އެބޯލާއަށް ވެކްސިނެއް ނެތް، މަރުވާ ނިސްބަތް 30 ޕަސެންޓަށް އަށްވުރެ މަތި!

ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލިމަޑުކަމަކީ ބައިނަލްއަގުވާމީ ގޮތުން ސަމާލުކަންދޭންޖެހޭ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ކަނޑައަޅައިފަ އެވެ. އެ ޖަމްއިއްޔާއިން ހާމަކުރި ގޮތުގައި، ކޮންގޯގެ އިރުމަތީ އިތޫރީ ޕްރޮވިންސްގައި ފެތުރެމުންދާ މި ބަލީގައި މިހާތަނަށް ޝައްކުކުރެވޭ 246 ކޭސް ފެނި، 80 މީހުން ވަނީ މަރުވެފަ އެވެ. 
އެބޯލާ އަކީ ވަރަށް މަދުން ނޫނީ ނުފެންނަ، ނަމަވެސް ޖެހުމުން ނުރައްކާތެރި އަދި ފުރާނައަށް ނުރައްކާވާ ފަދަ ބައްޔެކެވެ. މި ބައްޔަކީ ވައިރަހެއްގެ ސަބަބުން ޖެހޭ ބައްޔަކަށް ވާއިރު، މިހާރު ފެތުރެމުންދާ  ބަލިމަޑުކަމަށް މެދުވެރިވަނީ އެބޯލާ ވައިރަހުގެ ބާވަތެއް ކަމަށްވާ ބަންޑިބުގްޔޯ އެވެ. އާންމުގޮތެއްގައި އެބޯލާ ވައިރަހުގެ ތިން ބާވަތެއް ބަލިމަޑުކަން ފެތުރުމަށް މެދުވެރިވެއެވެ.
މި ބަލި އެކަކު އަނެކެއްގެ ގަޔަށް އަރަނީ ބަލިޖެހިފައިވާ މީހެއްގެ ހަށިގަނޑުގެ ދިޔައިގެ ޒަރީއާއިންނެވެ. މީގެ ތެރޭގައި ލެޔާއި ހޮޑު ފަދަ ތަކެތި ހިމެނެއެވެ. އެބޯލާ ބަލިމަޑުކަން ފެށެނީ ބަލިޖެހިފައިވާ ޖަނަވާރެއްގެ ފަރާތުން އިންސާނެއްގެ ގަޔަށް ވައިރަސް އެރުމުންނެވެ. މިގޮތުން ވާ ފަދަ ޖަނަވާރުތަކުން އިންސާނުންނަށް މި ބަލި ވާސިލުވެއެވެ.
ބަންޑިބުގްޔޯ އެބޯލާ ވައިރަހަކީ ނުރައްކާތެރި މިންވަރަކަށް މަރުގެ ނިސްބަތް މަތި ބައްޔެކެވެ. މީގެ ކުރިން މި ބާވަތުގެ ވައިރަސް ފެތުރުނު ދުވަސްވަރު ބަލިޖެހުނު މީހުންގެ ތެރެއިން ގާތްގަނޑަކަށް 30 ޕަސެންޓުމީހުން ވަނީ މަރުވެފައެވެ. މިއީ ސިއްހީ މާހިރުން ނުހަނު ކަންބޮޑުވާ ކަމެކެވެ.
މި ބަލީގެ އިންކިއުބޭޝަން ޕީރިއަޑް ނުވަތަ ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު ބަލީގެ އަލާމާތްތައް ފެންނަން ނަގާ ވަގުތަކީ ދެ ދުވަހާއި 21 ދުވަހާ ދެމެދުގެ މުއްދަތެކެވެ.
ބަލީގެ ކުރީކޮޅު ފެންނަ އަލާމާތްތަކަކީ ކުއްލިއަކަށް ހުން އައުމާއި، ބޮލުގައި ރިއްސުމާއި، ވަރުބަލިވުމެވެ. މިއީ އާންމު ރޯގާތަކާ އެއްގޮތް އަލާމާތްތަކަކަށް ވީނަމަވެސް، ބަލި ބޮޑުވަމުންދާ ވަރަކަށް ހޮޑުލުމާއި ބޭރަށް ހިންގުން ކުރިމަތިވެއެވެ. އަދި ހަށިގަނޑުގެ ގުނަވަންތަކުގެ މަސައްކަތް ހުއްޓެން ފަށައި، ބައެއް ބަލިމީހުންގެ ހަށިގަނޑުގެ އެތެރެއަށާއި ބޭރަށް ލޭ ފޭބުމުގެ މައްސަލަތައް ކުރިމަތިވެއެވެ.
އެބޯލާގެ ޒައިރޭ ކިޔާ ބާވަތަށް ޚާއްސަ ވެކްސިންތަކެއް އުފައްދާފައިވީ ނަމަވެސް، މިހާރު ފެތުރެމުންދާ ބަންޑިބުގްޔޯ ބާވަތަށް އަދި މިހާތަނަށް އެއްވެސް ވެކްސިނެއް އުފެއްދިފައެއް ނުވެއެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށްޓަކައި ސިއްހީ އިރުޝާދުތަކަށް ބޯލެނބުމާއި، ބަލިޖެހިފައިވާ މީހުންނާ ގާތްނުވުމަކީ މިވަގުތަށް އޮތް އެންމެ މުހިންމު ފިޔަވަޅެވެ. ސިއްހީ އިދާރާތަކުން ދަނީ މި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.
މައުލޫމާތު: ބީބީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ