ބަދަލުގެ ގޮތުގައި 36 ރަށާއި ފަޅެއް އަދި ދެ ބިލިއަނަށްވުރެ އިތުރަށް ފައިސާ ދީފައިވޭ!

އެމްޑީޕީގެ ވެރިކަމުގައި ގާނޫނީ ހަމަތަކުން ބޭރުން ގާނޫނުއަސާސީއާއިވެސް ހިލާފަށް ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ރަށްތައްދީފައިވާކަމަށާއި ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާވެސް ދީފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ވެރިކަމުގެ ދައުރުގައި އެކި ސަބަބުތަކާއި ގުޅިގެން ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާގެ މައްސަލަ މާލިއްޔާތު ކޮމިޓީއިން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށައަޅުއްވައިދެއްވަމުން މެމްބަރު ނާޒިމް ވިދާޅުވީ، މި މައްސަލަ ބެލުމަށްޓަކައި ކަމާއި ގުޅުންހުރި ހުރިހާ ލިޔެކިއުމެއް އެއްފުރާޅެއްގެ ދަށަށް މަޖިލީހުގެ ކޮމިޓީއަށް ގެނެވުނުކަމަށެވެ. އޭގެ ތެރޭގައި ރައީސް އޮފީހުގައި ހުރި ލިޔުންތަކާއި ބަންޑާރަނައިބުގެ އޮފީހުގައި ހުރި ލިޔުންތަކުގެ އިތުރުން އޮޑިޓު އޮފީސް އަދި ފިނޭންސް މިނިސްޓްރީއާއި ފަތުރުވެރިކަމުގެ ވުޒާރާގައި ހުރި ލިޔުންތައްވެސް ހިމެނޭކަމަށެވެ.
ނާޒިމް ވިދާޅުވީ، އެ ލިޔުންތައް ކޮމިޓީއަށް ގެނައުމަށްފަހު ހަ ބައްދަލުވުމެއް ބޭއްވިފައިވާކަމަށާއި 6 ގަޑީރާއި ތިރީސް މިނެޓު ލިޔުންތައް ދިރާސާކުރުމުގައި ހޭދަކުރެވިފައިވާކަމަށެވެ. އަދި ރިޕޯޓު ތައްޔާރުކުރުމުގައިވެސް ގިނަ ވަގުތުތަކެއް ހޭދަކޮށްފައިވާކަމަށް މައުލޫމާތު ދެއްވިއެވެ. ނާޒިމް ވިދާޅުވީ، މައުލޫމާތުތައް މާލިއްޔާތު ކޮމިޓީއަށް ލިބުމާއިއެކު ކޮމިޓީއިން އެންމެ މުހިންމު ސުވާލެއް އުފެއްދީ ބަދަލު ދިނުމުގެ ގާނޫނީ ބިނާއާއިމެދުކަމަށެވެ.
އޭނާ ވިދާޅުވީ، ކޮމިޓީންވަނީ މިއީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށް ދީފައިވާ ބަދަލުތަކެއް ކަމާއިމެދު ސުވާލު އުފައްދާފައިކަމަށާއި ކޮމިޓީއިން އެކަންކަން ބެލިއިރު މިއީ ގާނޫނުއަސާސީގެ 271 ވަނަ މާއްދާއާއި 94 ވަނަ މާއްދާއާއި ހިލާފަށް ދީފައިވާ ބަދަލުތަކެއްކަން ފާހަގަކުރެވުނުކަމަށެވެ.
ނާޒިމް ވިދާޅުވީ، ދައުލަތުގެ މިލްކުގައި ހިމެނޭ އެއްވެސް އެއްޗެއް އެއްވެސް ފަރާތަކަށް ދޭންވާނީ ނުވަތަ ވިއްކަންވާނީ ނުވަތަ ކުއްޔަށް ދޭންވާނީ ނުވަތަ ދޫކޮށްލަންވާނީ ނުވަތަ ރަހުނު ކުރަންވާނީ ނުވަތަ ނައްތާލަންވާނީ އަދި އެނޫންވެސް އެފަދަކަމަކާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރަންވާނީ ގާނޫނުގައިވާގޮތުގެމަތިންކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަމަށެވެ. އަދި އެ ގާނޫނަކީ މާލިއްޔާތާއިބެހޭ ގާނޫނުކަން ހިއްސާކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ގަވައިދަކީ މާލިއްޔާތު ގާނޫނުގެ ދަށުން ހެދިފައިވާ ގަވައިދެއްކަމަށާއި މާލިއްޔާތު ކޮމިޓީން ބެލިބެލުމުގައި ރައީސް އޮފީހުން އުފެއްދި ސެޓެލްމެންޓު ކޮމިޓީއެއްގެ ފަރާތުން މި މަސައްކަތްތައްކޮށް ބަދަލުތައް ދިނުމަށް އެއްބަސްވެ ސެޓްލްމެންޓުތައް ހަދާފައިވަނީ ގާނޫނުއަސާސީއާއި ހިލާފަށްކަން ފެނިގެންދާކަމަށެވެ. ނާޒިމް ވިދާޅުވީ، ބަދަލުދީފައިވަނީ މާލިއްޔާތު ގާނޫނާއި ހިލާފަށްކަމަށާއި އެކަންކަން ކުރިއަށް ގެންގޮސްފައިވަނީ އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވައިދުތަކާއިވެސް ހިލާފަށްކަމަށެވެ.
ނާޒިމް ވިދާޅުވީ، އެއްވެސް ގާނޫނީ އަސާސްއެއްގެ މައްޗަށް ބިނާނުކޮށް އެ ކޮމިޓީގެ މަސައްކަތްތަކަށާއި އުސޫލުތަކަށް ގާނޫނީ ހިޔާވަހިކަން ނުދީ މިކަންކަން ކުރުމުގެ ނަތީޖާއެއްގެ ގޮތުން ހެދިފައިވާ ސެޓަލްމެންޓުތައް ގާނޫނުއަސާސީއާއި ހިލާފުވާކަމަށެވެ. އޭނާ ވިދާޅުވީ، ބުއްދީގެ ހަމަތަކުން ބަލާއިރު މިފަދަ މަސައްކަތްތަކެއް ކުރެވިފައިވާނީ ކޮންމެވެސް ގާނޫނީ ހަމަތަކެއްގެ މަތިންކަމަށް ގަބޫލުކުރެވިގެންދާނެކަމަށެވެ. އެހެންނަމަވެސް މިކަންކަން ކޮށްފައިވަނީ އެއްވެސް ގޮތަކަށް ގާނޫނަށް ބެލުމެއް ނެތިކަން ހިތާމައާއިއެކު ދަންނަވާކަމަށެވެ.
އޭނާ ވިދާޅުވީ، ގާނޫނުއަސާސީއާއި ގާނޫނުގައިވެސް ބަޔާންކޮށްފައިވާ އެއްވެސް ކަމަކަށް ބެލުމެއް ނެތި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުންވަނީ ބަދަލުތަކެއް ދީފައިކަމަށެވެ. އޭނާ ވިދާޅުވީ، ފަތުރުވެރިކަމުގެ ވުޒާރާގެ މައުލޫމާތުތަކަށް ބެލުމުން 36 ރަކަށާއި ފަޅެއް ބަދަލުގެ ގޮތުގައި ދީފައިވާކަން ފެންނަން އޮތްކަމަށާއި ބަދަލުގެ ގޮތުގައި ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައިވާކަންވެސް ފެނިގެންދާކަމަށެވެ.
ނާޒިމް ވިދާޅުވީ، އެއްވެސް ގާނޫނީ ބާރުވެރިކަމެއް ނެތި މި އަމަލުތައް ހިންގާފައިވާތީ ކޮމިޓީއިންވަނީ ދެ ރިކޮމެންޑޭޝަނެއް ދީފައިކަމަށެވެ. އޭނާ ވިދާޅުވީ، މި މަސައްކަތްތަކުގައި ބަންޑާރަ ނައިބުގެ އެއްވެސް ބަހެއް ހޯދާފައިނެތްކަމަކީވެސް ފާހަގަކުރުން  މުހިންމު ނުކުތާއެއްކަމަށާއި އަދި މިކަމަކީ ގާނޫނާއި ހިލާފު ކަމެއްކަން އެނގިވަޑައިގަންނަވާކަމަށްވުމުން އެއްވެސް ލަފާއެއް ދެއްވާފައިނުވަނީކަމަށް ގަބޫލުކުރައްވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ