ދިއްގަރު ދާއިރާގެ ގޮނޑިއަށް އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނެރެނީ

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑިއަށް އެއް ކެންޑިޑޭޓަކު ނެރުމަށް މަޝްވަރާތައް ފަށާފައިވާ ކަމަށް ގައުމީ ހަރަކާތުން ބުނެފިއެވެ.
ގައުމީ ހަރަކާތުން މިއަދު ބޭއްވި ބައްދަލުވުމެއްގައި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން ވިދާޅުވީ އެއް ކެންޑިޑޭޓަކު ނެރުމަށް އިދިކޮޅު ފަރާތްތަކުގެ މެދުގައި މަޝްވަރާތައް ފަށާފައިވާ ކަމަށާއި މާތް ﷲ ގެ އިރާދަފުޅުން އެކަން ކާމިޔާބު ކުރެވޭނެ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނެރެން މަޝްވަރާތައް ފަށާފައިވާއިރު، އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ޒާހިރު ވަނީ އެ ގޮނޑިއަށް ކުރިމަތިލެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
މީގެއިތުރުން، މ.އަތޮޅު ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ދެ ކައުންސިލަރަކު ވެސް މި ގޮނޑިއަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފައެވެ.
ދިއްގަރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި މުހައްމަދު ނާޒިމްގެ މައްޗަށް މަކަރާއި ހީލަތް ހެދި ކަމުގެ ކުށް ސާބިތުވެ އޭނާ 25 އަހަރަށް ޖަލަށް ލުމަށް ސްޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ