މެންބަރު ޒަރީރަށް ހަމަލާދިން މައްސަލަ ފުލުހުން ބަލަނީ

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ޕީއެންސީ މެންބަރު ޙަސަން ޒަރީރަށް ހަމަލާދިން މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ. އިތުބާރު ހުރި މަސްދަރަކުން ވަނީ، ޒަރީރަށް ރޭގެ ވަގުތެއްގައި ހަމަލާދިންކަން 'ސަން'އަށް ކަށަވަރުކޮށްދީފައެވެ. ޒަރީރާ ސުވާލުކުރުމުން އޭނާ ވިދާޅުވީ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް ފުލުހުން މައްސަލަ ބަލާ ކަމަށް ވިދާޅުވެ އިތުރު ތަފްސީލެއް ނުދެއްވިއެވެ. https://sun.mv/223994 ފުލުހުން މިއަދު ބުނީ، ޒަރީރަށް ހަމަލާދިންކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ރޭ ލިބުނު ކަމަށެވެ. އެ މައްސަލަ ތަހުގީގުކުރާ ކަމަށް ބުނި ނަމަވެސް، މީހަކު ހައްޔަރުކުރިކަން ނުވަތަ ނޫންކަން ފުލުހުން ނުބުނެއެވެ. ފާހަގަކުރެވޭ ގޮތުގައި، ނަވާރަވަނަ މަޖިލީހުގައި ވެސް މަތިވެރި ދާއިރާގެ މެންބަރުކަން ކުރެއްވި ޒަރީރަށް މީގެ ތިން އަހަރު ކުރިން ބަޔަކު ހަމަލާދިނެވެ. ޒަރީރަށް ހަމަލާދިނީ އޭނާ މެންބަރުކަމުގައި ހުންނަވަނިކޮށް، މެއި 1، 2023ގައި ފަތިހު 04:15 އެހާކަންހާއިރު ބުރުޒުމަގުގައި ހުންނަ ހަބީބީ ކެފޭ ތެރެއިންނެވެ. އެގޮތުން ޒަރީރުގެ ގައިގައި އަތުންނާއި ފައިން ތެޅުމަށްފަހު، އޭނާގެ ބޮލުގައި މަރުތޭލަކުން ޖަހައި ހަމަލާދީފައިވެއެވެ. މި މައްސަލައިގައި ޒަރީރު ވިދާޅުވާ ގޮތުގައި އޭނާއަށް ހަމަލާދިނީ ފަސް މީހުންގެ ގްރޫޕަކުންނެވެ. އެ މައްސަލައިގައި ދައުލަތުން ދައުވާކުރީ ތ. ކިނބިދޫ، ދީފްރަމްގޭ މުޙައްމަދު އަވްޝަމާއި މާލޭ ތާޖްގޭ މުލާޢިމް މުޙައްމަދުގެ އިތުރުން، މާލޭ ނައިޓްވިލާ، އިބްރާހީމް ޢަބްދުﷲގެ މައްޗަށެވެ. މީގެ ތެރެއިން އަވްޝަމާއި މުލާޢިމްގެ މައްޗަށް އުފުލާފައިވަނީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ. ޢަބްދުﷲގެ މައްޗަށް އުފުލީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ. ދައުލަތުން ކުރި މާރާމާރީގެ ދައުވާ އެކަށީގެންވާ މިންވަރަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުން ވަނީ އެ ތިން މީހުން ވެސް އޭރު މިނިވަންކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ