ޓްރަމްޕް އެނިމޭ ކެރެކްޓާތައް ބޭނުންކުރާތީ ޖަޕާނުގައި ހިތްހަމަނުޖެހުން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރައްވާ ޕޯސްޓުތަކުގައި ޖަޕާނުގެ މަޝްހޫރު އެނިމޭ އަދި މަންގާ ކެރެކްޓާތައް ބޭނުންކުރައްވާތީ، ޖަޕާނުގެ ގިނަ ބައެއްގެ ނުރުހުން އެމަނިކުފާނަށް އަމާޒުވާން ފަށައިފި އެވެ.
މި މައްސަލައިގައި އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދެން ފެށީ މި އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. އެއީ ޖަޕާނުގެ މަޝްހޫރު އެނިމޭ ކެރެކްޓާތައް ކަމަށްވާ "ނަރުޓޯ"، "ޕިކާޗޫ" އަދި "ޔޫ-ގީ-އޯ" ފަދަ ކެރެކްޓާތަކުގެ ފޮޓޯތައް ޓްރަމްޕް ބޭނުންކުރައްވަން ފެއްޓެވުމުންނެވެ. ބައެއް ފޮޓޯތަކުގައި ޓްރަމްޕް ވަނީ އަމިއްލަފުޅު ސޫރަ އެ ކެރެކްޓާތަކާ އެއްގޮތަށް ސިފަކުރައްވާފަ އެވެ.
މިކަމާ ގުޅިގެން މިހާތަނަށް ގާތްގަނޑަކަށް 20،000 މީހުން ވަނީ އޮންލައިން ޕެޓިޝަނެއްގައި ސޮއިކޮށްފަ އެވެ. އެ މީހުން ވަކާލާތު ކުރާ ގޮތުގައި ޓްރަމްޕްގެ އަމަލުތަކާއި އެ ކެރެކްޓާތަކުން ރަމްޒުކޮށްދޭ ސިފަތަކާ އެއްވެސް ގުޅުމެއް ނެތެވެ. އަދި ސިޔާސީ ބޭނުންތަކަށް މިފަދަ ކެރެކްޓާތައް ބޭނުންކުރުމަކީ އެ އުފެއްދި ފަރާތްތަކުގެ ހައްގުތަކަށް އަރައިގަތުން ކަމަށް ވެސް އެ ފަރާތްތަކުން ބުނެ އެވެ.
ޕޮކެމޯން ކޮމްޕެނީ އިންޓަނޭޝަނަލް އިން ވަނީ ޓްރަމްޕް އެ ކުންފުނީގެ އުފެއްދުންތައް ބޭނުންކުރެއްވި ކުރުން ކުށްވެރިކޮށްފަ އެވެ. އަދި އެ ކުންފުނީގެ އުފެއްދުންތައް ބޭނުންކުރުމުގެ ހުއްދަ ވައިޓް ހައުސްއަށް ދީފައި ނުވާނެ ކަމަށް ބުންޏެވެ. 
ވައިޓް ހައުސްގެ ރަސްމީ އެކްސް އެކައުންޓުން މާޗް މަހު އާންމުކުރި ވީޑިއޯތަކެއްގައި، އީރާނަށް އެމެރިކާ ސިފައިން ދިން ހަމަލާތަކުގެ މަންޒަރުތަކާއެކު "ޔޫ-ގީ-އޯ" އަދި "ޑްރެގަން ބޯލް" ގެ ކްލިޕްތައް ވަނީ ހިމަނާފަ އެވެ. އަދި އޭގެ އެއް ދުވަސް ކުރިން އެ އެކައުންޓުން ވަނީ "މޭކް އެމެރިކާ ގްރޭޓް އެގެއިން" މި ޝިއާރު ޖަހާފައިވާ ފޮޓޯއެއް އާންމުކޮށްފަ އެވެ. އެ ފޮޓޯއަކީ ޕޮކެމޯންގެ "ޕޮކޯޕިއާ" ވީޑިއޯ ގޭމުން ނަގާފައިވާ މަންޒަރެއް ކަމަށް ބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ