އާސިފް ހޯދަން އެހީތެރިވި ޑައިވަރުންނަށް ވަޒީރު އަދި ކޮމިޝަނަރުގެ ޝުކުރު

ދިވެހި ފުލުހުންގެ ޚިދުމަތުގައި ރަސްމީ ވާޖިބު އަދާކުރަނިކޮށް ނިޔާވި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އާސިފްގެ ހޯދުމުގެ މަސައްކަތުގައި އެހީތެރިވި 2 ޑައިވަރުންނަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާނާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ޝުކުރު އަދާކުރައްވައިފިއެވެ.
ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އާސިފް ނިޔާވީ ރޭ ދަންވަރުގެ ވަގުތެއްގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި "ޕޮލިސް ލޯންޗް 57" ގައި ހަރަކާތްތެރިވަމުން ދަނިކޮށްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަޙްމަދު އާސިފް ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަނިކޮށް އޭނާ ފެނުނީ މޫދު އަޑިންނެވެ.
ފުލުހުން ވިދާޅުވީ މި އޮޕަރޭޝަނުގައި އެހީތެރިވެދެއްވާފައިވަނީ ކ. ގާފަރު، ބްލޫ ހެވަން، އަޙްމަދު ފައިޞަލްއާއި އއ. އުކުޅަސް، މީރާޒް، ޞައްދާމު އަޙްމަދު ކަމަށެވެ. ރަސްމީ ޑިއުޓީގައި އުޅެނިކޮށް ގެއްލުނު އޮފިސަރު ހޯދުމަށާއި ހަށިގަނޑު ރިކަވަރ ކުރަން ކުރެވުނު މަސައްކަތުގައި މި ދެ ޑައިވަރުން މުހިންމު ދައުރެއް އަދާކުރެއްވިކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ވަޒީރު އަދި ކޮމިޝަނަރ ވަނީ މިއަދު އެ ދެ ބޭފުޅުންނަށް ވަކިވަކިން ފޯނުން ގުޅުއްވައި، އެ ނާޒުކު ވަގުތުގައި އަމިއްލައަށް އިސްނަންގަވައިގެން އެހީތެރިވެދެއްވި ކަމަށްޓަކައި، އެ ބޭފުޅުންގެ އަމިއްލަ ނަންފުޅުގައާއި ފުލުހުންގެ މުއައްސަސާގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެހީތެރިކަމަކީ، ދިމާވާ ހާދިސާތަކުގައި ދިވެހި މުޖުތަމައުން ފެންނަ އެއްބައެއްވަންތަކަމާއި އޯގާތެރިކަމުގެ މަތިވެރި ނަމޫނާއެއްކަން އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
މި އޮޕަރޭޝަނުގައި އެ ދެ ޑައިވަރުން ފޯރުކޮށްދިން އެހީތެރިކަމަކީ ވަރަށް އަގުހުރި މަސައްކަތެއްކަން ފާހަގަކުރައްވައި، ކުއްލި ހާލަތްތަކުގައި ސަލާމަތީ ޚިދުމަތްތަކާއި، އާންމުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަންވެސް އެ ބޭފުޅުން ފާހަގަކުރައްވާފައިވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ވަނީ ނިޔާވި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އާސިފްގެ އާއިލާއަށާއި، ލޯބިވާ ފަރާތްތަކަށް، އަދި ރަހުމަތްތެރިންނާއި އެކުގައި މަސައްކަތްކުރެއްވި އެންމެހާ މުވައްޒަފުންނަށް ތަޢުޒިޔާ ދަންނަވާފައެވެ.
އާސިފް ނިޔާވިއިރު އޭނާގެ ރޭންކަކީ ސީނިއާ ސާޖެންޓް ކަމުގައިވިޔަސް އަޙްމަދު އާސިފް ދެއްކެވި ނަމޫނާ މަސައްކަތާއި، މަސައްކަތަށް ބެހެއްޓެވި ފަރުވާތެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން، އޭނާއަށް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކް ވަނީ އަރުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ