، މި އަންނަ މަހު (ޖޫން މަހު) މި ދަނީ ޔޫރަޕްގެ ތިން މުބާރާތް ކުޅެން. އެ އަށް ލިބުނު ބޫސްޓެއް ކަންނޭނގެ، މި. މުބާރާތް މީގެ ތެރެއަށް އައުން ވެސް. އަޅުގަނޑުމެންނަށް އިންޓަނޭޝަނަލް މުބާރާތް ވެސް ބައިވަރު އެބަހުރި. ލޯކަލް މުބާރާތް ވެސް އެބަހުރި. ދެން، އެންމެ އަވަހަށް ލޯކަލް މުބާރާތަަކަށް ގައުމީ، މާލޭގައި އޮންނާނީ ބޮޑު މުބާރާތަކަށް އެ އަށް ޕްލޭންތައް ރެޑީގައި މި ތިބީ ހަމަ،" ނަޝްފާން ބުންޏެވެ.
އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އޯޕަން ކެޓަގަރީގެ ފަސް އިވެންޓްގެ ފައިނަލުގައި ވެސް ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިން ވާދަކުރި އެވެ. ރަން މެޑަލް ނުލިބި ދިޔައީ އެންމެ އިވެންޓަކުންނެވެ.
އެސޯސިއޭޝަން ޗެމްޕިއަންޝިޕް ރިވައިވަލް ސްޕޯޓްސް އަށް ހުރިހާ ގޮތަކުން ވެސް ކާމިޔާބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ