މޯލްޑިވްސް ސޭފްޓީ އެންޑް ސެކިއުރިޓީ ކޮންފަރެންސް ސަރުކާރާއި މަޓީން އެންޑޯސްކޮށްފި

މޯލްޑިވްސް އެސޯސިއޭޝަން އޮފް ފަޔާ އެންޑް ސޭފްޓީ ސާވިސް އިންޑަސްޓްރީ (މަފްސީ)ން އިންތިޒާމުކޮށްގެން އަންނަ ސެޕްޓެމްބަރުގައި ބާއްވާ މޯލްޑިވްސް ސޭފްޓީ އެންޑް ސެކިއުރިޓީ ކޮންފަރެންސް 2026އަށް ސަރުކާރާއި އެ ސިނާއަތާ ގުޅުންހުރި މުހިންމު ފަރާތްތަކުގެ އެއްބާރުލުން ޔަގީންކޮށްފި އެވެ.
ވީ ކިހިނެއް؟ - މަފްސީއިން މޯލްޑިވްސް ސޭފްޓީ އެންޑް ސެކިއުރިޓީ ކޮންފަރެންސް ބާއްވަނީ އަންނަ 29-30 ސެޕްޓެމްބަރުގައި ބާސެލޯ ނަސަންދުރައިގަ އެވެ.
ތަފްސީލު - މިހާތަނަށް އެ ކޮންފަރެންސް އެންޑޯޒްކުރި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ:
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)
ސަރުކާރުގެ އެކި މިނިސްޓްރީތަކާއި މަޓީގެ އެއްބާރުލުމާ އެކު އެ ކޮންފަރެންސް ވެގެންދާނީ، މަފްސީން ބުނާ ގޮތުގައި، ކަމާގުޅުން ހުރި ދާއިރާތަކުން މައުލޫމާތު ބަދަލުކޮށް، ސިޔާސަތުތަކާއި އީޖާދުތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، ގުޅިގެން މަސައްކަތް ކުރެވޭނެ ގައުމީ ޕްލެޓްފޯމަކަށެވެ.
އޭގެ އިތުރުން ވަކިން ހާއްސަކޮށް ފަތުރުވެރިކަމާއި ޕަބްލިކް އިންފްރާސްޓްރަކްޗާ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތައް ހަރުދަނާކުރުމުގެ މުހިންމުކަމަށް ވެސް އެ ކޮންފަރެންސްގައި އަލިއަޅުވާލާނެ އެވެ.
މޯލްޑިވްސް ސޭފްޓީ އެންޑް ސެކިއުރިޓީ ކޮންފަރެންސްގެ އަމާޒަކީ ސަރުކާރުގެ އެކި މުއައްސަސާތަކާއި ފަތުރުވެރިކަމުގެ އިސް ފަރާތްތަކާއި ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުން އަދި އިމަޖެންސީ ރެސްޕޮންސް އެޖެންސީތަކުގެ އިތުރުން ޓެކްނޮލޮޖީ ހިދުމަތް ދޭ ފަރާތްތައް އެއްތަންކޮށް، މި ދާއިރާ އާއި ރިސްކް މެނޭޖްމަންޓުގެ މުސްތަގްބަލާ ގުޅޭ ގޮތުން މަޝްވަރާކުރުމެވެ.
މި ކޮންފަރެންސްގައި އެޖެންޑާ އާއި ސްޕީކަރުން އަދި ސްޕޮންސަޝިޕް ފުރުސަތުތަކާ ގުޅޭ މައުލޫމާތު ކުރިއަށް އޮތް ހަފްތާތަކުގައި މަފްސީއިން އާންމުކުރަމުންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ