ރައްޔިތުން މަޖިލީހުގެ ހުސްވެފައިވާ ދިއްގަރު ދާއިރާގެ ގޮނޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިޙާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނީ ދެބޭފުޅަކު ކަމަށް އެޕާޓީ އިން ބުނެފިއެވެ.
މިއަދު ހަވީރު 15:00 ގެ ކުރިން ޕްރައިމަރީގައި ވާދަކުރައްވަން ބޭނުންފުޅުވާ ބޭފުޅުން ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވެފައިވަނީ ދެބޭފުޅެކެވެ.
އެއީ ތްރީއޭ ކުންފުނީގެ އެއް ޑިރެކްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ނައިބު އަލީ ޝިޔާމްގެ ކޮއްކޮ އިބްރާހިމް ޖިހާދާއި މ. މަޑުއްވަރީ ކާނިގޭ އަހުމަދު ރާޒީ ކަމަށް އެމްޑީޕީން މިރޭ ނެރުނު އިއުލާނެއްގައި ބުނެފައި ވެއެވެ.
އެނގިފައިވާ ގޮތުގައި ޕްރައިމަރީގައި ވާދަކުރެއްވުމަށް އެލްޖީއޭގެ ކުރީގެ ނައިބު ރައީސް ސުޖާއު ހުސެއިން ވެސް ލިޔުންތައް ހުށަހެޅުއްވެވިއެވެ. ނަމަވެސް އެމްޑީޕީ އިން ނިންމާފައި ވަނީ އޭނާގެ ޝަރުތު ހަމަނުވާކަމަށެވެ. ސުޖާއުގެ ޝަރުތު ހަމަނުވާކަމަށް ނިންމީ ކީއްވެކަން އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.
ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރުގެ ގޮތުގައި ހުންނެވި އަހުމަދު ނާޒިމް އުމުރަށް ޖަލަށް ލުމަށް ސްޕްރީމް ކޯޓުން ކުރި ޙުކުމާއި ގުޅިގެން އެދާއިރާގެ ގޮނޑި ހުސްވެފައި ވާތީ ބާއްވާ އިންތިޙާބު އޮންނާނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.
ދިއްގަރު ދާއިރާގެ އިންތިޙާބުގައި ވާދަކުރާނެކަން މީގެ ކުރިން އިއުލާން ކޮށްފައި ވަނީ ޕީޕީއެމް އިން އެކަންޏެވެ. އެޕާޓީގެ ޕްރައިމަރީ މިދިޔަ ހުކުރު ދުވަހު ބާއްވާފައި ވާއިރު ޕްރައިމަރީ ކާމިޔާބު ކުރައްވާ އިންތިޙާބުގެ ޓިކެޓް ހޯއްދަވާފައި ވަނީ ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންއެވެ.
އެމްޑީޕީ އިން ދިއްގަރު ދާއިރާގެ އިންތިޙާބުގެ ޕްރައިމަރީއެއް ބާއްވަން ނިންމާފައި މިވަނީ އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް މަޝްވަރާތައް ކުރިއަށްދާކަމަށް ޕާޓީތަކުން އިއުލާން ކުރުމަށް ފަހުއެވެ. އެމްޑީޕީގެ އިތުރުން އިދިކޮޅު އެއްވެސް ޕާޓީ އަކުން އިންތިޙާބުގައި ވާދަކުރާކަން އަދި އިއުލާން ކޮށްފައެއް ނުވެއެވެ.
ނަމަވެސް އަދާލަތު ޕާޓީގެ ތަރުޖަމާން އަލީ ޒާހިރު ވަނީ އިންތިޙާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
ދިއްގަރު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ދެބޭފުޅަކު ވާދަކުރައްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ