ތ. އަތޮޅުގެ 12 ރަށެއްގައި އިރުގެ އަލިން ކަރަންޓު އުފައްދާ ހައިބްރިޑް ޕަވަރސިސްޓަމްތައް ގާއިމްކޮށް އެމަސައްކަތް އިފްތިތާހުކޮށްފިއެވެ.
މި މަސައްކަތް އިފްތިތާހުކޮށްދެއްވީ އެކަމަައްޓަކައި ތ. އަތޮޅު ކިނބިދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމްއެވެ.
އިރުގެ އަލިން ކަރަންޓު އުފައްދާ ހައިބްރިޑް ޕަވަރސިސްޓަމް ގާއިމްކުރި ރައްތަކަކީ ތ. ވޭމަންޑޫ، ކިނބިދޫ، އޮމަދޫ، ހިރިލަންދޫ، ވަންދޫ، ކަނޑޫދޫ، ތިމަރަފުށި އަދި ގާދިއްފުށީގައެވެ. މީގެ އިތުރުން މަޑިފުށި، ގުރައިދޫ، ވިިލިފުށި އަދި ދިޔަމިގިލި ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވީ ތ. އަތޮޅުގެ 12 ރަށެއްގައި ޤާއިމުކޮށްފައިވަނީ 2.5 މެގަވޮޓުގެ ސޯލާ ޕީވީ ހައިބްރިޑްޕަވަރ ސިސްޓަމްތަކެއްކަމަށެވެ. މި ސިސްޓަމްތަކާއެކު 1.9 މެގަވޮޓުއަވަރގެ ބެޓެރީ ސްޓޯރޭޖު ވަނީ ޤާއިމުކޮށްފައިކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި އިފްތިތާޙުކުރެވުނު ސިސްޓަމްތަކާއެކު ރާއްޖޭގައި ޤާއިމުކުރެވިފައިވާ ސިސްޓަމްތަކުގެ މިންވަރަކީ 67.5 މެގަވޮޓުގެ ސޯލާ ޕީވީކަމަށެވެ. ތ. އަތޮޅުގައި ގާއިމް ކުރެވިގެން މި ދިޔަ ސިސްޓަމުތަކުގެ ސަބަބުން އަހަރަކު 1.2 މިލިއަން ލީޓަރުގެޑީސަލް ބޭނުންކުރުން މަދުވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އަހަރަކުގާތްގަނޑަކަށް 3،300 ޓަނުގެ ކާބަން ޑައިއޮކްސައިޑް ޖައްވަށް ދޫކުރާ މިންވަރު މަދުވެގެންދާނެކަމަށް ވަޒީރު ޠާރިޤް ވިދާޅުވިއެވެ.
“މި ވަރަށް މުހިންމު މަސެއްކަތެއް ނިމިގެން މިދިޔައީ. މީގެ ސަބަބުން 1.2 މިލިޔަން ލީޓަރުގެ ޑީސަލް ބޭނުންކުރުން މަދުވާނެ. އަދި 3،300 ޓަނުގެ ކާބަންޑައިއޮކްސައިޑް ޖައްވަށް ދޫކުރާ ވަރު މަދުވާނެ” ވަޒީރު ޠާރިގް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ފެނަކައިގެން މެނޭޖިން ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ މި ނިމިގެން ދިޔައީ ވަރަށް މުހިންމު ޕްރޮޖެކްޓެއްކަމަށެވެ. މި މަސައްކަތުން ހާމަވެގެން ދިޔައީ ޑީސަލް ޖަނަރޭޓަރުތައް ނިންވާލައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދޭނެ ގާބިލްކަން ދިވެހިރާއްޖޭގައި ހުރިކަންކަމަށް މުއާޒް ވިދާޅުވިއެވެ.
" މި މަސައްކަތުގެ ސަބަބުން ފެނަކައިގެ އެއްމިލިޔަން ރުފިޔާ މާކެޓް ރޭޓްއަށް ބަލާކަމުގައި ވާނަމަ ސަލާމަތް ކުރެވިގެން އެބަދޭ ޑީސަލްއަށް ކުރާ ޙަރަދުގެ. މީ ވަރަށް ގިނަ ފައިސާ، މިހާޜުވެސް ފެނަކައިން އަހަރަކު އެއްބިލިޔަން ރުފިޔާ ހަމައެކަނި ޑީސަލް ގަތުމަށް ޙަރަދުކުރޭ" މުއާޒް ވިދާޅިވިއެވެ.
މި 12 ރަށުގައި ޤާއިމު ކުރެވުނު ނިޒާމުތަކަކީ އޭޝިއަންޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި ދިވެހި ސަރުކާރުންހިންގަމުންދާ ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޯސަސްޓެއިނަބަލް އެނާރޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) ޕްރޮޖެކްޓުގެ ދަށުން ކުރިއަތް ދާ މަސައްކަތެކެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ ޕޮއިސްޑް ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ މީހުންދިރިއުޅޭ 160 ރަށެއްގައި ހުންނަ ޑީސަލް ޕަވަރޖެނެރޭޝަން ސިސްޓަމްތައް ސޯލާ ޕީވީ ހައިބްރިޑްސިސްޓަމްތަކަކަށް ބަދަލުކުރެވޭނެކަމަށެވެ.އެގޮތުން މި މަޝްރޫއުގެ ދަށުންމިހާރު ވަނީ 72 ރަށެއްގެ މަސައްކަތް ނިމިފައިކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން ޖުމްލަ 13.4 މެގަވޮޓުގެ ސޯލާ ޕީވީ އާއި 9.8 މެގަވޮޓް އަވަރގެ ބެޓެރީނިޒާމުތައް ޤާއިމުކުރެވިފައިކަމަށް އެވުޒާރާއިން މައުލޫމާތުދެއެވެ.
ތ. އަތޮޅުގެ 12 ރަށެއްގައި އިރުގެ އަލިން ކަރަންޓު އުފައްދާ ހައިބްރިޑް ޕަވަރސިސްޓަމްތައް ގާއިމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ