ނ ރ ބ އަދި ޅ އަތޮޅުގެ ސިއްހީ ދާއިރާގެ 100 އަށް ވުރެ ގިނަ މަގާމު އުވާލަނީ

ނޯދަން ހެލްތް ކޯޕަރޭޝަނުން އަލަށް އެކުލަވާލާފައިވާ ވަޒީފާގެ އޮނގަނޑަށް އަމަލް ކުރުމުގެ ގޮތުން ނ އަތޮޅާއި ރ އަތޮޅާއި ބ. އަތޮޅާއި އަދި ޅ. އަތޮޅުގެ ހޮސްޕިޓާތަކާ ހެލްތް ސެންޓަރުތަކުގެ ބައެއް މަގާމުތައް އުވާލުމުގެ މަސައްކަތް ފަށައިފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އަލަށް އެކުލަވާލާފައިވާ އޮނިގަނޑުގެ ދަށުން އެ ހަތަރު އަތޮޅުގެ ހޮސްޕިޓާތަކާ ހެލްތް ސެންޓަރުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ޑިރެކްޓަރުންނާއި ވޮޗަރުންނާއި ފޫޅުމައިންނާއި ހެލްތް އޮގްޒިލަރުންނާއި އަދި ޕިއޯނުންގެ މަގާމާއެކު ހަތަރު އަތޮޅުން 100 އެއްހާ މަގާމު އުވިގެންދާނެ އެވެ.
އެ ކޯޕަރޭޝަނުން މިމަހުގެ 11 ވަނަ ދުވަހު ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ އެ ކޯޕަރޭޝަނުން ދެމުންގެންދާ ހިދުމަތްތައް ފުޅާކޮށް އިތުރަށް ތަރައްގީކުރަން ބަދަލުތަކެއް ގެންނަންޖެހޭ ކަމަށާއި އެބަދަލުތަކުގެ ތެރޭގައި ވަޒީފާގެ އޮނިގަނޑު އަލުން އެކުލަވާލުމަށް އެކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައި އެ އޮނިގަނޑު އަލުން އެކުލަވާލާފައިވާ ކަމަށެވެ. އެގޮތުން މަސައްކަތެއް ނެތް މަގާމުތަކާއި ކޮންމެހެން ބޭނުންވާ ވަރަށްވުރެ އިތުރަށް ހުރި މަގާމުތައް އުވާލައި، އެތަންތަނުންދޭ ހިދުމަތްތައް ތަރައްގީ ކުރުމަށް ކޮންމެހެން އުފައްދަންޖެހޭ މަގާމުތައް އުފައްދައި އިތުރުކުރަންޖެހޭ މަގާމުތައް އިތުރުކުރުމަށް ވެސް އާ އޮނިގަނޑުގައި ކަނޑައަޅާފައިވެ އެވެ.
އަލަށް އެކުލަވާލާފައިވާ އޮނިގަނޑުގައިވާ ގޮތުގައި އުވާލާ މަގާމުތަކުގެ ތެރެއިން މުވައްޒަފަކު އެހެން މަގާމަކަށް ބަދަލުކުރެވޭނީ އެއޮނިގަނޑުގައި އެމުވައްޒަފަކު ވަޒީފާ އަދާކުރާތަނުގައި ހުސް މަގާމެއް އޮވެ، އެމަގާމަކަށް ޝަރުތު ހަމަވާނަމަ އެވެ. އަދި ހުސް މަގާމަކަށް ޝަރުތު ހަމަވާ އެއް މުވައްޒަފަކަށްވުރެ ގިނަ މުވައްޒަފުން ތިބި ނަމަ އިސްކަންދެވޭނީ ތައުލީމީ ގޮތުން މަތި މުވައްޒަފުންނަށް ކަމަށާއި ތައުލީމީ ގޮތުން އެއްފެންވަރެއްގެ މުވައްޒަފުންތަކެއް އެ މަގާމަކަށް ކުރިމަތިލާނަމަ ވަޒީފާގެ ފުރުސަތުދެވޭނީ އެކޯޕަރޭޝަންގެ ދަށުން ހިންގާ ތަނެއްގައި އެންމެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ މުވައްޒަފަކަށް ކަމަށްވެސް އެކޯޕަރޭޝަނުން ބުންޏެވެ.
" އުވާލާ މަގާމުތަކުގައި މިހާރު ތިބި މުވައްޒަފުންގެ ތެރެއިން އެހެން ވަޒީފާއަކަށް ބަދަލުކޮށް ދެވެންނެތް މުވައްޒަފުން މިކޯޕަރޭޝަންގެ ވަޒީފާގެ އެއްބަސްވުމުގެ 37 ވަނަ މާއްދާގެ " ރިޑަންޑަންޓް ކުރުން" ދަށުން ރިޑަންޑަންޓްކޮށް ވަޒީފާއިން ދޫކޮށްލާ ގޮތަށް ވަނީ ނިންމާފައި،" އެސާކިއުލާގައިވެ އެވެ.
އެކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ މުހައްމަދު އަބްދުﷲ މިއަދު ވިދާޅުވީ އަލަށް އެކުލަވާލާފައިވާ އޮނިގަނޑަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށާފައިވާ ކަމަށާއި އެކަމާ ބެހޭ އެއްވެސް ތަފްސީލެއް ދެއްވޭނީ އެމަސައްކަތް ނިމުމުން ކަމަށެވެ.
"މިއީ ސިޔާސީ އެއްވެސް ބޭނުމެއް އޮވެގެން ކުރާ ކަމެއް ނޫން،" މުހައްމަދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ