ޖަރުމަނުގެ ކުޅުންތެރިން 600 ސަޕޯޓަރުންނަށް ދަތުރު ހަރަދު ދެނީ

މި އަހަރުގެ ވޯލްޑް ކަޕް، މިރޭ ފަށާއިރު، ހުރިހާ ކޮޅަކުން ވެސް ފެންނަނީ މައްސަލަތަކާއި ހިތްހަމަނުޖެހުމެވެ. 
ޖަރުމަން ޓީމުގެ ކުޅުންތެރިން އެއް ކަމަކަށް އެހީތެރިވާން މިހާރު ނިންމައިފި އެވެ. އެއީ ޖަރުމަންގެ ގްރޫޕް ފަހު މެޗަށް 600 ސަޕޯޓަރުން ސްޓޭޑިއަމަށް ކުރާ ދަތުރު ހަރަދު ދިނުމެވެ. އެގޮތަށް އެ ކުޅުންތެރިން ނިންމީ ދަތުރު ހަރަދު މާ ބޮޑުވުމުންނެވެ.
ގްރޫޕް އީގައި ޖަރުމަން ކުޅޭ ފަހު މެޗު އޮންނަނީ އެމެރިކާގެ ނިއު ޖާޒީގައި ހުންނަ މެޓް ލައިފް ސްޓޭޑިއަމްގަ އެވެ. ނިއު ޔޯކްގެ މެދުތެރެއިން އެ ސްޓޭޑިއަމަށް ރޭލުގައި ދާ ނަމަ އާންމުކޮށް ޓިކެޓް އުޅެނީ 12.90 ޑޮލަރު (198 ރުފިޔާ) އަށެވެ. އެކަމަކު 25 ޖޫންގައި ކުޅޭ މެޗުގެ ރޭލް ޓިކެޓްގެ އަގު 150 ޑޮލަރު (2،268ރ) އަށް އެރި އެވެ. ފަހުން އެ އަދަދު ވަނީ 98 ޑޮލަރު (1،511ރ) އަށް ތިރިކޮށްފަ އެވެ.
ސީދާ ސްޓޭޑިއަމަށް ދަތުރުކުރާ ބަހުގެ ޓިކެޓް ފުރަތަމަ އުޅުނީ 80 ޑޮލަރު (1،233ރ)ގަ އެވެ. ނަމަވެސް ފަހުން ވަނީ 20 ޑޮލަރު (308ރ) އަށް ތިރިކޮށްފަ އެވެ.
ނިއު ޖާޒީގެ ގަވަރުނަރު ވިދާޅުވީ ޓިކެޓްގެ އަގު ފުރަތަމަ އެހާ ބޮޑުވީ ދަތުރުފަތުރުގެ އިންތިޒާމްތަކަށް ފީފާއިން އެއްވެސް އެއްޗެއް ދޭން ދެކޮޅުހެދުމުން ކަމަށެވެ.
ޖަރުމަނުގެ ފުޓްބޯލް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި 600 ސަޕޯޓަރުންގެ ބަސް ދަތުރަށް އެހީތެރިވާން ކުޅުންތެރިން ވަނީ ނިންމައިފަ އެވެ.
"އިކިއުޑޯއާ ދެކޮޅަށް ކުޅޭ މެޗަށް ނިއު ޔޯކުން ނިއު ޖާޒީގެ ސްޓޭޑިއަމަށް ބަހުގައި ސަޕޯޓަރުން ގެންދިއުމުގެ ހުރިހާ ހަރަދެއް ކެޕްޓަން ޖޯޝުއާ ކިމިޗް އާއި އެހެން ކުޅުންތެރިން ދޭ ގޮތަށް ވަނީ ނިންމައިފަ އެވެ،" އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ބުންޏެވެ.
ރަޝިޔާ އާއި ގަތަރުގައި އޮތް ވޯލްޑް ކަޕްގައި ސަޕޯޓަރުން ދަނޑަށް ދާން ބަސްތައް އޮތީ ހިލެ އެވެ. އެމެރިކާއާ އެކު 2018ގައި ފީފާއިން ކުރި އެގްރިމެންޓްގައި ވެސް އެކަން ހިމެނި އެވެ. ނަމަވެސް 2023ގައި ގެނައި ބަދަލެއްގައި އޮތީ ސްޓޭޑިއަމްތަކަށް ކުރާ ދަތުރުގެ ހަރަދު  ފޫބައްދަން ޗާޖެއް ނަގާ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ