ކޮރަޕްޝަންގެ ވާހަކައެއް ތަހުގީގުގައި ޝަމްއާން ނުދައްކާ، ފޯނު ވެސް ހުޅުވައެއްނުދިން: ޕޮލިސް

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދުގެ މައްޗަށް ތަހުގީގު ހިންގައި ޖަލަށް ލާން ހުކުމް ކުރުމާ ގުޅޭ ގޮތުން އޭނާ ސީރިއަސް ތުހުމަތުތަކެއް ކޮށްފައި ވިޔަސް އޭނާ ދެއްކެވި ވާހަކަތަކާ ގުޅޭ ގޮތުން ތަހުގީގުގައި އެއްވެސް ކަމެއް ހިއްސާކޮށްފައި ނުވާ ކަމަށާއި ކޮރަޕްޝަނާ ގުޅޭ ހެކި ހުރި ކަމަށް ބުނާ ފޯނު ވެސް ހުޅުވައިނުދިން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ޝަމްއާންގެ މައްޗަށް ސާބިތުވެފައިވާ ފޭރުމުގައި ބައިވެރިވުމާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމާއި މަނީ ލޯންޑްރިންގެ ކުށުގެ މައްސަލައިގައި 25 އަހަރަށް ޖަލަށް ލާން މިދިޔަ އަންގާރަ ދުވަހު ވަނީ ހުކުމްކޮށްފަ އެވެ. 
އެ މައްސަލައިގައި ޝަމްއާންގެ މައްޗަށް ހުކުމް އިއްވުމުގެ ކުރިން ކްރިމިނަލް ކޯޓު ބޭރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އޭނާ ވަނީ ހޯމް މިނިސްޓަރު އަލީ އިހުސާނާއި ބަންޑާރަ ނައިބު އަހްމަދު އުޝާމް ބައިވެރިވެގެން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގަމުން ދިޔަ ކަމަށާއި ހައްޔަރުކޮށް ޖަލަށް ލުމުގެ ކަންކަން ފެށުނީ އެ ކޮރަޕްޝަންތަކުގެ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒާ ހިސާބަށް ގެންދިއުމުން ކަމަށް ތުހުމަތުކުރައްވައިފަ އެވެ. 
އެ ތުހުމަތުތައް ދޮގުކުރައްވައި އިހުސާނާއި އުޝާމް ވެސް ވަނީ ދޮގުކުރައްވައިފަ އެވެ. އަދި ޝަމްއާންގެ މައްސަލައިގެ ހަގީގަތް ހާމަކޮށްދިނުމަށް ޕޮލިހުގައި އިހުސާން އެދިވަޑައިގެންފައިވެ އެވެ.  
The most trusted news source in the Maldives
އެކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ޝަމްއާނާއި އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ގުޅިގެން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނުހައްގު މާލީ މަންފާ ހޯދައި އެ ފައިސާ ބޭނުންކޮށްގެން މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ތަހުގީގު ކުރިއަށް ގެންދިޔައީ ރާއްޖޭގެ ގާނޫނުތަކާއި ކަނޑައަޅާފައިވާ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގު ފަށައި ފުލުހުން ވަނީ މިދިޔަ އަހަރުގެ މާޗު 21 ވަނަ ދުވަހު އެކަމުގެ އަޕްޑޭޓް މީޑިއާތަކާ ހިއްސާކޮށްފަ އެވެ. އެއަށް ފަހު، މައްސަލައިގެ ތަހުގީގުގެ އަޕްޑޭޓު އެކި ފަހަރު މަތިން މީޑިއާތަކާ ހިއްސާކޮށްފައިވާނެ ކަމަށް ވެސް ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއް ރޭވުމުގެ މަރުހަލާއިން ފެށިގެން އެ އޮޕަރޭޝަން ތަންފީޒުކުރުމާ ހަމައަށް ހިނގި ހުރިހާ ކަމެއް ޝަމްއާނަށް އެނގިވަޑައިގެންނެވި ކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
އެ އޮޕަރޭޝަން މިދިޔަ އަހަރުގެ މާޗު 11 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ނަމަވެސް، އޭގެ ގާތްގަނޑަކަށް ހަފުތާއެއް ކުރިން ޝަމްއާންގެ އޮފީހުގައި އެކަމާ ގުޅޭ މަޝްވަރާތައް ބޭއްވިކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅުން ހުރި ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ރޭ، އެ މައުލޫމާތު ޝަމްއާނަށް ދިން ކަމަށެވެ. އެއަށްފަހު، އެ ބިދޭސީންގެ ތެރެއިން އެކަކު ދޫކޮށްލުމުގެ އިޖުރާއަތްތައް ފަށައި ސްޕޮންސަރުގެ ނަމުގައި އީމެއިލް މެދުވެރިކޮށް ފޮނުވި ސިޓީއެއް އިމިގްރޭޝަނަށް ލިބުމުން އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެ މީހާ ދޫކޮށްލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމާގުޅޭ މުވައްޒަފުންނަށް ޝަމްއާން އިރުޝާދު ދިންކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ބުންޏެވެ.
މީގެ އިތުރުން، ވެހިކަލް ޕާކުކުރުމަށްފަހު އިމިގްރޭޝަންގެ ދެ މުވައްޒަފަކު ސައިކަލެއްގައި ޝަމްއާން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތަށް، ފައިސާ ހުރި ކޮތަޅެއް ހިފައިގެން ދަންވަރު 3:00 ހާއިރު ވަތް ކަމަށާއި އަދި އޭގެ ގާތްގަނޑަކަށް ތިން މިނެޓް ފަހުން އެ މީހުން އެ އިމާރާތުން ނުކުތްއިރު، އެ މީހުންގެ އަތުގައި އެ ފައިސާ ކޮތަޅު ނެތް ކަމަށް ފުލުހުން ބުންޏެވެ.
އެ އިދާރާއިން ބުނީ ޖެހިގެން އައި ދުވަސް، މިދިޔަ އަހަރުގެ މާޗު 13 ވަނަ ދުވަހު، ޝަމްއާންގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ ދެ އެކައުންޓަކަށް ޖުމްލަ 259,837ރ. ޖަމާކޮށްފައިވާ ކަމަށެވެ.
"މި ތަހުގީގަކީ ވަކި ނަތީޖާއެއް ނެރުމަށް ދުރާލައި ރާވައިގެން ހިންގި ތަހުގީގެއް ކަމަށާއި ވަކި ގޮތަކަށް ބަޔާން ދިނުމަށް މީހުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ނުވަތަ ތަހުގީގުގެ ނިންމުންތަކަކީ ސިޔާސީ ފަރާތެއްގެ ނުވަތަ އެހެން ވެސް ފަރާތެއްގެ އިރުޝާދުގެ ދަށުން ނިންމާފައިވާ ނިންމުންތަކެއް ކަމަށް ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ހަގީގަތާ ހިލާފު ތުހުމަތުތަކެކެވެ. ތަހުގީގުން ނިންމާފައިވާ ހުރިހާ ނިންމުންތަކަކީ ވެސް ތަހުގީގަށް ލިބިފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް، ކަމާބެހޭ ގާނޫނުތަކާއި އުސޫލުތަކުގެ ތެރެއިން މި މުއައްސަސާއިން މިނިވަންކަމާއެކު ނިންމާފައިވާ ނިންމުންތަކެކެވެ،" ބަޔާނުގައި ވެ އެވެ.
The most trusted news source in the Maldives
"މުޅި ތަހުގީގުގެ މަރުހަލާ އާއި އޭގެ ފަހުން ހިނގި ޝަރުއީ މަރުހަލާތަކުގައި ވެސް ތަހުގީގުގެ ބޭނުމަށް ހިފަހައްޓާފައިވާ ފޯނު ހުޅުވުމަށް ބޭނުންވާ ލޮކް ކޯޑު މުހައްމަދު ޝަމްއާން ވަހީދު ދީފައިނުވެ އެވެ. އެހެންކަމުން، އެ ފޯނުގައި ހުރި މައުލޫމާތުތައް ބަލައި ތަހުގީގުކުރުމުގެ ފުރުސަތު ލިބިފައެއް ނުވެ އެވެ."
ފުލުހުން ބުނީ އެ އިދާރާގެ ބެލުމުގެ ދަށުގައި އޮތް އޭނާގެ ފޯނުގައި ކޮރަޕްޝަނާ ގުޅޭ ހެކި ހުރި ކަމަށް މީޑިއާ މެދުވެރިކޮށް މިދިޔަ އަންގާރަ ދުވަހު ބުންޏަސް، ތަހުގީގުގެ އެއްވެސް މަރުހަލާއެއްގައި އަދި މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު ޝަމްއާން ބަންދުން ދޫކޮށްލި ފަހުން މިނިވަނެއްގެ ގޮތުގައި އުޅުނުއިރު ވެސް އެފަދަ އެއްވެސް މައުލޫމާތެއް ވެސް އެ އިދާރާއާ ހިއްސާކޮށްފައި ނުވާ ކަމަށެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ގާނޫނީ މެންޑޭޓް އޮންނަ އެހެން އެއްވެސް މުއައްސަސާއަކަށް ވެސް އެފަދަ މައުލޫމާތެއް ރަސްމީކޮށް ހުށަހަޅާފައިވާކަން ފުލުހުންނަށް އެނގިފައި ނުވާ ކަމަށް ބުންޏެވެ.
ފުލުހުން ބުނީ އެ އިދާރާއިން ތަހުގީގުތައް ހިންގަނީ ވެސް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، ވަކި ފަރާތަކަށް ނުޖެހި، ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ. އަދި ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބުނެ ކުރާ ކޮންމެ ތުހުމަތަކާ ގުޅޭގޮތުން ވެސް، އެކަށީގެންވާ ހެއްކެއް ނުވަތަ މައުލޫމާތެއް އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ، އެކަމެއް ދިރާސާކޮށް، ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން ތަހުގީގުކުރާނެ ކަމުގެ ޔަގީންކަން އެ އިދާރާއިން ވަނީ ދީފަ އެވެ.
ރާއްޖޭގެ ގާނޫނުއަސާސީއާ ގާނޫނުތަކުގެ ދަށުން ކަނޑައަޅާފައިވާ އަދުލުގެ ނިޒާމަށާއި ފަނޑިޔާރުގޭގެ މިނިވަންކަމަށް ފުލުހުން ފުރިހަމައަށް އިހުތިރާމްކުރާ ކަމަށާއި ކޯޓަކުން ނިންމާފައިވާ ނިންމުމަކާމެދު އެއްވެސް ފަރާތަކުން ހިތްހަމަނުޖެހޭނަމަ ނުވަތަ އެ ނިންމުމެއް މުރާޖައާކުރަންޖެހޭކަމަށް ދެކޭނަމަ، އިސްތިއުނާފުކުރުމުގެ ހައްގުގެ ބޭނުންކުރަން ފުލުހުން ވަނީ އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ