ބިންހެލުމުގައި ބިމާހަމަވި އިމާރާތެއްގެ ދަށުން އެއް މަސް ނުފުރޭ ތުއްތު ކުއްޖަކު ސަލާމަތްކޮށްފި

ވެނެޒުއޭލާއަށް އައި ކައިރި ކައިރީގައި އައި ދެ ބިންހެލުމުގައި ވެއްޓުނު އިމާރާތެއްގެ ދަށުން ތުއްތު ކުއްޖަކު ދިރިހުއްޓާ ސަލާމަތްކޮށްފި އެވެ.
ވެރިރަށް ކަރަކަސްގެ އުތުރުން އޮންނަ، ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރި ލާ ގުއައިރާ ސިޓީގައި، ވެއްޓިފައިވާ އިމާރާތެއްގެ ދަށުން އެ ކުއްޖާ ސަލާމަތްކުރީ ބިންހެލުން އައިތާ 32 ގަޑިއިރު ފަހުންނެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން، އެ ކުއްޖާ ސަލާމަތްކޮށްގެން ނެރުމުން އެތަނުގައި ތިބި މީހުން އަތްޖަހައި އުފާފާޅުކުރާ މަންޒަރު ފެނެ އެވެ. އަދި ކުއިލްޓަކުން އޮޅާލާފައިވާ އެ ތުއްތު ކުއްޖާ، އެ ކުއްޖާގެ ބައްޕަ ކަމަށް ބެލެވޭ މީހެއްގެ އަތަށް ދިނުމުން އޭނާ ރޮއެގަންނަ މަންޒަރުވެސް ފެނެ އެވެ.
މި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކުރި އެންޑްރީނާ ކުއިންޓޭރޯ ބުނި ގޮތުގައި، އެއީ އެންމެ 18 ދުވަސްވީ ތުއްތު ކުއްޖެކެވެ. އަދި 32 ގަޑިއިރު ވަންދެން އިމާރާތުގެ ދަށުގައި ތާށިވެފައި އޮތް ނަމަވެސް، އެ ކުއްޖާއަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް ބުނެފައިވެ އެވެ.
ކުއްޖާ ސަލާމަތްކުރިތާ މާގިނައިރުތަކެއް ނުވެ، އެ ކުއްޖާގެ މަންމަވެސް ވަނީ އިމާރާތުގެ ދަށުން ސަލާމަތްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ