އެމެރިކާގެ ހަމަލާތަކަށްފަހު އީރާނުން ބަދަލުހިފައި، ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފި
އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ އެކި އަމާޒުތަކަށް ދިން ހަމަލާތަކަށްފަހު، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ކުވޭތު، ބަހްރެއިން އަދި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބަދަލުހިފުމުގެ ހަމަލާތަކެއް ދީ, ހުރްމުޒް ކަނޑުއޮޅި ބަންދު ކޮށްފިއެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އީރާނަށް ދިން ހަމަލާތަކަކީ އަމިއްލަ ދިފާއުގައި ދިން ހަމަލާތަކެއް ކަމަށް ބުނެފައި ވަނިކޮށެވެ. އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދެ ފަރާތުގެ ހަމަލާތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށް ކުރިން ބެލެވުނު ނަމަވެސް، އީރާނުގެ އާންމުން ތިބީ އެމެރިކާގެ ކުއްލި ހަމަލާއަކަށް އިންތިޒާރުކޮށްގެންނެވެ. އީރާނުގެ އަސްކަރީ ކޮމާންޑުން ވަނީ ދުނިޔޭގެ ތެލުގެ ވިޔަފާރިއަށް އެންމެ މުހިންމު އެއް މަގު ކަމަށްވާ ހުރްމުޒް ކަނޑުއޮޅި އެއްކޮށް ބަންދުކޮށްފައެވެ. އަދި އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ. ހަމަލާތަކާ ގުޅިގެން ކުވޭތުގެ މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ. ކުވޭތު އެއާވޭސްގެ ހުރިހާ ދަތުރުތަކެއް ހުއްޓާލާފައިވާއިރު، އުރުދުންގެ ވައިގެ ސަރަހައްދަށް މިސައިލާއި ޑްރޯން ވަދެފައިވާ ކަމުގެ ރިޕޯޓުތަކާ ގުޅިގެން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އުރުދުންގައި ތިބި މީހުން ރައްކާތެރި ތަންތަނަށް ވަނުމަށް އަންގާފައެވެ. އީރާނުގެ ހަމަލާއިން ބަހްރެއިންެގެ ސަރަހައްދެއްގައި އަލިފާން ރޯވެފައި. ފޮޓޯ/ބަހްރެއިން އިންޓީރިއާ މިނިސްޓްރީ ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އީރާނުގެ އެތެރޭގެ އަމާޒުތަކަށް 49 ޓޮމަހޯކް މިސައިލް ފޮނުވާލާފައިވާ ކަމަށެވެ. މީގެ ތެރެއިން ބައެއް ހަމަލާތައް އީރާނުގެ ވެރިރަށް ތެހެރާނާ 40 މޭލު ކައިރިއަށް އަމާޒުކޮށްފައިވާއިރު، އެމެރިކާގެ ފައިޓާ ޖެޓުތަކުން ވަނީ ގަލްފު ސަރަހައްދުގައި ހުރި އީރާނުގެ ރާޑަރާއި ވައިގެ ދިފާއީ ނިޒާމުތަކަށް ހަމަލާދީފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އީރާނުން އެމެރިކާގެ ހުށަހެޅުންތަކަށް އެއްބަސްނުވެއްޖެނަމަ، އަނެއްކާވެސް ހަމަލާދޭނެއެވެ. އަދި އީރާނުގެ އިސް އޮފިޝަލުން ހަމަލާތައް ހުއްޓާލުމަށް އެދި ގުޅުއްވި ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އީރާނުން ވަނީ އެކަން ދޮގުކޮށްފައެވެ. އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު ވިދާޅުވީ، އީރާނުގެ މުހިންމު ތަންތަނަށް ހަމަލާދިނީ ދާއިމީ ހަމަލާބަދަލުކުރުން ހުއްޓާލުމަކަށް ވާސިލުވުމުގެ މަގުސަދުގައި ކަމަށެވެ. އަލް ޖަޒީރާގެ ނޫސްވެރިޔާ އެލަން ފިޝާ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާތަކަކީ ބޮމުގެ ބޭނުންކޮށްގެން އީރާނު އަނބުރާ މަޝްވަރާގެ މޭޒުދޮށަށް ގެނައުމަށް އެމެރިކާއިން ކުރާ މަސައްކަތެކެވެ. އެމެރިކާގެ ރިޓަޔާޑް ޖެނެރަލް މާކް ކިމިޓް ވިދާޅުވި ގޮތުގައި، ވިއެޓްނާމް ހަނގުރާމައިގައިވެސް ބޭނުންކުރި މި އުކުޅު އީރާނަށް ކާމިޔާބުވުމާމެދު ސުވާލު އުފެދެއެވެ. ސަބަބަކީ އީރާނަކީ ކެތްތެރިކަން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ ގައުމަކަށް ވުމެވެ. އެމެރިކާގެ ހަމަލާތަކުގައި އީރާނުގެ ހޮރްމޮޒްގާން ޕްރޮވިންސްގެ ސިރިކް ކައުންޓީގައި ހުރި ފެން ރައްކާކުރާ ކޮންކްރީޓް ދެ ތާނގީއަކަށް ވަނީ ގެއްލުންވެފައެވެ. ނަމަވެސް 12 ގަޑިއިރު ނުވަނީސް އެ ސަރަހައްދަށް އަލުން ފެން ފޯރުކޮށްދީފައިވާ ކަމަށް އީރާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ނިއުޔޯކް ޓައިމްސްގެ ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި މި ތަންތަނަށް ހަމަލާދީފައިވަނީ ޕްރިސިޝަން-ގައިޑެޑް ހަތިޔާރު ބޭނުންކޮށްގެންނެވެ. މީގެ އިތުރުން، އޭޕްރީލް 16 ގައި އެމެރިކާއިން އިއުލާނުކުރި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފަށް އިސްރާއީލުން ދަނީ ލުބުނާނަށް ހަމަލާދެމުންނެވެ. އެގޮތުން ދެކުނު ލުބުނާނުގެ ސައިޑާގައި އުޅަނދަކަށް ދިން ހަމަލާއެއްގައި ދެ މީހަކު މަރުވެފައިވާއިރު، ލުބުނާނުން ފޮނުވާލި ދެ ޕްރޮޖެކްޓައިލްއެއް ދެކުނު ލުބުނާނުގައި ހަރަކާތްތެރިވާ އިސްރާއީލު ސިފައިންނާ ކައިރިއަށް ވެއްޓިފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ