ހައިކޯޓުގެ ހުކުމުން ޕީއެންސީއަށް ލިބުނު ކައުންސިލް ގޮނޑި، ސުޕްރީމް ކޯޓުގެ ހުކުމުން އަލުން އެމްޑީޕީއަށް
މ. ވޭވަށު ކައުންސިލްގެ އިންތިޚާބު ކާމިޔާބު ކުރި އެމްޑީޕީގެ ކެންޑިޑޭޓްގެ ގޮނޑި، ހައިކޯޓުގެ ހުކުމަކާއެކު ޕީއެންސީ ކެންޑިޑޭޓަކަށް ލިބުނު މައްސަލައިގެ އިސްތިއުނާފުގައި، ސުޕްރީމް ކޯޓުން މިއަދު ހައިކޯޓުގެ ހުކުމް ބާތިލުކޮށްފިއެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ހުސެއިން ޝަހީދާއި މުހައްމަދު ސަލީމްއެވެ. ވޭވަށު ކައުންސިލްގެ އާންމު ދެ މެންބަރުގެ އިންތިޚާބު، ދެ ވޯޓުގެ ތަފާތަކުން ކާމިޔާބުކޮށްފައި އޮތީ އެމްޑީޕީގެ ކެންޑިޑޭޓް އަހްސަން ނައީމެވެ. އަހްސަންއަށް 121 ވޯޓު ލިބިފައިވާއިރު، ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހަށް ލިބުނީ 119 ވޯޓެވެ. އެ އިންތިޚާބުގައި މައްސަލަ އުފެދުނީ އަހުސަނަށް ލިބުނު ތިން ވޯޓެއްގައި ތިކިތަކެއް ހުރުމުންނެވެ. އެ ވޯޓުގެ މައްސަލައިގައި އިލެކްޝަންސް ކޮމިޝަން (އީސީ)ން ވޭވަށުގެ ވޯޓު އަލުން ގުނާފައިވެއެވެ. އެއީ، ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެންނެވެ. ވޯޓު އަލުން ގުނުމުން ކޮންމެ ކެންޑިޑޭޓަކަށް ލިބުނު ވޯޓުގެ އަދަދުން އެއް ވޯޓު މަދުވި ނަމަވެސް، މޮޅުވި ކެންޑިޑޭޓު އޭރު ބަދަލު ވެފައެއް ނުވެއެވެ. އެ މައްސަލަ ޕީއެންސީގެ ކެންޑީޑޭޓްގެ ފަރާތުން ދެން ހުށަހެޅީ ހައިކޯޓަށެވެ. ހައިކޯޓުން މައްސަލަ ނިންމިއިރު، އިންތިޚާބުގެ ނަތީޖާ އެނބުރި، އެމްޑީޕީން ހޯދި ގޮނޑިވަނީ ޕީއެންސީއަށް ފުރޮޅިފައެވެ. އެ މައްސަލައައިގައި ހައިކޯޓުގެ ފަނޑިޔާރުންގެ މެދުގައި އޮތީ ޚިޔާލު ތަފާތުވެފައެވެ. މައްސަލައިގެ އަގުލަބިއްޔަތު ފަނޑިޔާރުން ނިންމީ، އިންތިޚާބުގައި މައްސަލަ ޖެހުނު ތިން ވޯޓެއް ބާތިލު ކުރާށެވެ. އެ ތިން ވޯޓަކީ، އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިފައިވާ ތިން ވޯޓެވެ. އެ ތިން ވޯޓު ބާތިލު ކުރުމުން، އެމްޑީޕީ ކެންޑީޑޭޓަށް ލިބުނު 121 ވޯޓު ބަދަލުވީ 118 ވޯޓަށެވެ. އެހެންކަމުން، 119 ވޯޓާއެކު އިންތިޚާބު ކާމިޔާބުވާނީ ޕީއެންސީގެ ކެންޑީޑޭޓަށެވެ. އެ މައްސަލަ ހައިކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމިއިރު، އޭގެ ތެރެއިން އެއް ފަނޑިޔާރަކީ ކުރިން ޕީއެންސީ ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލީހަށް ވާދަކޮށް ނާކާމިޔާބުވީ ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމްއެވެ. ރައޫފު އަދި މައްސަލައިގެ ރިޔާސަތު ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ ނިންމެނީ ތިން ވޯޓު ކަރުދާސް ބާތިލު ކަމަށް ކަނޑައަޅާށެވެ. ރައުޔު ތަފާތުވީ އިބްރާހީމް މާހިރު ވިދާޅުވީ ނަތީޖާއަށް ބަދަލު ގެންނާނެ ތަނެއް ނެތް ކަމަށެވެ. މިއަދު ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވިއިރު ރިޔާސަތުގައި ހުންނެވި ފަނޑިޔާރު އަބްދުﷲ ހަމީދު، މައްސަލަ ނިންމަން ފެންނަ ގޮތް ކަމަށް ވިދާޅުވީ، ހައިކޯޓުގެ ހުކުމް ބާތިލުކުރުމަށެވެ. އަދި އެ މައްސަލައިގައި ޝަރީއަތުގެ ޚަރަދަށް ތިން ލައްކަ ރުފިޔާ ދެއްކުމަށް އަހްސަންގެ ފަރާތުން އެދިފައިވާއިރު، އޭނާގެ ފަރާތުން އެ ފައިސާގެ ތަފުސީލް ހާމަކޮށްފައިނުވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެހެންކަމުން، އޭނާއަށް ޝަރީއަތުގެ ޚަރަދަށް ފައިސާ ދޭން ނުފެންނަ ކަމަށް ފަނޑިޔާރުގެ ރައުޔުގައިވެއެވެ. ފަނޑިޔާރު އަބްދުﷲ ހަމީދުގެ ރައުޔަށް ފަނޑިޔާރު މުހައްމަދު ސަލީމާއި ހުސައިން ޝަހީދު ވަނީ ތާއިދު ކުރައްވައިފައެވެ. އެހެންވެ، ހައިކޯޓުގެ ހުކުމް ވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުން ބާތިލުކުރައްވައިފައެވެ. އެ ހުކުމާއެކު، ހައިކޯޓުގެ ހުކުމުން ޕީއެންސީއަށް ލިބުނު ގޮނޑި އެ ޕާޓީއަށް ގެއްލި، އެމްޑީޕީއަށް އަލުން ވަނީ ކައުންސިލްގެ އެ ޖާގަ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ