ބަންދަރުގެ މައްސަލާގައި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައުސިންގ މިނިސްޓްރީން ޖަވާބެއް ނުލިބިގެން ރައްޔިތުން ނުކުމެ ފ.ބިލެތްދޫ ކައުންސިލް އިދާރާ މިއަދު ބަންދުކޮށްފިއެވެ.
އެމްޓީސީސީ އާއި ހަވާލުކޮށްގެން ހަދަމުންގެންދާ ބަނދަރުގެ މަސައްކަތް ނިމެން ތިން ދުވަހަށް ވެފައިވަނިކޮށް ރައްޔިތުން ނުކުމެ ކައުންސިލް އިދާރާ ބަންދުކުރި މައްސަލާގައި ބިލެތްދޫ ކައިންސިލްގެ ރައީސް ޢަބްދުﷲ ޒުހުރީ ވިދާޅުވީ ފަޅުތެރެގަދަކަމުން އޮޑިދޯނިފަހަރަށް ވަރަށް ބޮޑެތި ގެއްލުންތައްވަމުންދާކަމަށެވެ. އަދި އެމައްސަލަ ހައްލުކުރުމަށް ނެރުގެ ފައިކައްޓަށް ބަދަލުގެނައުމަށް ހައުސިންގ މިނިސްޓްރީގައި އެދިގެން އުޅޭތާ ދުވަސްތަކެއް ވެއްޖެކަމަށާއި ނަމަވެސް މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައިނުވާތީ ރައްޔިތުން ނުކުމެ ކައުންސިލް އިދާރާ ބަންދުކުރީކަމަށް ޒުހުރީ ވިދާޅުވިއެވެ.
"ރައްޔިތުންކުރަމުން އައި އުންމީދުތަކެއް ހާސިލް ނުވެގެން ކައުންސިލް އިދާރާ ބަންދުކުރީ. ރައްޔިތުން ބުނަމުންދަނީ ކައުންސިލް އިދާރާ ހުޅުވޭނީ މިނިސްޓްރީން ޖަވާބެއް ލިބިގެންކަމަށް. ނެރުގެ ފައިކަށި ޖެހިފައި ހުރިގޮތުން ރަށަށް އަރާ ރާޅު ބަންދަރުތެރެއަށް ވަދެ ބާނިދަމާ ވަރަށް ގަދަކޮށް ފަޅުތެރެ އިންނަނީ. މިހާރުވެސް ރަށުގައި ބޭނުންކުރަމުންދާ ހަތްދިހަ ފަސް ޕަސެންޓް އުޅަންދުފަހަރުގެ މޫޓްތަކާއި މަތިކަންވެސް ހަލާކުވެފައި ހުރީ. ކައުންސިލުންވެސް ދެ މަސްދުވަސް ވެއްޖެ މިކަމުގައި މިނިސްޓްރީގެ ޖަވާބެއް ނުލިބިގެން އުޅޭތާ،" އެމްޑީޕީގެ މެޖޯރިޓީ އޮންނަ ބިލެތްދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ޒުހުރީ ވިދާޅުވީ ހައުސިންގ މިނިސްޓްރީން ޖަވާބެއް ލިބުމުންނޫނީ ކައުންސިލް އިދާރާ ނުހުޅުވޭނެކަމަށް ރައްޔިތުން ބުނަމުންދާކަމަށެވެ. ކައުންސިލް އިދާރާ ބަންދުކުރިނަމަވެސް ބިލެތްދޫގައި އެއްވެސް ހަމަނުޖެހުމެތް ނެތްކަމަށް ކައުންސިލުގެ ރައީސް ޒުހުރީ ވިދާޅުވިއެވެ.
ބަނދަރުގެ މައްސަލާގައި ރައްޔިތުން ނުކުމެ ބިލެތްދޫ ކައުންސިލް އިދާރާ ބަންދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ