ގަޕޯ ޗެއާޕާސަން ކަމުން ވަކިކުުރުމަށް ބާއްވާ ގައުމީ މަޖިލިސް އަންނަ ހޯމައިގައި!

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުގައި ހުރި އަބްދުލްޣަފޫރު މޫސާ (ގަޕޯ) އެ މަގާމުން ވަކިކުރުމުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށް ބާއްވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުން އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފިއެވެ.
އެމްޑީޕީގެ ސެކްރެޓޭރިއަޓުން ގައުމީ މަޖިލީހުގެ މެމްބަރުންނަށް ރޭ ފޮނުވި މެސެޖެއްގައި ވަނީ ޣަފޫރު ވަކިކުރުމަށް ހުށައަޅާފައިވާ މައްސަލައަށް ގޮތެއް ނިންމުމަށް އަންނަ ހޯމަ ދުވަހު ބައްދަލުވުމެއް އޮންނާނެ ކަމަށް އަންގާފައެވެ. ނަމަވެސް، މި ބައްދަލުވުން ބާއްވާނެ ސީދާ ގަޑިއާއި ތަނެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
މިވަގުތު އެމްޑީޕީގެ ވަގުތީ ޗެއާގެ ގޮތުގައި ޣަފޫރު ހުންނެވި ނަމަވެސް، ޕާޓީގެ ތެރޭގައި ވަނީ ގިނަ މައްސަލަތަކެއް އުފެދިފައެވެ. މި މައްސަލަތައް އިތުރަށް ގޯސްވީ، ކާމިޔާބީ ފާހަގަކުރުމަށް އެމްޑީޕީން ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ޗެއާޕާސަން ވާހަކަ ދައްކަވާ ގޮތަށް ހަމަޖައްސައި އެކަން އެންގެވުމަށް ފަހު، ކުއްލި ގޮތަކަށް އެޖެންޑާއަށް ބަދަލު ގެނައި ކަމަށް ބުނާ މައްސަލައާ ގުޅިގެންނެވެ.
ޣަފޫރުގެ އިތުބާރު ނެތްކަމުގެ މަސައްކަތް ފެށިގެން ދިޔައީ، ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން އިބްރާހިމް ވަހީދު (އިބްރޭ) އާއި ލީގަލް އެޑްވައިޒަރުގެ މަގާމުން މައުރޫފް (މާއްޓޭ) ވަކި ކުރުމާ ގުޅިގެންނެވެ. ޣަފޫރު މަގާމުން ވަކިކުރުމުގެ ޕެޓިޝަން އޭޕްރިލް 8 ވަނަ ދުވަހު ހުށަހެޅީ ގައުމީ މަޖިލީހުގެ 55 މެމްބަރުންގެ ސޮޔާއެކުގައެވެ.
މި މައްސަލައާ ގުޅިގެން ޣަފޫރު ”ސަންގު“ އަށް ވިދާޅުވީ “ މަގާމުން އިސްތިއުފާއެއް ނުދޭނަން“ ކަމަށެވެ. އަދި ވޯޓަކަށް ގޮސްގެން މަގާމުން ވަކިކުރަން ނިންމައިފި ނަމަ އެކަމަށް ތައްޔާރަށް ހުންނެވި ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ އެތެރޭގެ މަސްލަހަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި، އަންނަ ހޯމަ ދުވަހުގެ ބައްދަލުވުމަކީ ޕާޓީގެ ކުރިމަގަށް ނުހަނު މުހިންމު ނިންމުންތަކެއް ނިންމާނެ ބައްދަލުވުމެއް ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ