ކެންޔާއިން ގިނަ އަދަދެއްގެ ދިރޭ ހިނި ބޭރުކުރަން އުޅުނު ޗައިނާގެ ރައްޔިތަކު އެއް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ. ނައިރޯބީގެ ކޯޓަކުން މިދިޔަ މަހު މި ހުކުމް އިއްވާފައިވަނީ ޗައިނާގެ ރައްޔިތެއް ކަމަށްވާ ޒަންގް ކެގުންގެ މައްޗަށެވެ.
ޖަލު ހުކުމުގެ އިތުރުން، އެއް މިލިއަން ކެންޔާ ޝިލިންގް ނުވަތަ ގާތްގަނޑަކަށް 7700 އެމެރިކާ ޑޮލަރުން އޭނާ ވަނީ ޖޫރިމަނާކޮށްފަ އެވެ. މި މައްސަލަ ބެއްލެވި ފަނޑިޔާރު އައިރީން ގިޗޯބީ ވިދާޅުވީ، ޒަންގް އަކީ މުޅިން ތެދުވެރި މީހެއް ނޫން ކަމަށާއި، އޭނާ ކުރި ކަންތަކާ މެދު އެއްވެސް ވަރަކަށް ދެރަނުވާ ކަމަށެވެ.
ޒަންގް ހައްޔަރުކުރީ މިދިޔަ މާރިޗު މަހުގެ ދިހަވަނަ ދުވަހު ނައިރޯބީގެ މައި ވައިގެ ބަނދަރުން ޗައިނާއަށް ފުރަން އުޅެނިކޮށެވެ. އޭނާގެ ދަބަހުން ދެ ހާހަށްވުރެ ގިނަ ރާނީ ހިނި ފެނިފައިވެއެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ގަވާއިދާ ހިލާފަށް ވަޔިލްޑްލައިފް ނުވަތަ ވަލުޖަނަވާރުގެ ބާވަތްތަކުގެ ވިޔަފާރިކުރުމުގެ ދައުވާއެވެ.
ކެންޔާގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރި ގޮތުގައި، ޔޫރަޕާއި އޭޝިއާގެ ގައުމުތަކުގައި މި ބާވަތުގެ ހިންޏަށް އޮންނަ ޝައުގުވެރިކަން ދަނީ އިތުރުވަމުންނެވެ. މި ތަކެތި އެއްކުރާ މީހުންގެ މެދުގައި މިއީ ވަރަށް އަގުބޮޑު އެއްޗެކެވެ. ރިޕޯޓްތައް ބުނާގޮތުން އެންމެ ހިންޏެއްގެ އަގު 220 ޑޮލަރަށް އަރައެވެ.
ފަނޑިޔާރު ގިޗޯބީ ވިދާޅުވީ، މިފަދަ ކަންކަމަކީ ތިމާވެށީގެ ނިޒާމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަންކަން ކަމަށާއި، އެހެންކަމުން މިފަދަ ކަންކަން ހުއްޓުވުމަށް ހަރުކަށި އަދަބެއް ދޭންޖެހޭ ކަމަށެވެ. ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން ޒަންގް އަނބުރާ އޭނާގެ ގައުމަށް ފޮނުވާލުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި ހުކުމް އިސްތިއުނާފު ކުރުމަށް ޒަންގަށް ސާދަ ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އޭނާގެ ވަކީލުން ބުނާ ގޮތުގައި އެ ފުރުސަތުގެ ބޭނުން ހިފާނެއެވެ. ޝަރީއަތުގެ ކުރީކޮޅު އޭނާ ކުށަށް އިންކާރު ކުރި ނަމަވެސް، ފަހުން ވަނީ ކުށަށް އިއު އިއުތިރާފުވެފަ އެވެ.
ކޯޓަށް ހުށަހެޅި މައުލޫމާތުތަކުން އެނގޭ ގޮތުގައި، ޒަންގް މި ހިނިތައް ގަނެފައިވަނީ ކެންޔާގެ ރައްޔިތެއް ކަމަށްވާ ޗާލްސް މުވަންގީ އަތުންނެވެ. އޭނާ ކޮންމެ ސަތޭކަ ހިންޏެއް ގަނެފައިވަނީ ދިހަ ހާސް ކެންޔާ ޝިލިންގަށެވެ.
2000 ހިނި ބޭރުކުރަން އުޅުނު ޗައިނާ މީހަކު ކެންޔާއިން ޖަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ