ސަރުކާރުން އުފެއްދި ބޭސް ކުންފުނި، ސްޓޭޓް ފާމާގެ ދަށަށް އެސްޓީއޯއިން ހިންގި ބޭސް ފިހާރަތައް ބަދަލުކޮށް މިއަދު ހިދުމަތް ދޭން ފަށައިފި އެވެ.
ސްޓޭޓް ފާމާގެ ދަށަށް ބަދަލު ކުރަން އެސްޓީއޯގެ ފާމަސީތައް ބަންދު ކުރީ ޖޫން 24، ގަ އެވެ. އެއިރު ބުނީ ޖޫން 24، ގައި ފިހާރަތައް ހުޅުވާނެ ކަމަށެވެ. ނަމަވެސް އަލުން ފިހާރަތައް ހުޅުވުނީ މިއަދު ކަމަށް ސްޓޭޓް ފާމާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ސްޓޭޓް ފާމާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ކުންފުނީގެ އަމާޒަކީ ބޭހުގެ ހިދުމަތް ފަސޭހަކަމާއެކު މުޅި ރާއްޖެއިން ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ.
"އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކީ މުޅި ރާއްޖޭގައި ބޭހުގެ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދީ މި ހިދުމަތް އިތުރަށް ހަރުދަނާކޮށް ފެންވަރު ރަނގަޅު ކުރުމުގައި ސާބިތުކަމާއެކު ދެމިތިބުން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެސްޓީއޯގެ ބޭސް ފިހާރަތަކާ ހަވާލުވާ މަރުހަލާގައި ރައްޔިތުންނަށް ހިދުމަތް ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ވެސް ސްޓޭޓް ފާމާއިން ބުންޏެވެ. އެކަމާ އެކުންފުނިން ވަނީ މައާފަށް އެދިފަ އެވެ.
އޭގެ އިތުރުން އެ ކުންފުނިން ވަނީ، ބޭހުގެ ކަންކަމުގައި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް 24 ގަޑިއިރު ގުޅޭނެ ހޮޓްލައިނެއް ތައާރަފުކޮށްފަ އެވެ. ހޮޓްލައިނުގެ ނަންބަރަކީ 1505 އެވެ.
ސްޓޭޓް ފާމާގެ ދަށުގައި 194 ބޭސް ފިހާރަ ހިންގާނެ އެވެ. އައިޖީއެމްއެޗް އެތެރޭގައި މިފަހުން ހުޅުވި ބޭސް ފިހާރަ ފިޔަވައި އެއީ މުޅިން ވެސް އެސްޓީއޯއިން ހިންގި ބޭސް ފިހާރަތަކެވެ.
ސަރުކާރުން ބޭސް ކުންފުންޏެއް ހެދީ ބޭސް ނުލިބުމުގެ މައްސަލަ ވަރަށް ބޮޑުވެފައި ވަނިކޮށެވެ. އަދިވެސް އެ މައްސަލައަކަށް ހައްލެއް ނުލިބެ އެވެ. އެސްޓީއޯއަކީ ރާއްޖެއަށް އެންމެ ގިނައިން ބޭސް އެތެރެ ކުރާ ކުންފުނި ނަމަވެސް ބޭސް ނުލިބޭ މައްސަލައިގައި ރައީސް މުހައްމަދު މުއިއްޒު ގޯސް ކުރެއްވީ އަމިއްލަ ކުންފުނިތަކެވެ.
ބޭސް ނުލިބުމުގެ މައްސަލަ ބޮޑުވެފައިވާއިރު، އިންޑިއާއިން ބޭސް ގެނައުން ހުއްޓާލައި ޔޫރަޕުން ބޭސް ގެނައުމަށް ރައީސް މުއިއްޒު ވަނީ ޖެނުއަރީ، 2024، ގައި ވައުދުވެވަޑައިގެންނެވި އެވެ. އެއީ އިންޑިއާއަށް ބަރޯސާވެފައިވާ މިންވަރު ކުޑަ ކުރަން އެމަނިކުފާނު އެކުލަވާލި މަގު ޗާޓުގެ މުހިން ނުކުތާއެކެވެ.
ނަމަވެސް ރާއްޖެއަށް ބޭސް އެތެރެ ކުރުމުގެ އެއްބަސްވުމެއްގައި އޭގެ ފަހުން ސަރުކާރުން ވަނީ އިންޑިއާ ސަރުކާރުގެ ކުންފުންޏަކާއެކު ސޮއިކޮށްފަ އެވެ.
އެސްޓީއޯގެ ބޭސް ފިހާރަތަކަށް ސްޓޭޓް ފާމާގެ ދަށަށް ބަދަލުކޮށް ހިދުމަތް ދޭން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ